ޚަބަރު
ޑިވެލޮޕްމަންޓް ބޭންކްގެ ޑިރެކްޓަރުންގެ ބޯޑަށް 4 ބޭފުޅުން ޕީސީބީން އައްޔަނުކޮށްފި

ޑިވެލޮޕްމެންޓް ބޭންކް/ފޮޓޯ: އިންޓަރނެޓް
ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑަށް 4 ބޭފުޅުން، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީން) އައްޔަންކޮށްފިއެވެ.
ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން ޢައްޔަނުކޮށްފައިވަނީ، ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި މޮނީޓަރކުރުމުގެ ޤާނޫނުގެ ދަށުންނެވެ. އެގޮތުން، މި ބޯޑަށް އައްޔަނުކޮށްފައިވަނީ މއ. މާފުނަ ޙަސަން މިރާސް އާއި މ. ލަންސިމޫގެ އަޙްމަދު ޢަޒްޔާން ޙަމީދު އާއި ދ.ކުޑަހުވަދޫ/ތިކުރީތު، މަޢީޝާ އިބްރާހީމް އާއި ގދ.ރަތަފަންދޫ/ ޗަނބޭލީވިލާ، އަޒްމީން ރަޝީދުއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދެއްގެ ގޮތުގައި އުފެއްދެވި މި ބޭންކުގެ މައިގަނޑު މަޤްޞަދަކީ ކުޑަ އިންޓްރެސްޓް ރޭޓެއްގައި ތަރައްޤީގެ މުހިންމު މަޝްރޫޢުތަކަށާއި އަމިއްލަ ބޮޑެތި އިންވެސްޓްމަންޓްތަކަށް ލޯނު ލިބޭނެ މަގު ތަނަވަސްކޮށްދިނުމެވެ. ހަމަ އެހެންމެ، ދެމެހެއްޓެނިވި އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް އިންވެސްޓުކުރުމާއި، ޢުމްރާނީ ތަރައްޤީއަށް ބޭނުންވާ ފައިސާ ހޯދުމާއި، ދިވެހިރާއްޖޭގެ ބޭންކިންގ ނިޒާމުގައި ބޭރު ފައިސާ ބެހެއްޓުމުގެ ޝައުޤުވެރިކަން އިތުރުކުރުމަކީވެސް މި ބޭންކުގެ އަމާޒެކެވެ.
ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑަށް 4 ބޭފުޅުން ނިމިދިޔަ ޖޫން މަހުގެ 29 ވަނަ ދުވަހު އައްޔަނުކޮށްފައިވާއިރު، ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސްގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުންފުންޏެއް އުފައްދަވާފައިވަނީ 2024 ވަނަ އަހަރުގެ މެއި މަހުގެ 16 ވަނަ ދުވަހުއެވެ.