Ads by Stelco

ޚަބަރު

ހަނިމާދޫ އެއާރޕޯޓު މި އަހަރުގެ ސެޕްޓަމްބަރުގައި ނިންމޭނެ: ވަޒީރު މުއްޠަލިބު

ހަނިމާދޫ އެއާރޕޯޓު މި އަހަރުގެ ސެޕްޓަމްބަރުގައި ނިންމޭނެ: ވަޒީރު މުއްޠަލިބު

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓާރމިނަލް---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

01 ޖުލައި 2025، 10:02

01 ޖުލައި 2025، 10:02

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އާ ޓަރމިނަލްގެ މަސައްކަތްތައް ރޭވުމާ އެއްގޮތަށް ކުރިޔަށް ގޮސް، މި އަހަރުގެ ސެޕްޓެންބަރު މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމުގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ކުރެއްވެވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ، އައު ރަންވޭގެ މަސައްކަތް މިހާރު އެއްކޮށް ނިމިފައިވާކަމަށެވެ. އަދި ޕެސެންޖަރ ޓާރމިނަލްގެ މަސައްކަތުގެ %83 ނިމިފައިވާއިރު، އެއަރ ޓްރެފިކް ކޮންޓްރޯލް ޓަވަރާއި، ހޭންގަރ އަދި ކާރގޯ އިމާރާތުގެ %96 ނިމިފައިވާ ކަމަށެވެ. މި މަސައްކަތްތަކާއެކު މުޅި މަޝްރޫޢުގެ %88.7 ނިމިފައިވާކަމަށް ވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.



ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢަކީ އުތުރުގެ ތަރައްޤީއަށް އެންމެ ބޮޑު ކުރިއެރުމެއް ގެންނާނެ އެއް މަޝްރޫޢެވެ. 2022 ވަނަ އަހަރު ފެށި މި މަޝްރޫޢަކީ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް، ޙަޤީޤީ ބައިނަލްއަޤްވާމީ ވައިގެ ބަނދަރެއްގެ ގޮތުގައި ޚިދުމަތް ދިނުމަށް ފެށި މަސައްކަތެކެވެ.

މި އެއާރޕޯޓުގައި އަލަށް ތަރައްޤީކޮށްފައިވާ ރަންވޭގައި 2،460 މީޓަރު ހުރެއެވެ. މިއީ ދުނިޔޭގައި ބޭނުންކުރާ އެންމެ ބޮޑެތި ބޯޓުފަހަރާ ގާތްކުރާ ސައިޒުގެ ބޯޓުތައް ޖެއްސޭ ފެންވަރުގެ ރަންވޭއެކެވެ.

ގާތްގަނޑަކަށް ދެ ބިލިއަން ރުފިޔާގެ މި މަޝްރޫޢުގައި، ހަނިމާދޫ އިންޓަރނޭޝަން އެއަރޕޯޓުން އަހަރަކު 1.3 ފަސެންޖަރުންނަށް ޚިދުމަތް ދެވޭނެއެވެ. 

ހަނިމާދޫ އެއާރޕޯޓުގެ ޓަރމިނަލް ތަރައްޤީކުރަނީ ދެ ފަންގިފިލާއަށެވެ. އެންމެ ތިރީ ފަންގިފިލާ ޚާއްޞަކުރަނީ އެތެރޭގެ އުދުހުންތަކަށެވެ. އަދި ފުރަތަމަ ފަންގިފިލާ ބޭނުންކުރާނީ ބައިނަލްއަޤްވާމީ ދަތުރުތަކަށެވެ. އަތޮޅުތަކުގެ އެއަރޕޯޓެއްގައި ބޭނުންކުރާ ފުރަތަމަ އެއިރޯ ބްރިޖްވެސް ހުންނާނީ ހަނިމާދޫ އެއަރޕޯޓްގައެވެ. ކޮންމެ ފަންގިފިލާއެއްގައި 2 ގޭޓު ހިމެނެއެވެ.

މި މަޝްރޫޢު ނިމުމުން، ހަނިމާދޫ އެއަރޕޯޓުގައި އޭ-320 އަދި ބޮއިންގް-737ގެ މަރުކާގެ ފްލައިޓްތަކަށް ޚިދުމަތް ދެވޭނެއެވެ. އަދި އެއްފަހަރާ 9 ފްލައިޓް ކުރެވޭނެ ޖާގައިގެ އޭޕްރަންއެއް ވަނީ ތަރައްޤީކޮށްފައެވެ. އެއީ 3 އެއަރބަސް އަދި 6 އޭޓީއާރް މަތިންބޯޓަށް އެއްފަހަރާ ޕާކުކުރެވޭނެ ޖާގައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS