ޚަބަރު
ރާއްޖޭގެ ފުރަތަމަ އެސްއީޒެޑް މަޝްރޫޢުގެ އެއްބަސްވުމުގައި ކެނެޑާގެ ކުންފުންޏަކާއެކު ސޮއިކޮށްފި

ރާއްޖޭގެ ފުރަތަމަ އެސްއީޒެޑް މަޝްރޫޢުގެ އެއްބަސްވުމުގައި ކެނެޑާގެ ކުންފުންޏަކާއެކު ސޮއިކުރުން/ފޮޓޯ: ޕީއެސްއެމް
ހުލާސާ
ރާއްޖޭގެ ފުރަތަމަ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ސޯލާ ސިޓީ މަޝްރޫޢުގެ އެއްބަސްވުމުގައި ކެނެޑާގެ ކުންފުންޏަކާއެކު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު ސިންގަޕޫރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އިއްޔެ ބޭއްވި މޯލްޑިވްސް ބިންޒަސް ފޯރަމްގައެވެ.
މި އެއްބަސްވުން އެކުލަވާލާފައިވަނީ، ކެނަޑާގެ ކުންފުންޏެއްކަމަށްވާ އެބްރަކްސަސް ޕަވާއާ އެކުއެވެ. މި އިންވެސްޓްމަންޓް އެގްރިމެންޓުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފަތުރުވެރިކަމާ ތިމާވެށްޓާބެހޭ ވަޒީރު ތާރިޤް އިބްރާހިމްއެވެ. އަދި އެބްރަކްސަސް ޕަވާގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޖޭމްސް ކޯލްޓާ އެޑީއެވެ.
މި މަޝްރޫއުގެ ދަށުން 100 މެގަވޮޓްގެ ސޯލާ ހަކަތަ އުފެއްދި، ތެލަށް ކުރާ ހަރަދުން 42 މިލިއަން ޑޮލަރު ސަލާމަތް ކުރެވިގެންދާއިރު، މިއީ 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ކަރަންޓުގެ 33 ޕަސެންޓަކީ އިއާދަކުރަނިވި ހަކަތައަށް ބަދަލު ކުރުމަށް ރައީސް ފަށްޓަވާފައިވާ މަސައްކަތަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެއްކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. ހަމަ މިއާއެކު، މިއީ 187 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކަމަށް ސަރުކާރުން ވިދާޅުވެއެވެ.
މި މަޝްރޫޢުގެ ދަށުން ކުޑަބަނޑޮސް އިރުމަތީ އޮންނަ ފަޅުގައި ސޯލާ ސިޓީ ބިނާކުރުމަށް ހަމަޖެހިފައިވާއިރު، މި މަޝްރޫޢުގެ ދަށުން އުފައްދާ ހަކަތަ ސްޓެލްކޯގެ ނެޝަނަލް ގްރިޑާ ގުޅައިލެވޭނެއެވެ.