ދުނިޔެ
އަމިއްލަ ވަންތަކަން ރައްކާތެރިކުރަން ކަޒަކިސްތާނުގައި މޫނު ނިވާކުރުން މަނާކޮށްފި

ކަޒަކިސްތާނުގައި ބައެއް ކަނބަލުން ނިޤާބްގައި ފޮޓޯ:އިންޓަނެޓް
ކަޒަކިސްތާނުގައި އާންމު ތަންތަނުގައި މޫނު ނިވާކުރާ ފޭރާން އެޅުން ނުވަތަ މޫނުބުރުގާ މަނާކޮށްފިއެވެ. މި ޤާނޫނަކީ، އެ ޤައުމުގެ ރައީސް ކާސިމް ޖޮމާޓް ޓޯކާޔެވް ސޮއިކުރައްވައި ތަސްދީޤުކުރެއްވި ޤާނޫނެކެވެ. މެދުތެރޭ އޭޝިޔާގެ ބައެއް ޤައުމުތަކުން ވެސް މިފަދަ ފިޔަވަޅުތައް އަޅާފައި ވަނިކޮށް، ކަޒަކިސްތާނުން މި ނިންމުން ނިންމާފައިވަނީ އެ ޤައުމުގެ އަމިއްލަވަންތަކަން ރައްކާތެރިކުރުމުގެ ގޮތުން ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.
ތަސްދީޤުކުރި މި ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން، މޫނު ދެނެގަތުމަށް ހުރަސްއެޅޭ ފަދަ ފޭރާން އާންމު ތަންތަނުގައި ލުމަކީ މަނާކަމެކެވެ. ނަމަވެސް، ޞިއްޙީ ސަބަބުތަކާއި، މޫސުން ގޯސްވުން ފަދަ ކަންކަމާއި، ކުޅިވަރު ކުޅުމުގައާއި ސަގާފީ ކުޅިވަރުތައް ހުށަހެޅުމުގައި މިފަދަ ފޭރާން ބޭނުންކުރުން މި ޤާނޫނުން އިސްތިސްނާވެއެވެ. މި ޤާނޫނުގައި މިފަދަ ހެދުމަކީ ކޮން ދީނަކަށް ނިޞްބަތްވާ ކޮންކަހަލަ ހެދުމެއްކަން ތަފްޞީލްކޮށްދީފައެއް ނުވެއެވެ.
ކަޒަކިސްތާނުގެ އާބާދީގެ ބޮޑު ބައެއް ޙިއްޞާކުރަނީ މުސްލިމުންނެވެ. އެ ޤައުމުގެ ރައީސް މީގެ ކުރިން ވަނީ އަލަށް ތަސްދީޤުކުރި މި ޤާނޫނަކީ ކަޒަކިސްތާނުގެ އަމިއްލަވަންތަކަން ދައްކައިދިނުމަށް ލިބިދޭ ފުރުޞަތެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ. އެ މަނިކުފާނު ވިދާޅުވީ، މޫނު ނިވާވާފަދަ ކަޅު ހެދުން އެޅުމުގެ ބަދަލުގައި ޤައުމީވަންތަ ހެދުން އެޅުން މާ ރަނގަޅު ކަމަށެވެ. އެ ހެދުމުން ކަޒަކިސްތާނުގެ ނަސްލީ ވައްޓަފާޅި ދައްކުވައިދޭ ކަމަށާއި، އެ ހެދުންތައް މަޤުބޫލުކުރަން ޖެހޭ ކަމަށް ވެސް ރައީސް ޓޯކާޔެވް ވަނީ ވިދާޅުވެފައެވެ.
މެދުތެރޭ އޭޝިޔާގެ ޤައުމުތަކުގެ ތެރެއިން ކިރިގިސްތާނުގައި ވެސް މިފަދަ ފިޔަވަޅެއް ވަނީ އަޅާފައެވެ. އެ ޤައުމުގެ ނޫސްތަކުން ބުނި ގޮތުގައި، ޤާނޫނު ތަންފީޒު ކުރުމަށް އެ ޤައުމުގެ ފުލުހުން މަގުތަކުގައި ޙަރަކާތްތެރިވާ ކަމަށެވެ. ޤާނޫނާ ޚިލާފުވެއްޖެ ނަމަ، 250 އެމެރިކާ ޑޮލަރަށްވުރެ ބޮޑު ޢަދަދަކުން ޤަވާއިދާ ޚިލާފުވާ މީހުން ޖޫރިމަނާ ކުރެއެވެ. އޭގެ އިތުރުން، ތަޖިކިސްތާނުގެ ރައީސް އެމޮމަލީ ރަޅްމޮން ވެސް ވަނީ އާންމު ތަންތަނުގައި ޤައުމުގެ ސަގާފަތާ ބީރައްޓެހި ހެދުން އެޅުން މަނާކޮށްފައެވެ.