ދުނިޔެ
ސިކުނޑި ކާލާ ނުރައްކާތެރި ޖަރާސީމެއްގެ ސަބަބުން ޕާކިސްތާނުގައި 4 ކުދިން މަރުވެއްޖެ

ޖަރާސީމު/ފޮޓޯ: އިންޑިއާ ނެރޭޓިވް
ސިކުނޑި ކާލާ ނުރައްކާތެރި ޖަރާސީމެއްގެ ސަބަބުން ޕާކިސްތާނުގައި 4 ކުދިން މަރުވެއްޖެއެވެ.
ސިކުނޑި ކާލާ "ނައެގްލެރިއާ ފައުލެރީ" ނަމަކަށް ކިޔާ މި ޖަރާސީމަކީ ވަރަށް މަދުން ނޫނީ ނުފެންނަ ބައްޔެކެވެ. މި ޖަރާސީމަކީ އިންސާނާގެ ސިކުނޑީގައި ހުންނަ ސެލްތަކާއި ހުރިހާ ޓިޝޫތަކަކަށް ގެއްލުންދިނުމަށްފަހު ސިކުނޑީގެ ސެލްތައް ކާލާ ނުރައްކާތެރި އިންފެކްޝަނެކެވެ.
މި ޖަރާސީމުގެ ސަބަބުން މިއަހަރު އެކަނިވެސް އެ ޤައުމުގެ 4 ކުދިން މަރުވެފައިވާއިރު، އެންމެ ފަހުން މަރުވެފައި ވަނީ ސިންދޫ ޕްރޮވިންސަށް ނިސްބަތްވާ 17 އަހަރުގެ ކުއްޖެކެވެ. ޕާކިސްތާނުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެ ކުއްޖާއަށް ފަރުވާދިނުމަށްް އެންމެ ފުރަތަމަ ވަނީ ނިމިދިޔަ ޖޫން މަހުގެ 26 ވަނަ ދުވަހު ކަރާޗީގެ އާގާ ޚާން ޔުނިވާސިޓީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައެވެ. ނަމަވެސް އެކުއްޖާގެ ޙާލު ކުއްލިއަކަށް ގޯސްވެ، ޖޫން މަހުގެ 28 ވަނަ ދުވަހު ވަނީ މަރުވެފައެވެ.
މި ޖަރާސީމަކީ ޢާންމު ގޮތެއްގައި ސާފުތާހިރު ނޫން ފެނުގެ ސަބަބުން ފެތުރޭ ޖަރާސީމެކެވެ. ޕާކިސްތާނުގައި މީގެ ކުރިން ވެސް މި ޖަރާސީމުގެ ސަބަބުން ކުދިން މަރުވެފައިވާއިރު، މި ޖަރާސީމު އެ ޤައުމުގެ ލާހޯރ ސިޓީއަށް ވެސް މިހާރު ފެތުރިފައިވާކަމަށް ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ.