Ads by Stelco

ޚަބަރު

އެސްއީޒެޑްގެ ފުރުސަތުތަކާއެކު މިހާތަނަށް 680 މިލިޔަން ޑޮލަރުގެ އިންވެސްޓްމަންޓްގެ ޔަގީންކަން ސަރުކާރަށް ލިބިފައިވުމަކީ "ތާރީޚީ ކުރިއެރުމެއް":ވަޒީރު ސަޢީދު

އެސްއީޒެޑްގެ ފުރުސަތުތަކާއެކު މިހާތަނަށް 680 މިލިޔަން ޑޮލަރުގެ އިންވެސްޓްމަންޓްގެ ޔަގީންކަން ސަރުކާރަށް ލިބިފައިވުމަކީ "ތާރީޚީ ކުރިއެރުމެއް":ވަޒީރު ސަޢީދު

އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ފޮޓޯ:ޕީއެސްއެމް ނިއުސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

01 ޖުލައި 2025، 12:16

01 ޖުލައި 2025، 12:16

ދިވެހިރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކުރުމަށް ސަރުކާރުން އިސްކަންދީގެން ކުރިއަށްގެންދާ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ނުވަތަ ޚާއްސަ އިޤްތިޞާދީ ސަރަޙައްދުގައި މިހާތަނަށް 680 މިލިޔަން އެމެރިކާ ޑޮލަރުގެ މަޝްރޫޢުތައް ކުރިއަށްގެންދިޔުމުގެ ޔަގީންކަން ލިބިފައިވާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ސިންގަޕޫރުގައި މިހާރު ކުރިއަށްދާ ރާއްޖޭގެ ބިޒްނަސް ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު މިހެން ވިދާޅުވީ، އިޤްތިޞާދު ފަތުރުވެރިކަމަށް ބަރޯސާވެފައި އޮތްއޮތުން ނިމުމަކަށް ގެނައުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ތެރެއިންނެވެ.

ވަޒީރު ސަޢީދު ފާހަގަކުރެއްވި ގޮތުގައި، ސަރުކާރުގެ އިޤްތިޞާދީ ތަރައްޤީގެ އެޖެންޑާގެ މުހިއްމު އަމާޒަކީ އެސްއީޒެޑްގައި 1 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ގެނައުމެވެ. އެސްއީޒެޑްގައި އެކި މަޝްރޫޢުތައް ކުރިއަށްގެންދިޔުމަށް ސަރުކާރުން ހުޅުވާލާފައިވާއިރު، މިހާރުވެސް އިޔާދަކުރަނިވި ޙަކަތައިގެ ބިޔަ މަޝްރޫޢެއްގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ހުއްދަ ދީފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

އެސްއީޒެޑްގެ ފުރުސަތުތަކާއެކު މިހާތަނަށް 680 މިލިޔަން ޑޮލަރުގެ އިންވެސްޓްމަންޓްގެ ޔަގީންކަން ސަރުކާރަށް ލިބިފައިވުމަކީ "ތާރީޚީ ކުރިއެރުމެއް" ކަމަށް ވަޒީރު ސިފަކުރެއްވިއެވެ.

އިންވެސްޓަރުންނަށް ރާއްޖޭގައި ހުރި ފުރުސަތުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ސަޢީދު ވިދާޅުވީ، އިޔާދަކުރަނިވި ޙަކަތައިގެ ދާއިރާއާއި ފަތުރުވެރިކަމުގެ އިތުރުންވެސް މުހިއްމު ދާއިރާތަކުގައި ފަހި ފުރުސަތުތަކެއް ހުރިކަމަށެވެ. އަދި ރާއްޖޭގެ ޤާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން ވިޔަފާރިތަކަށް ރައްކާތެރި މާޙައުލެއް އޮތްކަމުގެ ޔަގީންކަންވެސް އެމަނިކުފާނު ދެއްވިއެވެ.

ސިންގަޕޫރާއި ރާއްޖެއާ ދެމެދު އޮތް ޒަމާންވީ ގުޅުމުގެ މައްޗަށްވެސް ވަޒީރު އަލިއަޅުއްވާލެއްވިއެވެ. ދެޤައުމުގެ ގުޅުން ބަދަހިވެފައިވަނީ އެއްޤައުމުން އަނެއް ޤައުމަށްކުރި އިޙްތިރާމުގެ ތެރެއިންކަން ފާހަގަކުރައްވަމުން، ރާއްޖޭގެ ފަތުރުވެރިކަން މިއަދު މިދެކޭ ހިސާބަށް ގެނައުމުގައި ސިންގަޕޫރުގެ ވިޔަފާރިވެރިންނާއި ސިންގަޕޫރު އެއަރލައިންސްގެ ދައުރު ބޮޑުކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ދެޤައުމުން ދައްކުވައިދެނީ ކުދި ޤައުމުތަކަށްވެސް އިޤްތިޞާދީގޮތުން ބޮޑެތި ކާމިޔާބީތަކެއް ބަދަހިގުޅުމާއެކު ޙާސިލުކުރެވިދާނެކަމުގެ މިސާލުކަމަށް ވަޒީރު ވިދާޅުވިއެވެ.

                    

މި ލިޔުން ކިޔާލުމުން

Ads by MSS