ޚަބަރު
މާލޭގެ މަޖީދީމަގާއި ބޮޑުތަކުރުފާނުމަގުން 400 އަށް ވުރެ ގިނަ އުޅަނދު ފުލުހުން ޓޯވކޮށްފި

މީގެ ކުރިން ފުލުހުން އުޅަނދު ޓޯވކުރަނީ/ފޮޓޯ: އެޑިޝަން އެމްވީ
މާލޭގެ މަޖީދީމަގާއި ބޮޑުތަކުރުފާނުމަގުން 400 އަށް ވުރެ ގިނަ އުޅަނދު ދިވެހި ފުލުހުންގެ ޚިދުމަތުން ޓޯވކޮށްފި އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ، މާލޭގެ މަގުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، މަގުތައް ތަރުތީބު ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މަޖީދީމަގާއި ބޮޑުތަކުރުފާނުމަގުން ޓޯވ ކޮށްފައިވާ އުޅަނދުތަކުގެ ތަފާސްހިސާބުތައް ޢާންމުކޮށްފައެވެ.
ފުލުހުން ވިދާޅުވިގޮތުގައި، ނިމިދިޔަ ޖޫން މަހުގެ 12 ވަނަ ދުވަހުން ފެށިގެން 30 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 422 އުޅަނދު ވަނީ ޓޯވކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ދެފުރޮޅުލީ އުޅަނދާއި ހަތަރުފުރޮޅުލީ އުޅަނދެވެ. އެގޮތުން، މަޖީދީމަގުން ދެފުރޮޅުލީ 216 އުޅަނދު ޓޯވްކޮށްފައިވާއިރު، ހަތަރުފުރޮޅުލީ 2 އުޅަނދާއި ތަކުރާރުކޮށް ޕާކުކުރުމުން 1 ސައިކަލު ވަނީ ޓޯވކޮށްފައެވެ.
މީގެ އިތުރުން، ބޮޑުތަކުރުފާނު މަގުން ދެފުރޮޅުލީ 164 އުޅަނދު ޓޯވްކޮށްފައިވާއިރު، ހަތަރުފުރޮޅުލީ 38 އުޅަނދު ވަނީ ޓޯވްކޮށްފައެވެ. އަދި ތަކުރާރުކޮށް ޕާކުކުރުމުން 1 ކާރު ވަނީ ޓޯވކޮށްފައެވެ. މި އުޅަނދުތައް އަނބުރާ ގެންދިއުމަށް ވެރިފަރާތަށް 7 ދުވަހުގެ މުއްދަތެއް ދެވޭނެއެވެ. އަދި ދެމަސް ދުވަސްފަހުން އެ އުޅަނދުތައް ނުގެންގޮސްފިނަމަ، ރަޖިސްޓްރޭޝަން ބާޠިލުކުރުމަށްފަހު އުޅަނދުތައް ނައްތާލުމުގެ މަސައްކަތްވެސް ކުރާނެކަމަށް ފުލުހުން ވިދާޅުވިއެވެ.
މާލޭގެ މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކޮށް، މަގުތައް ތަރުތީބު ކުރުމަށް ފުލުހުން ކުރަމުންދާ މި މަސައްކަތްތަކަށް އާންމުންގެ ފަރާތުން އެއްބާރުލުން ދިނުމަށް ފުލުހުން ވަނީ އެދިފައެވެ.