ޚަބަރު
ދަނޑުވެރިންނަށް އަތްފޯރާފަށުގައި ފައިނޭންސް ހިމެނޭހެން ދަނޑުވެރިކަން ކުރިއެރުވުމަށް ސަރުކާރުން ބޮޑެތި މަސައްކަތްތަކެއް

ކާބޯތަކެއްޗާއި ދަނޑުވެރިކަމާބެހޭ ބައިނަލްއަޤްވާމީ ޖަމިއްޔާ (އެފްއޭއޯ) އިން އިންތިޒާމްކޮށްގެން ބޭއްވި، އެފްއޭއޯ ކޮންފަރެންސްގެ 44 ވަނަ ސެޝަން
ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގައި ދަނޑުވެރިންނަށް އަތްފޯރާފަށުގައި ފައިނޭންސް ލިބުމުގެ ފުރުޞަތުތައް ދަނީ އިތުރުކުރަމުން ކަމަށެވެ. އެކަމަނާ މިހެން ވިދާޅުވީ، ކާބޯތަކެއްޗާއި ދަނޑުވެރިކަމާބެހޭ ބައިނަލްއަޤްވާމީ ޖަމިއްޔާ (އެފްއޭއޯ) އިން އިންތިޒާމްކޮށްގެން ބޭއްވި، އެފްއޭއޯ ކޮންފަރެންސްގެ 44 ވަނަ ސެޝަންގެ ތެރެއިން ބޭއްވި ޕެނަލް ޑިސްކަޝަންގައި ވާހަކަފުޅުދައްކަވަމުންނެވެ.
މި ކޮންފަރެންސްގެ މައިގަނޑު މަޤްޞަދަކީ ދަނޑުވެރިކަމާއި ކާބޯތަކެތީގެ ނިޒާމުތަކުގައި އުފެއްދުންތެރިކަން އިތުރުކޮށް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށްޓަކައި ޓެކްނޮލޮޖީއާއި އައު އީޖާދުތަކުގެ ޒަރީޢާއިން ހުރި ފުރުޞަތުތައް ހޯދުމެވެ. މި ޕެނަލް ޑިސްކަޝަންގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ޑރ. މަރްޔަމް މާރިޔާ ވަނީ ސަރުކާރުން ރާއްޖޭގެ ދަނޑުވެރިކަމާއި ކާބޯތަކެތީގެ ނިޒާމުތަކުގައި އުފެއްދުންތެރިކަން އިތުރުކުރުމަށް ކުރަމުން ގެންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ. މިގޮތުން، ޕްރެސިޝަން ފާމިންގ، އެމް.ޖީ.އޭ.ޕީ (މޯލްޑިވްސް ގުޑް އެގްރިކަލްޗަރަލް ޕްރެކްޓިސަސް) ތަމްރީނު، އަދި ދެމެހެއްޓެނިވި ގޮތެއްގައި ވަސީލަތްތައް ބޭނުންކުރުމަށް ކުރެވޭ މަސައްކަތްތައް އެކަމަނާ ތަފްސީލްކުރެއްވިއެވެ.
މީގެއިތުރުން ދިވެހިރާއްޖޭގައި ދަނޑުވެރިކަމާއި ކާބޯތަކެތީގެ ދާއިރާ ބަދަލުކުރުމަށް މަގުފަހިކޮށްދޭ މުހިންމު ކަންތައްތަކުގެ ވާހަކަ ވަޒީރު ފާހަގަކުރެއްވިއެވެ. މީގެ ތެރޭގައި ރަށްރަށުގެ މެދުގައި ލޮޖިސްޓިކްސްއާއި ގުޅުންތައް ހަރުދަނާކުރުމުގެ މުހިންމުކަމާއި، އަތްފޯރާފަށުގައި ފައިނޭންސް ލިބުމުގެ ފުރުޞަތުތައް އިތުރުކުރަމުންދާކަން އެކަމަނާ ފާހަގަކުރެއްވިއެވެ. އަދި ދަނޑުވެރިކަމުގެ ދާއިރާގައި އަންހެނުންނާއި ޒުވާނުންނަށް އިތުރު ފުރުޞަތުތައް ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ޑރ. މަރްޔަމް މާރިޔާ ވިދާޅުވިއެވެ.
ދަނޑުވެރިކަމުގެ ދާއިރާގައި އަންހެނުން ބާރުވެރިކުރުވުމަށް ސަރުކާރުން ގިނަ ކަންތައްތަކެއް ކުރައްވަމުން އެބަ ގެންދަވައެވެ. އެގޮތުން ދެމެހެއްޓެނިވި ދަނޑުވެރިކަމެއް ކުރެވޭނެ ގޮތަށް ޒަމާނީ ޓެކްނޮލޮޖީގެ ވަޞީލަތްތައް ބޭނުންކޮށްގެން އަންހެނުން އިސްވެ ފަށާ ވިޔަފާރިތަކަށް އެހީވުމަށް ޚާއްސަ ފަންޑެއް ޤާއިމުކުރުމަށްވެސް ވަނީ ނިންމާފައެވެ. މީގެ އިތުރުން މޫސުމީ ބަދަލުތަކަށް ވިލުންތެރި ދަނޑުވެރިކަމެއް ކުރުމާއި ދަނޑުވެރިކަމުގެ ވިޔަފާރިއާ ގުޅޭގޮތުން އަންހެނުން ތަމްރީންކުރަން ވަނީ ހަމަޖެހިފައެވެ.
އަދި ދަނޑުވެރިކަން ކުރުމަށް ބޭނުންވާ ބިމާއި އެކިއެކި ވަޞީލަތްތައް އަންހެނުންނަށް ލިބޭނެ އިންތިޒާމެއް ހަމަޖައްސަވާނެ ކަމަށާއި، ދަނޑުވެރިކަމުގެ ދާއިރާގައި އަންހެނުންނަށް ހަމަހަމަ ފުރުޞަތުތަކާއި އަންހެނުން ބަލައިގަތުން ކަށަވަރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާނެކަމަށްވެސް ވަޒީރު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
Minister Dr. Maryam Mariya attended the high-level roundtable on the Four Betters for Small Island Developing States (SIDS), Least Developed Countries (LDCs), and Landlocked Developing Countries (LLDCs), held as part of the 44th Session of the FAO Conference. pic.twitter.com/0jrw2vQjeM
— Ministry of Agriculture and Animal Welfare (@MAAWmv) July 1, 2025
ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވުޒާރާއާއި އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އާއި ގުޅިގެން "ދަނޑުވެރިނަފާ" ލޯނެއް ތަޢާރަފްކޮށް، ދަނޑުވެރިންނަށް އެ ލޯނު ދޫކުރުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރެވެމުންނެވެ. މިފަދަ މަސައްކަތްތަކުން ދަނޑުވެރިކަމުގެ ދާއިރާ އިތުރަށް ކުރިއަރުވާ، ރާއްޖޭގެ ކާބޯތަކެތީގެ ސަލާމަތީ ކަންކަން ކަށަވަރުކުރުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެކަމަށް ސަރުކާރުން ދެކެއެވެ.