ދުނިޔެ

ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމް އާއި މޫސާގެ ފާނުގެ ކާޓޫނު ކުރެހި މައްސަަލައެއްގައި ތުރުކީގައި ބަޔަކު ހައްޔަރުކޮށްފި

ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމް އާއި މޫސާގެ ފާނުގެ ކާޓޫނު ކުރެހި މައްސަަލައެއްގައި ތުރުކީގައި ބަޔަކު ހައްޔަރުކޮށްފި

ތުރުކީ ވިލާތުގެ މަގެއްގެމަތި

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

01 ޖުލައި 2025، 04:48

01 ޖުލައި 2025، 04:48

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އާއި މޫސާ ގެފާނުގެ ކާޓުނު ކުރެހި މައްސަލައެއްގައި ތުރުކީވިލާތުން 4 މީހަކު ހައްޔަރުކޮށްފިއެވެ.

މިހަތަރު މީހުން ހައްޔަރުކޮށްފައިވަނީ ތުރުކވީިލާތުގެ ލެމާން މަޖައްލާގައި ޝާއިޢުކުރި ކާޓޫނަކާ ގުޅިގެނެވެ.  މި ކާޓޫނަކީ އުޑުމަތީގައި ނަބިއްޔު މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި ނަބިއްޔު މޫސާ ޢަލައިހިއްސަލާމް އަތްގުޅުވާލައްވާފައި ހުންނެވި މަންޒަރު ކަމަށް ބުނެ، ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ކާޓޫނެކެވެ. ނަމަވެސް މަޖައްލާއިން ބުނެފައިވަނީ އެއީ އެފަދަ ކުރެހުމެއް ނޫން ކަމަށެވެ.

މިދިޔަ ހަފްތާގައި ޝާއިޢުކުރި މި ކާޓޫނާ ގުޅިގެން ސަރުކާރުގެ އިސް ފަރާތްތަކާއި ދީނީ ޖަމާޢަތްތަކުން ވަނީ ހަރުކަށި އިބާރާތުން ފާޑުކިޔާފައެވެ. އިސްތަމްބޫލް ޗީފް ޕަބްލިކް ޕްރޮސެކިއުޓަރުގެ އޮފީހުން މި މައްސަލަ ތަޙުޤީޤު ކުރަން ފަށާފައިވަނީ "ދީނީ އަގީދާތަކަށް ފާޅުގައި ފުރައްސާރަކުރުމުގެ" ދަޢުވާގެ ދަށުންނެވެ.

ދާޚިލީ ކަންކަމާ ބެހޭ ވަޒީރު އަލީ ޔެރްލިކަޔާ ވަނީ ކާޓޫނިސްޓް ދޯގަން ޕެހްލެވާން ހައްޔަރުކުރި މަންޒަރުގެ ވީޑިއޯއެއް އެކްސް (ކުރީގެ ޓްވިޓަރ) ގައި ޝާއިޢުކޮށްފައެވެ. "އަޅުގަނޑުމެންގެ ނަބިއްޔާއަށް މިފަދަ ލަދުވެތި ގޮތަކަށް ފުރައްސާރަކުރުން އަޅުގަނޑު ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކުރަން. މިއީ ނޫސްވެރިކަމުގެ މިނިވަންކަމެއް ނޫން. މިއީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމެއްވެސް ނޫން،" ވަޒީރު ވިދާޅުވިއެވެ.

ލެމާން މަޖައްލާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކާޓޫނުން ދޭހަވާ މާނަ އޮޅުވާލެވިފައިވާ ކަމަށެވެ. އަދި އެ ކާޓޫނަކީ "އިޒްރާއީލުގެ ހަމަލާތަކުގައި ޝަހީދުވި މުސްލިމެއްގެ ވޭން" ދައްކުވައިދޭން ކުރެހި ކުރެހުމެއް ކަމަށާއި، އިސްލާމްދީނަށް ފުރައްސާރަކުރުމުގެ އެއްވެސް ނިޔަތެއް ނެތް ކަމަށެވެ.

މި މައްސަލައާ ގުޅިގެން ޖުމްލަ 6 މީހުން ހައްޔަރުކުރުމުގެ އަމުރު ނެރެފައިވާއިރު، އޭގެ ތެރެއިން 2 މީހުން ރާއްޖެއިން ބޭރުގައި ތިބުމާއެކު އަދި ހައްޔަރު ނުކުރެވޭ ކަމަށް ވަޒީރު ވިދާޅުވިއެވެ. މި މައްސަލައިގައި ހައްޔަރުކުރެވުނު 4 މީހުންގެ ތެރޭގައި ކާޓޫނިސްޓްގެ އިތުރުން މަޖައްލާގެ ގްރެފިކް ޑިޒައިނަރާއި އިސް މުވައްޒަފުން ހިމެނެއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS