ޚަބަރު
ފަނޑިޔާރުންގެ ޤާނޫނަށް ގެންނަ އިޞްލާހާއެކު ފަނޑިޔާރުން ޒިންމާދާރުކުރެވޭނެ: މެންބަރުން

ރައްޔިތުންގެ މަޖިލިސް
ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނަށް މިހާރު ހުށައަޅާފައިވާ އިޞްލާހުތަކާއެކު، މިހާރަށްވުރެ ބޮޑަށް ފަނޑިޔާރުން ޒިންމާދާރުކޮށް، ޖަވާބުދާރީކުރެވޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވިދާޅުވެއްޖެއެވެ.
ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސަޢުދުﷲ ހިލްމީ ސަރުކާރުގެ ފަރާތުން ހުށައެޅުއްވި، ފަނޑިޔާރުންގެ ޤާނޫނަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލަށް ކުރެވުނު ބަހުސްގައި، ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ދީދީ ވަނީ މާޒީގައި ސިޔާސީ ވެރިންގެ ނުފޫޒު ފަނޑިޔާރު ގެތަކަށް ފޯރުވާފައި ހުރިކަމަށް ތުހުމަތުކުރައްވާފައެވެ.
ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު ވިދާޅުވެފައިވަނީ މި އިސްލާހު ހުށައަޅާފައިވަނީ ޝަރުޢީ ދާއިރާއަށް ނުފޫޒު ފޯރުވުމަށް ނޫންކަމަށެވެ. "ފަނޑިޔާރުންގެ މައްސަލަތައް ބެލުމަކީ އެއީ އެ މީހުންގެ ޢިއްޒަތަށް އަރައިގަތުމެއް ނޫން. މި ޤައުމުގައި އަބަދުވެސް އޮންނަންޖެހޭނީ އިންސާފައި ހަމަޖެހުން" ކަމަށް ޝުޖާޢު ވިދާޅުވިއެވެ.
މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުޙައްމަދު މުސްޠަފާ އިބްރާހީމް ވިދާޅުވެފައިވަނީ ބައެއް ފަނޑިޔާރުގެތަކުގައި 500 އަށްވުރެ ގިނަ މައްސަލަ ނުބެލި ހުރިކަމަށެވެ. އަދި މި އިސްލާހާއެކު ފަނޑިޔާރުންގެ މާލީ ކަންކަން ބެލެހެއްޓޭނެ ހަރުދަނާ ގޮތްތަކެއް ކަނޑައެޅިގެންދާނެ ކަމަށާއި، ކޯޓުތަކުގެ މެދުގައި ފަނޑިޔާރުން ބަދަލުކުރުމުގެ އުސޫލުތައްވެސް ހަރުދަނާވެގެންދާނެކަމަށް އެމެންބަރު ވިދާޅުވިއެވެ.
ނަމަވެސް، ގިނަ މެންބަރުން މި އިސްލާހަށް ތާއީދުކުރައްވާ ވާހަކަދެއްކެވި ނަމަވެސް، އިދިކޮޅު ބައެއް މެންބަރުން ވަނީ މި އިސްލާހަށް ފާޑުކިޔާފައެވެ. މި ބިލު މިހާރު ވަނީ ކޮމިޓީ މަރުހަލާއަށް ފޮނުވާފައެވެ.