ޚަބަރު
މަޖީދީމަގާއި ބޮޑުތަކުރުފާނު މަގުގައި ޕާކުކޮށްފައިވާ 422 އުޅަނދެއް ޓޯކޮށްފި: ފުލުހުން

ފުލުހުން ވެހިކަލެއް ޓޯ ކުރަނީ
މާލޭގެ މަގުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، މަގުތައް ތަރުތީބު ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މިދިޔަ މަހުގެ 12 އިން 30 އަށް މަޖީދީމަގާއި ބޮޑުތަކުރުފާނު މަގުން 422 އުޅަނދެއް ދިވެހި ފުލުހުންގެ ޚިދުމަތުން ޓޯކޮށްފިއެވެ.
ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މަޖީދީމަގުން އެކަނި 219 އުޅަނދެއް ޓޯކޮށްފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ 216 ސައިކަލާއި، 2 ކާރުގެ އިތުރުން ތަކުރާރުކޮށް ޕާކުކުރުމުގެ ސަބަބުން ޓޯކޮށްފައިވާ 1 ސައިކަލެވެ.
ބޮޑުތަކުރުފާނު މަގުން އެކަނި 203 އުޅަނދެއް ޓޯކޮށްފައިވާއިރު، މީގެ ތެރޭގައި ހިމެނެނީ 164 ސައިކަލާއި، 38 ކާރުގެ އިތުރުން ތަކުރާރުކޮށް ޕާކުކުރުމުގެ ސަބަބުން ޓޯކޮށްފައިވާ 1 ކާރެވެ.
އާންމު ދަތުރުފަތުރާއި ޕަބްލިކް ޓްރާންސްޕޯޓަށް ދަތިވާގޮތަށް ގަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ޓޯކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ އިންޒާރު ދީފައެވެ. އަދި މިފަދަ އުޅަނދުތައް ދޫކުރެވޭނީ 48 ގަޑިއިރު ފަހުންކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ވަނީ އުޅަނދުތައް ޕާކުކުރުމަށް ކަނޑައެޅިފައިވާ ޕާކިން ޒޯންތަކުގައި ޕާކުކުރުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެ.