ދުނިޔެ
ޣައްޒާ ހިއުމެނިޓޭރިއަން ފައުންޑޭޝަން އުވާލުމަށް 130 ބައިނަލްއަޤްވާމީ ޖަމިއްޔާއިން ގޮވާލައިފި

އެހީގެ ތަކެތި ބަހާ މަރުކަޒެއްކައިރީގައި
އެމެރިކާ އަދި އިޒްރާއީލުގެ ފަންޑިންގ އާއެކު ހިންގަމުންދާ "ޣައްޒާ ހިއުމެނިޓޭރިއަން ފައުންޑޭޝަން" ވަގުތުން އުވާލުމަށް 130 ބައިނަލްއަޤްވާމީ އެހީގެ ޖަމިއްޔާތަކުން ގޮވާލައިފިއެވެ.
އިޒްރާއިލްގެ ނޫސް ވެބްސައިޓް ވަލާގައި މިކަން ރިޕޯޓުކޮށްފައިވެއެވެ.
މި ފައުންޑޭޝަނުން އިންސާނީ އެހީގެ އުސޫލުތަކާ ޚިލާފުވެ، މިލިއަނަކަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުންގެ ފުރާނައަށް ނުރައްކާވާގޮތަށް ޢަމަލުކުރަމުންދާކަމަށް ތުހުމަތުކުރެވެއެވެ.
އެހީ ލިބިގަތުމަށް މަސައްކަތްކުރި 500 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން މިހާތަނަށް ޝަހީދުވެފައިވާކަން ފާހަގަކުރެވެއެވެ. އިޒްރާއީލީ ސިފައިންގެ ހެކިބަހުން ހާމަވާގޮތުގައި، އެހީ ބަހާ މަރުކަޒުތަކާ ކައިރިވާ އާންމު ރައްޔިތުންގެ ގަޔަށް އެ ސިފައިން ޢާންމުކޮށް ދަނީ ވަޒަން ޖަހަމުންނެވެ.
އިޒްރާއީލް ސިފައިން އެހީ ބެހުމުގެ މަރުކަޒުތަކުގައި އާންމުންނަށް ގެއްލުން ދެމުންދާކަން އެ ޤައުމުގެ ސިފައިން އިޢުތިރާފުވެފައިވީ ނަމަވެސް، އެމެރިކާއިން ވަނީ މި ފައުންޑޭޝަނަށް އެހީތެރިކަން ދެމުންގެންދާނެކަމަށް ހޯމަ ދުވަހު އިޢުލާނުކޮށްފައެވެ.
އދ އަދި ބައިނަލްއަޤްވާމީ ޖަމިއްޔާތަކުގެ ބެލުމުގެ ދަށުން ނޫންގޮތަށް، މޭ 27 އިން ފެށިގެން ޓެލްއަވީވް އަދި ވޮޝިންގްޓަނުން ވަނީ މަދު މިންވަރެއްގެ އެހީ ބެހުމުގެ ޕްލޭނެއް ތަންފީޒުކުރަން ފަށާފައެވެ. ސިއްޙަތާއި ބެހޭ މިނިސްޓްރީގެ މަޢުލޫމާތު ދައްކާގޮތުން، މިހާތަނަށް 583 މީހުން ޝަހީދުވެ، 4,186 މީހުން ޒަޚަމްވެފައިވެއެވެ.
އިޒްރާއީލުން ވަނީ މާރޗް 2 އިން ފެށިގެން ޣައްޒާގެ އެންމެހައި ކްރޮސިންގތައް ބަންދުކޮށްފައެވެ. މީގެ ސަބަބުން 2.4 މިލިއަން ފަލަސްތީނުން ބަނޑުހައިހޫނުކަމުގެ ހާލަތަށް ވަނީ ވެއްޓިފައެވެ. އޮކްޓޯބަރު 7، 2023 އިން ފެށިގެން އިޒްރާއީލުން ދަނީ ޣައްޒާގައި ނަސްލު ނައްތާލުމުގެ ހަނގުރާމައެއް ހިންގަމުންނެވެ. މީގެ ތެރޭގައި ހަމަލާތަކުގައި މީހުން ޝަހީދުކުރުމާއި، ބަނޑުހައިހޫނުކަމަށް ދޫކޮށްލުމާއި، މީހުން ދިރިއުޅޭ ތަންތަން ހަލާކުކުރުމާއި، މަޖުބޫރުކޮށްގެން ތަން ދޫކުރުވުން ހިމެނެއެވެ.