Ads by Stelco

ޚަބަރު

ސިޑްސްގެ ޤައުމުތަކުގެ ކުރިއެރުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ދަރަނި: ނައިބު ރައީސް

ސިޑްސްގެ ޤައުމުތަކުގެ ކުރިއެރުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ދަރަނި: ނައިބު ރައީސް

ނައިބު ރައީސް ހުސެއިން މުޙައްމަދު ލަތީފް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

01 ޖުލައި 2025، 10:08

01 ޖުލައި 2025، 10:08

 ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ (ސިޑްސް) ޤައުމުތަކުގެ ކުރިއެރުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ދަރަނިކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

ސްޕެއިންގެ ސެވިއްޔާގައި ކުރިއަށްދާ އެފް.އެފް.ޑީ.4 ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން، ނައިބު ރައީސް ވަނީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް (ސިޑްސް) ބައިނަލްއަޤްވާމީ މާލީ ނިޒާމުގެ ތެރެއިން ކުރިމަތިވާ އުނދަގޫތައް ފާހަގަކުރައްވާފައެވެ.

ނައިބު ރައީސް ފާހަގަކުރެއްވި ގޮތުގައި، ކޮންސެޝަނަލް ފައިނޭންސް ލިބުމުގެ ޝަރުޠުތައް ހަމަނުވާތީ، ބޭރުން އަންނަ ލޮޅުންތަކުން އަރައިގަތުމަށާއި ތަރައްޤީގެ އަސާސީ ބޭނުންތައް ފުއްދުމަށް ސިޑްސްއަށް ދަރަނި ނަގަން މަޖުބޫރުވެއެވެ. އަދި މި ސަބަބާހުރެ، އަދިވެސް މި ޤައުމުތަކުގެ ކުރިއެރުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ދަރަނި ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މިހާރު ދުނިޔޭގެ މާލީ ނިޒާމަކީ ގިނަފަހަރަށް އެންމެ ނާޒުކު ޤައުމުތައް ބާކީކުރާ ނިޒާމެއްކަން ފާހަގަކުރައްވައި، މި ނިޒާމު އިޞްލާޙުކުރަން ޖެހޭކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. އަދި ދެމެހެއްޓެނިވި ތަރައްޤީއަށް ޤައުމުތަކަށް ބޭނުންވާ ޖާގައާ ވަސީލަތްތައް ފަހިކޮށްދިނުމުގެ މުހިންމުކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ސެވިއްޔާ ކޮމިޓްމަންޓަށް ހަރުދަނާ ސިފައެއްގައި ޢަމަލީ ސިފަ ގެނައުމަށް ގޮވާލައްވައި، 2030 ގެ އެޖެންޑާ ތަންފީޒުކުރުމުގައި ކޮންމެ ޤައުމެއްގެވެސް ޚާއްޞަ ޙާލަތަށް ރިޢާޔަތްކުރުމުގެ މުހިންމުކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ޤައުމީ ފެންވަރުގައި ޤާބިލުކަން ބިނާކުރުމަށާއި ދަރަނިން ޙަޤީޤީ ލުއި ލިބޭނެ ގޮތްތައް ހޯދުމަށްވެސް އެ މަނިކުފާނު ގޮވާލެއްވިއެވެ.

ޖޫން 30 އިން ޖުލައި 3 އަށް ސްޕެއިންގެ ސެވިއްޔާގައި ކުރިއަށްދާ އެފް.އެފް.ޑީ.4 އަކީ މާލީ އިޞްލާޙުތަކާ ބެހޭގޮތުން މަތީ ފަންތީގެ މަޝްވަރާތައް ކުރުމަށް ބޭއްވޭ ބައްދަލުވުމެކެވެ. މި މަޝްވަރާތަކުގައި ސަރުކާރުތަކާއި، ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ ޖަމުޢިއްޔާތަކާއި، މާލީ އަދި ވިޔަފާރީގެ މުއައްސަސާތަކާއި، ވިޔަފާރިތަކާއި، އދ ގެ ނިޒާމާއި މަދަނީ ޖަމުޢިއްޔާތަކުން ބައިވެރިވެއެވެ. 

ފައިނޭންސިންގ ފޯ ޑިވެލޮޕްމަންޓްގެ ހަތަރުވަނަ ބައިނަލްއަޤުވާމީ ކޮންފަރެންސް (އެފް.އެފް.ޑީ.4) ގައި ދެއްވި ޕްލެނަރީ ބަޔާނުގައި ނައިބު ރައީސް ވިދާޅުވީ، ބޭރުން އަންނަ ލޮޅުންތަކުން އަރައިގަތުމަށާއި، ތަރައްޤީގެ އަސާސީ ބޭނުންތައް ފުއްދުމަށް، ސިޑްސްއަށް ދަރަނި ނަގަން މަޖުބޫރުވަނީ، ކޮންސެޝަނަލް ފައިނޭންސް ލިބުމުގެ ޝަރުޠުތައް ހަމަނުވާތީ ކަމަށެވެ.

މިހާރު ދުނިޔެއަށް ދިމާވެފައިވާ ޖިއޯޕޮލިޓިކަލް ނުތަނަވަސްކަމާއި ހަމަނުޖެހުންތަކުގެ ސަބަބުން މުދާ އުފައްދައި ދައުރުކުރުމުގެ ވިއުގަތަކަށް ހުރަސް އެޅި، ނުރައްކާތެރިކަން އިތުރުވަމުންދާކަން ފާހަގަކުރައްވަމުން، މި ދަނޑިވަޅުގައިވެސް ދިވެހި ސަރުކާރުން ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދަވާކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ.

އެގޮތުން، ބައިނަލްއަޤްވާމީ ބަންކަރިންގ ޚިދުމަތްތައް ޤާއިމުކުރުމާއި، ދިގު މުއްދަތުގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ކުރިއެރުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް، ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް އުފެއްދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން، މަސްވެރިކަމުގެ އެކްސްޕޯޓް ކުރިއެރުވުމަށާއި، މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސަސް ސެންޓަރ ފައިނޭންޝަލް ފްރީ ޒޯނެއްގެ ގޮތުގައި ތަރައްޤީކުރުމަށް ކުރެވޭ މަސައްކަތްތަކާއި، ޖުލައި މަހު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ އާ ޓަރމިނަލް ހުޅުވައި، އެއަރޕޯޓުން ފަސިންޖަރުންނަށް ޚިދުމަތްދެވޭ މިންވަރު 7 މިލިއަން ފަސިންޖަރުންނަށް އިތުރުކުރެވޭނެ ކަމަށްވެސް ނައިބު ރައީސް ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS