Ads by Stelco

ޚަބަރު

ބޭރުގައި ދިރިއުޅޭ ފަރާތްތަކަށް 750 ޑޮލަރު ބޭނުން ކުރެވޭނެކަމަށް ބީއެމްއެލްއިން ބުނެފި

ބޭރުގައި ދިރިއުޅޭ ފަރާތްތަކަށް 750 ޑޮލަރު ބޭނުން ކުރެވޭނެކަމަށް ބީއެމްއެލްއިން ބުނެފި

ބީއެމްލްގެ އެޕްލިކޭޝަން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

01 ޖުލައި 2025، 10:44

01 ޖުލައި 2025، 10:44

ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ބީއެމްއެލްގެ ފޮރިން ލިމިޓް ޕޯޓަލްގައި ރެޖިސްޓަރކޮށްގެން 750 ޑޮލަރާއި ހަމައަށް އޭޓީއެމްއިން ފައިސާ ނެގޭނެކަމަށް ބޭންކް އޮފް މޯލްޑިވްސްއިން މިއަދު ހާމަކޮށްފިއެވެ.

ބީއެމްއެލްއިން މި މަހުގެ 1 އިން ފެށިގެން ޢަމަލުކުރަން ފަށާފައިވާ އައު އުސޫލުގެ ދަށުން، ރާއްޖެއިން ބޭރުގައި ދިވެހި ރުފިޔާ ކާޑުތައް މެދުވެރިކޮށް އޭޓީއެމްއިން ނެގޭނެ މިންވަރު 125 ޑޮލަރަށް ދަށްކޮށް، ކޮންމެ މުޢާމަލާތަކަށް 10 ޑޮލަރުގެ ފީއެއް ނެގުމަށް ވަނީ ނިންމާފައެވެ. ނަމަވެސް ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް މިހާރެކޭ އެއްގޮތަށް 750 ޑޮލަރު ލިބޭނެ ކަމަށް ބޭންކުން ވަނީ ހާމަކޮށްފައެވެ.

ކިޔަވާ ދަރިވަރުންނަށް ހަމަޖައްސައި ދީފައިވާ 1,200 ޑޮލަރުގެ ލިމިޓަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށާއި، އައު އުސޫލުގެ ދަށުން ނަގާ ފީ ވެސް ކިޔަވާ ކުދިންނަށް ނުނަގާނެކަމަށް ބޭންކުން ވަނީ ހާމަކޮށްފައެވެ. މި ލިމިޓް ހޯދުމަށް ސްޓޫޑެންޓް ޕޯޓަލް މެދުވެރިކޮށް އެޕްލައި ކުރެވޭނެ ކަމަށާއި، ބޭރުގައި އިންޓާންޝިޕް ހަދާ ދަރިވަރުންނަށްވެސް މި ލިމިޓް ބޭނުން ކުރެވޭނެއެވެ.

އައު އުސޫލުގެ ދަށުން ދިވެހި ރުފިޔާގެ ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފައިވާއިރު، އާންމުކޮށް ދިވެހިން ވިޔަފާރިކުރާ ބައެއް ސައިޓުތަކުން 30 އިންސައްތައާ ހަމައަށް ފީއެއް ނެގުމަށް ވަނީ ނިންމާފައެވެ. ނަމަވެސް މި ފީ ނަގާނީ ހަމައެކަނި ދިވެހި ރުފިޔާ ޑެބިޓް ކާޑުން ކަމަށާއި، އެހެން ހުރިހާ ކާޑެއްގައި އިތުރު ފީއަކާ ނުލައި ކަނޑައެޅިފައިވާ މިންވަރަށް ބޭނުން ކުރެވޭނެއެވެ.

ބީއެމްއެލްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މަހެއްގެ މައްޗަށް 45 މިލިއަން ޑޮލަރު އެކި ވިޔަފާރިތަކަށް ރާއްޖެއިން ބޭރަށް ފޮނުވާއިރު، މީގެ 75 އިންސައްތަ ދަނީ އެކި ވެބްސައިޓުތައް މެދުވެރިކޮށް ވިޔަފާރިކުރުމަށެވެ. މިގޮތުން ޓެމޫއަށް އެކަނިވެސް މަހަކު 7 މިލިއަން ޑޮލަރު ބޭރުކުރެވޭ ކަމަށް ބޭންކުން ވަނީ ފާހަގަކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS