Ads by Stelco

ޚަބަރު

އެމްއެމްއޭއިން އިސްލާމީ މާލީ ދާއިރާއަށް 35 ސްކޮލާޝިޕަށް ފުރުސަތު ހުޅުވާލައިފި

އެމްއެމްއޭއިން އިސްލާމީ މާލީ ދާއިރާއަށް 35 ސްކޮލާޝިޕަށް ފުރުސަތު ހުޅުވާލައިފި

އެމްއެމްއޭ ފޮޓޯ:ސަން އޮންލައިން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

02 ޖުލައި 2025، 10:46

02 ޖުލައި 2025، 10:46

ރާއްޖޭގެ މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިސްލާމީ މާލީ (އިސްލާމިކް ފައިނޭންސިންްގ) ދާއިރާއިން ކިޔެވުމަށް 35 ސްކޮލާޝިޕަށް ފުރުސަތު ހުޅުވާލައިފި އެވެ. މި ފުރުސަތުތައް ހުޅުވާލާފައިވަނީ ދިވެހިރާއްޖޭގެ އިސްލާމީ މާލީ ދާއިރާ ކުރިއެރުވުމަށް ބާރުއެޅުމުގެ ގޮތުންނެވެ.

އެމްއެމްއޭ އިން މައުލޫމާތު ދީފައިވާ ގޮތުގައި، އިސްލާމީ މާލީ ނިޒާމަށް ހޭލުންތެރިކަން އިތުރުކޮށް އެ ދާއިރާއިން ގާބިލް މީހުން ތަމްރީނު ކުރުމަށް ހާއްސަކޮށްގެން "އެމްއެމްއޭ ތަމްވީލް އިސްލާމިކް ފައިނޭންސް އިނީޝިއޭޓިވް" ތައާރަފްކޮށްފައިވަނީ މިދިޔަ ފެބްރުއަރީ މަހު އެވެ. މި ސްކޮލާޝިޕްތަކަކީ މި އިނީޝިއޭޓިވްގެ ދަށުން ހުޅުވާލެވުނު ފުރުސަތުތަކެކެވެ.

މި ސްކޮލާޝިޕްތައް ހުޅުވާލާފައިވަނީ ތިން ދާއިރާއަކަށެވެ. އެއީ:

އެގްޒެކެޓިވް މާސްޓާސް އިން އިސްލާމިކް ފައިނޭންސް: މި ދާއިރާއިން ފުލީ ފަންޑެޑް ފަސް ފުރުސަތާއި، ޕާޝަލް ފަންޑިންގެ ދަށުން ފަސް ފުރުސަތު ހިމެނެ އެވެ.
މެލޭޝިއާގެ ޔުނިވަސިޓީ އިންސީއީއައިއެފް (އިންޓަނޭޝަނަލް ސެންޓަ ފޯ އެޑިއުކޭޝަން ފޯ އިސްލާމިކް ފައިނޭންސް) ޔުނިވާސިޓީން އީއެމްއައިއެފް އިން މައިކްރޯ ސަޓިފިކޭޝަން: މި ދާއިރާއިން ފަސް ފުރުސަތު ހިމެނެ އެވެ.
ސެޓްފިކެޓް އިން ޝަރީއާ އިކޮނޮމިކްސް ފޯ ބޭންކިން އެންޑް ފައިނޭންސް (ސީއެސްއީބީއެފް) ބައި ޔުނިވާސިޓީ އިސްލާމް ސެލެންގޯ (ޔޫއައިއެސް) މެލޭޝިއާ: މި ދާއިރާއިން 20 ފުރުސަތު ހިމެނެ އެވެ.

މި ޕްރޮގްރާމްގެ މައިގަނޑު އަމާޒަކީ މަތީ ފެންވަރުގެ ތައުލީމާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތަކާއި ޚާއްސަ ތަމްރީނުތަކެއްގެ މެދުވެރިކޮށް ރާއްޖޭގެ އިސްލާމިކް ފައިނޭންސް ދާއިރާ އިތުރަށް ކުރިއެރުވުން ކަމަށް އެމްއެމްއޭ އިން ބުނެއެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދަން ހަމަޖައްސާފައި ވަނީ އިންޓަނޭޝަނަލް ސެންޓާ ފޯ އެޑިއުކޭޝަން އިން އިސްލާމިކް ފައިނޭންސް (އިންސެފް) އާއި ޔުނިވަސިޓީ އިސްލާމް ސެލެންގޯ (ޔޫއައިއެސް) ގުޅިގެންނެވެ. މިއީ މެލޭޝިއާގައި ހުންނަ އިސްލާމީ މާލީ ދާއިރާއިން ތައުލީމު ދިނުމުގައި ދުނިޔޭގައި މަޝްހޫރު ދެ މުއައްސަސާ އެވެ.

އިންސެފް ޔުނިވަސިޓީއަކީ މެލޭޝިއާގެ ސެންޓްރަލް ބޭންކް، ބޭންކް ނެގަރާ މެލޭޝިއާއިން ގާއިމްކޮށްފައިވާ މުއައްސަސާއެކެވެ. ޔޫއައިއެސް އަކީ އިސްލާމިކް ފައިނޭންސް އަދި އިސްލާމިކް އިކޮނޮމިކްސްގެ ދާއިރާއިން ތައުލީމު ފޯރުކޮށްދިނުމަށް މަޝްހޫރު ޔުނިވަސިޓީއެއް ކަމަށް އެމްއެމްއޭ އިން ބުނެފައިވެ އެވެ.

                    

މި ލިޔުން ކިޔާލުމުން

Ads by MSS