ޚަބަރު
ގްރީން ޓެކުހުން ދައުލަތަށް 1 ބިލިޔަނަށްވުރެ ގިނަ ރުފިޔާ، މިދިޔަ އަހަރަށްވުރެ ދެގުނަ އިތުރު

ރާއްޖޭގެ ރިސޯޓެއް ފޮޓޯ:އިންޓަނެޓް
މި އަހަރުގެ މިހާތަނަށް ދައުލަތަށް ގްރީން ޓެކުހުގެ ގޮތުގައި 1 ބިލިޔަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ގްރީން ޓެކުހުގެ ގޮތުގައި ދަޢުލަތަށް ލިބުނު އާމްދަނީއާއި އަޅާބަލާއިރު ދެގުނަ ބޮޑު އަދަދެކެވެ.
މާލީ ވުޒާރާއިން އާންމުކޮށްފައިވާ "ވީކްލީ ފިސްކަލް ޑިވޮލޮޕްމެންޓް" ރިޕޯޓުން ދައްކާގޮތުގައި، މި އަހަރުގެ ފުރަތަމަ 22 ހަފްތާގެ ނިޔަލަށް ގްރީން ޓެކުހުގެ ގޮތުގައި 1.01 ބިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ގްރީން ޓެކުހުގެ ގޮތުގައި ލިބުނު 522.7 މިލިޔަން ރުފިޔާއާއި އަޅާބަލާއިރު %93.8 އިތުރު އަދަދެކެވެ. މި އަހަރު ގްރީން ޓެކުހުން ލިބުނު އާމްދަނީ އިތުރުވުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އާދަޔާޚިލާފަށް ކުރިއަރަމުންދާ ކަމުގެ ހެކިކޮށް ފާހަގަކުރެވެއެވެ.
ގްރީން ޓެކުހަކީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމުގެ އެކި މަސައްކަތްތަކަށް ފައިސާ ހޯދުމަށްޓަކައި، އޮކްޓޯބަރު 2016 އިން ފެށިގެން ނަގަމުން އަންނަ ޓެކުހެކެވެ. މި ޓެކްސް ނަގަނީ ރާއްޖޭގައި ހިންގާ ޓޫރިސްޓު ރިޒޯޓުތަކާއި ހޮޓާތަކާއި ގެސްޓްހައުސްތަކުގެ އިތުރުން ޓޫރިސްޓް އުޅަނދުތަކަށް އަންނަ ފަތުރުވެރިންގެ އަތުންނެވެ.
ގްރީން ޓެކުހުގެ ގޮތުގައި ރިސޯޓުތަކާއި ސަފާރީއާއި ހޮޓާތަކުގައި ޗުއްޓީ ހޭދަކުރާ ކޮންމެ މީހެއްގެ އަތުން 12 ޑޮލަރު ނަގާއިރު، ގެސްޓް ހައުސްތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން ނަގަނީ 6 ޑޮލަރެވެ. އުމުރުން ދެ އަހަރު ނުވާ ކުޑަކުދިން މި ޓެކުހުން އިސްތިސްނާ ވެއެވެ. ގްރީން ޓެކުހަށް ރަޖިސްޓަރީވެފައިވާ ފަރާތްތައް ކޮންމެ މަހަކުވެސް ބަޔާން ހުށަހަޅައި ފައިސާ ދައްކަންޖެހެއެވެ. މި ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑިއަކީ ޖެހިގެން އަންނަ މަހުގެ 28ވަނަ ދުވަހެވެ.
ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، ގްރީން ޓެކުހުގެ އާމްދަނީ އިތުރުވުމުގެ ސީދާ ގުޅުމެއް ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދަށާއި ރާއްޖޭގައި ފަތުރުވެރިން ހޭދަކުރާ ދުވަސްތަކުގެ އަދަދަށް އެބަހުއްޓެވެ. މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 1,108,130 ފަތުރުވެރިން ވަނީ އައިސްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައިސްފައިވާ 1,015,527 ފަތުރުވެރިންނާއި އަޅާބަލާއިރު 9.1 އިންސައްތަ އިތުރު އަދަދެކެވެ.
މިހާރު ރާއްޖެއަށް އެވްރެޖްކޮށް ދުވާލަކު 6000 އަށްވުރެ ގިނަ ފަތުރުވެރިން ދަނީ ޒިޔާރާތްކުރަމުންނެވެ. މިދިޔަ އަހަރު ރާއްޖެއަށް 2 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މި އަހަރު ނިމުމުގެ ކުރިން 2.3 މިލިޔަން ފަތުރުވެރިން ރާއްޖެ ގެނައުމަށް ސަރުކާރުންވަނީ އަމާޒު ހިފާފައެވެ. މި އަމާޒަށް ވާސިލުވުމަށްޓަކައި ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ތަރައްޤީކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.