Ads by Stelco

ޚަބަރު

ރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތް މާ ލަސްތަކެއް ނުވެ އަލުން ފެށުމަށް ދަނީ ތައްޔާރުވަމުން: ވަޒީރު އަމީން

ރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތް މާ ލަސްތަކެއް ނުވެ އަލުން ފެށުމަށް ދަނީ ތައްޔާރުވަމުން: ވަޒީރު އަމީން

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީން/ފޮޓޯ: ޕީއެސްއެމް

02 ޖުލައި 2025، 11:13

ރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތް މާ ލަސްތަކެއް ނުވެ އަލުން ފެށުމަށް ދަނީ ތައްޔާރުވަމުންކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތާކާއި ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެވެ.

ވަޒީރު މިފަދައިން ވިދާޅުވީ، ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ހެލިކޮޕްޓަރުގެ ޚިދުމަތް އަލުން ފަށްޓަވަން ސަރުކާރުން ނިންމެވި ނިންމެވުމާއި ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުންނެވެ.

ވަޒީރު ވިދާޅުވީ، ރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތް ހުއްޓާލާފައިވަނީ މީގެ އަހަރުތަކެއް ކުރިން  ދިމާވި ހިތާމަވެރި ހާދިސާތަކަކާ ގުޅިގެންކަމަށެވެ. އަދި މިހާރު ހެލިކޮޕްޓަރުގެ ޚިދުމަތް ދިނުމަށް ބޭނުންވާ ބަޔަކު ހޯދުމަށް އިއުލާންކުރުމުން ބައިނަލްއަޤްވާމީ އެކި ކުންފުނިތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. ނަމަވެސް، އަލުން މި ޚިދުމަތް ފަށާއިރު ބޭނުންވަނީ ޔޫކޭ ސީއޭ އެސެސްމަންޓް ސްޓަޑީއަކާއެކު ފެންވަރު ރަނގަޅު ރައްކާތެރި މިންގަނޑެއްގައި ޚިދުމަތެއް ދޭންކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ހެލިކޮޕްޓަރު ޙިދުމަތުގައި ވަރަށް ދެރަ ހާދިސާ މީގެ 25 އަހަކަށް އަހަރު ކުރިން ވަނީ ހިނގާފައި. އަޅުގަނޑުމެން ދެން ޔޫކޭ ސީއޭ އެސެސްމަންޓް ސްޓަޑީއަކާއި އެކީގައި އެހިދުމަތް ފަށަން ބޭނުންވަނީ. އެހެންނަމަވެސް މާ ލަސްތަކެއް ނުވެ އެ ޕްރޮސެސް ފަށާގަނެވޭނެ.

ވަޒީރު އަމީން ވިދާޅުވިއެވެ.

މީގެ އިތުރުން ވަޒީރު ވިދާޅުވީ، ރާއްޖޭގައި އަލުން މި ޚިދުމަތް ފަށައިގަންނައިރު ބޭނުންކުރާނީ ރައްކާތެރިކަމުގެ މިންގަނޑު އެންމެ މަތީ ހެލިކޮޕްޓަރުތައްކަމަށެވެ. އެގޮތުން، މި ޚިދުމަތް ފަށާއިރު ދެން ބޭނުންކުރާނީ އެންމެ ރައްކާތެރި "ޓްވިން އިންޖީން" ހެލިކޮޕްޓަރުކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، ސަރުކާރުން ހެލިކޮޕްޓަރުގެ ޚިދުމަތްދޭން ނިންމަވާފައިވާއިރު އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކަމަށެވެ.

ރާއްޖޭގައި 1990 އަހަރުތަކުގެ ކުރީކޮޅުން ފެށިގެން 1999 ވަނަ އަހަރާއި ހަމައަށް ވަނީ ހެލިކޮޕްޓަރުގެ ޚިދުމަތް ފޯރުކޮށްދީފައެވެ. ނަމަވެސް، ދިމާވި އެކިކަހަލަ ހިތާމަވެރި ހާދިސާތަކުގެ ސަބަބުން މިކަން ހުއްޓާލުމަށްފަހު ސަރުކާރުން އަލުން މި ޚިދުމަތް ފަށާނެކަން އިއުލާންކޮށްފައިވަނީ ޖެނުއަރީމަހުގެ 28 ވަނަ ދުވަހުއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS