ކުޅިވަރު / ޚަބަރު
ހުޅުމާލޭގައި ޤާއިމުކުރާ ބައިނަލްއަޤްވާމީ ފެންވަރުގެ ސުވިމިން ޕޫލަކީ ރާއްޖެ ފަޚުރުވެރިވާނެ ވަސީލަތަކަށް ވެގެންދާނެ: ވަޒީރު ރާފިޢު

ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ފޮޓޯ: ވުޒާރާ
ރާއްޖޭގައި މުޅިން އަލަށް ޤާއިމުކުރަމުންދާ ބައިނަލްއަޤްވާމީ ފެންވަރުގެ ސުވިމިން ޕޫލް، ސަރަހައްދީ ފެންވަރުގައިވެސް ދިވެހިން ފަޚުރުވެރިވާނެ ވަސީލަތަކަށް ވެގެންދާނެކަމަށް ކުޅިވަރާ ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.
މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ވަޒީރު ރާފިޢު ވިދާޅުވީ، ހުޅުމާލޭގައި ބިނާކުރަމުންދާ މި ސުވިމިން ކޮމްޕްލެކްސްއަކީ ރާއްޖޭގެ ފެތުންތެރިންނަށް ލިބޭނެ އެންމެ ބޮޑު ވަސީލަތްކަމަށެވެ. އަދި މިތަނުގައި ސަރަހައްދީ ފެންވަރުގައި ބޭއްވޭ ބައިނަލްއަޤްވާމީ ފެތުމުގެ މުބާރާތްތައްވެސް ބޭއްވޭނެކަމަށާއި، މި ކޮމްޕްލެކްސް ވެގެންދާނީ ރާއްޖެ ފަޚުރުވެރިވާނެ ފަދަ ބިނާއަކަށްކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
"މިއީ އަޅުގަނޑުމެންގެ ފެތުންތެރިންނަށް ލިބޭނެ އެންމެ ބޮޑު ވަސީލަތް، މި ރީޖަންގަވެސް ހަމަ އަޅުގަނޑުމެން ފަޚުރުވެރިކަމާއެކު ސުވިމިންގެ މުބާރާތްތައް ހޯސްޓު ކުރެވޭނެ ވަރުގެ ފެސިލިޓީއަކަށް ވެގެންދިއުމަކީ އަޅުގަނޑުމެން އެންމެންވެސް ވަރަށް އުފާވާންޖެހޭނެކަމެއް ކަމުގައި އަޅުގަނޑު ދެކެނީ،" ވަޒީރު ވިދާޅުވިއެވެ.
ހުޅުމާލޭގައި ހަތަރު ބުރިއަށް ހަދާ މި ސުވިމިން ކޮމްޕްލެކްސް ބިނާކުރަމުންދަނީ އެންމެ ޒަމާނީ ވަސީލަތްތަކާއި ފެތުމުގެ ތަމްރީނުތައް ކުރިއަށްގެންދެވޭ ފެންވަރަށެވެ. މި ކޮމްޕުލެކްސްގެ މަސައްކަތް ނިމޭއިރު މިތަނުގައި 50 މީޓަރާއި 25 މީޓަރުގެ ދެ ސުވިމިން ޕޫލް ޤާއިމުވެގެންދާނެއެވެ. ހައިޖަމްޕުގެ ވަސީލަތްތައް ހިމެނޭހެން ފަރުމާކޮށްފައިވާ މި ޕޫލުގެ ސަބަބުން ރާއްޖޭގައި މޮޅެތި ފެތުންތެރިން އުފެދިގެންދާނެކަމަށް ވަޒީރު ގަބޫލުކުރައްވައެވެ.ވަޒީރު ރާފިޢު ވިދާޅުވީ، މި ތަނުގެ ސަބަބުން ފެތުމުގެ ކުޅިވަރަށް ވަރަށް ބޮޑު ތަރައްގީއެއް ލިބިގެންދާނެކަމަށެވެ.
ރާއްޖޭގަ ސުވިމިން ކުދިން އިތުރަށް އުފެއްދުމާ އަދި މުބާރާތްތައް ކުރިއަށްގެންދިއުމާ އަދި މިކަހަލަ ކަންކަމަށް ވަރަށް ބޮޑަށް މަގުފަހިވެގެންދާނެ، މިއީ ވަރަށް ބޮޑު ފެސިލިޓީއެއް، 50 މީޓަރުގެ ޕޫލާއެކު އަދި ހައިޖަމްޕު ފެސިލިޓީއެއްވެސް އެބަ އިނދޭ ވަޒީރު
މި ޕޫލުގެ މަސައްކަތް ނިމި ބޭނުންކުރަން ފަށާއިރު، މިތަނުގައި ޑްރައި ލޭންޑުގައި ހަދަން ޖެހޭ ތަމްރީނުތައްވެސް ހެދޭނެކަމަށާއި، މިތަން ވެގެންދާނީ ހުރިހާ ގޮތަކުން ބެލިކަމަށްވިޔަސް ވަރަށް ގިނަ ކުދިންނަށް ޖާގަލިބޭނެ ތަނަކަށްކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ފެތުމުގެ ގިނަ ޕްރޮގްރާމުތަކާއި އެކުއަޓިކްސްގެ ތަފާތު ގިނަ މުބާރާތްތައް މިތަނުގައި ބޭއްވުމަށް ރާވާފައިވާކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ކުޅިވަރު ވަޒީރު ވިދާޅުވީ މި ޕޫލާއެކު ފެތުމުގައި ހަރަކާތްތެރިވާ ކުލަބުތައް އިތުރުވާނެކަމަށާ، މިއީ ފެތުމުގެ ކުޅިވަރު އިތުރު ހަރުފަތަކަށް ގެންދިއުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށް ދެކެލައްވާކަމަށެވެ.
ހުޅުމާލޭގައި ބިނާކުރަމުންދާ މި ޕޫލުގެ ބިންގާ އަޅާފައި ވަނީ މިއަހަރުގެ އޭޕްރިލްމަހުގެ 10ވަނަ ދުވަހުއެވެ. ބައިނަލްއަގުވާމީ ފެންވަރަށް ތަރައްޤީކުރަން ރާވާފައިވާ މިބިނާގެ ބިންގާ އަޅުއްވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއާއި، ސުވިމިން އެސޯސިއޭޝަންގެ ރައީސް މުޙައްމަދު އަބްދުލް ސައްތާރު (ޗަމްޕީ)ގެ އިތުރުން ޗަމްޕާ ހުސައިން ޢަފީފު އަދި ބައިނަލްއަޤުވާމީ ފެތުމުގެ މުބާރާތަކުން ރާއްޖެއަށް ފުރަތަމަ ފަހަރަށް މެޑެއްޔެއް ގެނެސްދިން ފަޚުރުވެރި އެތުލީޓު އާމިނަތު ސަޖަންއެވެ.