ޚަބަރު
ނިމިދިޔަ ޖޫން މަހު ފުލުހުންގެ އިދާރާއަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ ވައްކަމުގެ މައްސަލަތައް

މަގުމަތީގައި ފުލުހެއް ހަރަކާތްތެރިވަނީ/ފޮޓޯ: ސަން އޮންލައިން
ނިމިދިޔަ ޖޫން މަހު ދިވެހި ފުލުހުންގެ އިދާރާއަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ ވައްކަމުގެ މައްސަލަތައް ކަމަށް ފުލުހުންގެ ޚިދުމަތުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ނިމިދިޔަ ޖޫން މަހު ފުލުހުންނަށް ވަނީ ޖުމްލަ 961 މައްސަލައެއް ހުށައަޅާފައެވެ. އޭގެ ތެރެއިން އެންމެ ގިނައިން ހުށައަޅާފައިވަނީ ވައްކަމުގެ މައްސަލަތަކެވެ. އެގޮތުން، ވައްކަން ކުރުމުގެ ޖުމްލަ 288 މައްސަލައެއް ހުށައަޅާފައިވާއިރު ދެވަނައަށް އެންމެ ގިނައިން ހުށައަޅާފައިވަނީ ޓްރެފިކް އެކްސިޑެންޓުގެ މައްސަލަތަކެވެ. އެގޮތުން، ޓްރެފިކް އެކްސިޑެންޓުގެ ޖުމްލަ 255 މައްސަލަ ވަނީ ހުށައަޅާފައެވެ.
ނިމިދިޔަ ޖޫން މަހު ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަތައް:
- ވައްކަން ކުރުމުގެ 288 މައްސަލަ
- ޓްރެފިކް އެކްސިޑެންޓު 255 މައްސަލަ
- މަސްތުވާތަކެއްޗާ ގުޅޭ 162 މައްސަލަ
- އެއްޗެހި ގެއްލިގެން 67 މައްސަލަ
- މުދަލަށް ގެއްލުން ދިނުމުގެ 40 މައްސަލަ
- އަނިޔާ ކުރުމުގެ 45 މައްސަލަ
- ގެވެށި އަނިޔާގެ 22 މައްސަލަ
- ޖިންސީ ގޯނާ ކުރުމުގެ 20 މައްސަލަ
- ފޭރުމުގެ 21 މައްސަލަ
- ޚިޔާނަތުގެ 33 މައްސަލަ
- ފޯޖް ކުރުމުގެ 8 މައްސަލަ
ކުށުގެ ވެށިން ޢާންމުން ރައްކާތެރިކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަފާތު ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން، ރައްކާތެރި މާޙައުލެއް ޤާއިމްކުރުމަށް ހޭލުންތެރިކަމުގެ ޕްރޮގްރާމުތައް ހިންގާ، ރައްޔިތުންނާއި މެދު އިތުބާރުހިފޭ ފަދަ ގުޅުމެއް ޤާއިމްކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން، މިއަހަރުގެ މެއި މަހާއި އަޅާބަލާއިރު ފުލުހުންނަށް ހުށައަޅާފައިވާ މައްސަލަތައް މަދުކަން ފާހަގަކުރެވެއެވެ.
އެގޮތުން، މިއަހަރުގެ މެއި މަހު ފުލުހުންނަށް ޖުމްލަ 1020 މައްސަލައެއް ހުށައަޅާފައިވާއިރު މި އަދަދު ނިމިދިޔަ ޖޫން މަހު ވަނީ ދަށްވެފައެވެ. މިދިޔަ މަހު ފުުލުހުންނަށް ހުށައަޅާފައިވަނީ 961 މައްސަލައެކެވެ.