ޚަބަރު
ރާއްޖޭގެ އިސްލާމީ މަރުކަޒުތަކުގައި ޤާއިމްކުރާ ލައިބްރަރީތަކަށް ބޭރުގެ ޔުނިވާސިޓީއަކުން 60 ހާސް ފޮތް ހަދިޔާކުރަނީ

ލައިބްރަރީ/ފޮޓޯ: އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ
ރާއްޖޭގެ އިސްލާމީ މަރުކަޒުތަކުގައި ޤާއިމްކުރާ ލައިބްރަރީތަކަށް ބޭރުގެ ޔުނިވާސިޓީއަކުން 60 ހާސް ފޮތް ހަދިޔާކުރަން ނިންމަވާފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ، އިސްލާމީ ލައިބްރަރީތަކަށް ބޭނުންވާ ފޮތްތައް އެކުވެރި ޤައުމެެއްގެ ޔުނިވަރސިޓީއަކުން ދިނުމަށް ހަމަޖެހިފައިވާކަމަށެވެ. މިގޮތުން، 60 ހާސް ފޮތް ލިބޭނެ ކަމަށް އަންގާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ދިއްދޫ އިސްލާމިކް ސެންޓަރ ލައިބްރަރީއާއި، އުނގޫފާރު އިސްލާމިކް ސެންޓަރ ލައިބްރަރީއާއި، ތިނަދޫ އިސްލާމިކް ސެންޓަރ ލައިބްރަރީއާއި، އައްޑޫ އިސްލާމިކް ސެންޓަރ ލައިބްރަރީގެ އިތުރުން، އަތޮޅުތަކުގައި ޤާއިމު ކުރެވޭ އެހެނިހެން އިސްލާމީ ލައިބްރަރީތަކަށް ވެސް މި ފޮތްތައް ހަދިޔާކުރެވިގެންދާނެ ކަމަށެވެ. މީގެ ތެރެއިން މިހާރު ހުޅުވިފައިވާ މަރުކަޒުތަކުގައި ލައިބްރަރީ ޤާއިމު ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، އަތޮޅުތަކުގެ އިސްލާމީ މަރުކަޒުތަކުގައި ލައިބްރަރީ ޤާއިމުކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެއް ކަމަށެވެ.
ވަޒީރު ވަނީ، މާލޭގައި ޤާއިމްކުރެވޭ އިސްލާމީ ލައިބްރަރީ ސަލްމާން މިސްކިތުގައި ޤާއިމް ކުރުމުގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށްދާކަން ފާހަގަކުރައްވާފައެވެ.