ދުނިޔެ

ޣައްޒާގައި ހަނގުރާމަ ހުއްޓާލުމުގެ މުހިންމު ޝަރުތުތަކަށް އިޒްރޭލުން އެއްބަސްވެއްޖެ

ޣައްޒާގައި ހަނގުރާމަ ހުއްޓާލުމުގެ މުހިންމު ޝަރުތުތަކަށް އިޒްރޭލުން އެއްބަސްވެއްޖެ

ފަލަސްތީން އަދި އިސްރާއީލްގެ ދިދަ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

02 ޖުލައި 2025، 12:52

02 ޖުލައި 2025، 12:52

ޣައްޒާގައި 60 ދުވަހުގެ މުއްދަތަކަށް ހަނގުރާމަ ހުއްޓާލުމަށް ބޭނުންވާ މުހިންމު ޝަރުތުތަކަށް އިޒްރޭލުން އެއްބަސްވެފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.  ޓްރަމްޕް މިކަން ހާމަކުރެއްވީ އެމަނިކުފާނުގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް، ޓްރޫތު ސޯޝަލް މެދުވެރިކޮށެވެ.

ޓްރަމްޕް ވިދާޅުވީ، ހަނގުރާމަ ހުއްޓާލުމަށް ހުށަހަޅާފައިވާ މި މުއްދަތުގެ ތެރޭގައި ހަނގުރާމަ މުޅިން ނިންމާލުމަށް މަސައްކަތްތަކެއް ކުރެވޭނެ ކަމަށެވެ. ނަމަވެސް އެއްބަސްވުމުގެ ހާއްސަ ޝަރުތުތަކެއް ޓްރަމްޕް ހާމައެއް ނުކުރައްވައެވެ. މެދުވެރިކަމުގެ މި މަސައްކަތުގައި ގަތަރާއި މިސްރުން ކުރަމުންދާ މަސައްކަތްތަކަށް ޓްރަމްޕް ވަނީ ތައުރީފު ކުރައްވާފައެވެ. އަދި ހަމާސް އިން މި ހުށަހެޅުން ގަބޫލުކުރުމަށް އެދިވަޑައިގަންނަވަމުން، މިއީ އެންމެ ރަނގަޅު ހުށަހެޅުން ކަމަށާއި މީގެފަހުން މިހާ ރަނގަޅު ހުށަހެޅުމެއް ނުލިބޭނެ ކަމަށް ޓްރަމްޕް ވަނީ އިންޒާރު ދެއްވާފައެވެ.

އދ. އަށް އިޒްރޭލުން ކަނޑައަޅުއްވާފައިވާ ސަފީރު ޑެނީ ޑެނަން ވެސް ވިދާޅުވީ، ހަނގުރާމަ ހުއްޓާލުމަށް އިޒްރޭލް ތައްޔާރުކަމަށެވެ. ނަމަވެސް ހަމާސްއިން އެއްބާރުލުން ނުދީ "ޑެނަން ހާޑްބޯލް" ކުޅޭ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ. ހަމާސް އިން މަޑުޖައްސާލައިފިނަމަ، އިޒްރޭލުން އަސްކަރީ ހަރަކާތްތައް އިތުރުކުރަން ޖެހިދާނެ ކަމަށް ޑެނަން ވިދާޅުވިއެވެ.

"އަޅުގަނޑުމެން ހަމާސްއަށް ފިއްތުން ކުރިމަތިކުރަނީ. އެމީހުން ވާހަކަ ދައްކަން މޭޒަށް ނާންނަ ނަމަ، ރަހީނުކޮށްފައި ތިބި މީހުން އަނބުރާ ގެނައުމަށް އަސްކަރީ ހަރަކާތްތައް ހިންގުން ނޫން ގޮތެއް އަޅުގަނޑުމެންނަށް ނެތް." ޑެނަން ވިދާޅުވިއެވެ.

ޣައްޒާގައި އިޒްރޭލުގެ ގާތްގަނޑަކަށް 50 ރަހީނުން އަދިވެސް ހިފެހެއްޓިފައި ތިބިކަމަށް އިޒްރޭލުން ގަބޫލުކުރެއެވެ. އޭގެތެރެއިން މަދުވެގެން 20 މީހުން ދިރިހުރި ކަމަށް ވެސް ބެލެވެއެވެ. ޓްރަމްޕްގެ މި ބަޔާން ނެރުއްވީ، ކުރިއަށް އޮތް ހަފުތާގައި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ބައްދަލުކުރައްވަން ނިންމަވައިގެންނެވެ. މި ބައްދަލުވުމުގައި ވަރަށް ވަރުގަދަ މަގާމެއްގައި ހުންނަވާނެ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. ނަތަންޔާހޫ ހަނގުރާމަ ނިންމާލަން ބޭނުންވާ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

މިދަނޑިވަޅުގައި އިޒްރޭލުގެ ސްޓްރެޓީޖިކް އެފެއާޒް މިނިސްޓަރު ރޮން ޑާމާރ ވަނީ ވޮޝިންޓަންގައި އެމެރިކާގެ އޮފިޝަލުންނާ ބައްދަލުކުރައްވާފައެވެ. އެ ބައްދަލުވުންތަކުގައި މެދުއިރުމަތީގެ ޚާއްސަ މަންދޫބު ސްޓީވް ވިޓްކޯފް، ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ އަދި ނައިބު ރައީސް ޖޭ.ޑީ ވެންސް ހިމެނެއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS