Ads by Stelco

ޚަބަރު

ދުންފަތުގެ ވިޔަފާރިކުރާ ފަރާތްތަކަށް އެޗްޕީއޭއިން އިންޒާރެއް: މިމަހުގެ 17 އަށްފަހު ލައިސެންސް ނެތި ވިޔަފާރިކުރުން މަނާ

ދުންފަތުގެ ވިޔަފާރިކުރާ ފަރާތްތަކަށް އެޗްޕީއޭއިން އިންޒާރެއް: މިމަހުގެ 17 އަށްފަހު ލައިސެންސް ނެތި ވިޔަފާރިކުރުން މަނާ

ދުންފަތުގެ ބާވަތެއް ފޮޓޯ:އިންޓަނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

02 ޖުލައި 2025، 01:22

02 ޖުލައި 2025، 01:22

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ދުންފަތުގެ ވިޔަފާރިކުރާ ފަރާތްތަކަށް މުހިންމު އިންޒާރެއް ދީފިއެވެ. އެ އޭޖެންސީން ވިދާޅުވީ މިމަހުގެ 17 ވަނަ ދުވަހުގެ ފަހުން، ދުންފަތުގެ ބާވަތްތައް އެތެރެކުރުމަށާއި ވިއްކުމަށް ނަގަންޖެހޭ ޚާއްސަ ލައިސެންސް ނެތި މުޢާމަލާތުކުރުމަކީ ޤާނޫނީގޮތުން މަނާކަމެއް ކަމަށެވެ.

އެޗްޕީއޭއީން އިތުރަށް ވިދާޅުވީ ދުންފަތުގެ ބާވަތްތައް އިމްޕޯޓުކުރުމަށާއި، ރީއެކްސްޕޯޓުކުރުމަށާއި ރާއްޖޭގައި ވިއްކުމަށް ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނާއި ގަވާއިދުގެ ދަށުން ވަކި ލައިސެންސެއް މިހާރު ނަގަންޖެހޭކަމަށެވެ. ދުންފަތުގެ ވިޔަފާރިކުރުމަށް ނަގަންޖެހޭ މިލައިސެންސް ނެގުމަށް، ވަންގަވް ޕޯޓަލް މެދުވެރިކޮށް ހުއްދަ ހޯދުމުގެ ފުރުސަތު މިހިނގާ 2024 ވަނަ އަހަރުގެ އޭޕްރީލްމަހުގެ 17 ވަނަ ދުވަހުވަނީ ހުޅުވާލާފައެވެ. އަދި މިމުއްދަތު މިމަހުގެ 17 އަށް ހަމަވާނެ ކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.
އެހެންކަމުން، ދުންފަތުގެ ވިޔަފާރިކުރަން އެދޭ ފަރާތްތަކުން މިމަހުގެ 17 ވަނަ ދުވަހުގެ ކުރިން ލައިސެންސް ނުނަގާ އޭގެފަހުން ވިޔަފާރިކުރާނަމަ، އެއީ ޤާނޫނީ ކުށެއް ކަމަށް އެޗްޕީއޭއިން ވަނީ ހަނދާންކޮށްދީފައެވެ.

ދުންފަތުގެ ބާވަތްތައް ވިއްކުމަށް ނަގަންޖެހޭ ލައިސެންސް އަދި ހުއްދަ ނުނަގާ މުޢާމަލާތުކުރުމުން ފުރަތަމަ ފަހަރަށް 50,000 (ފަންސާސް ހާސް) ރުފިޔާއިން ޖޫރިމަނާކުރުމަށް ދުންފަތް ކޮންޓްރޯލްކުރުމާއި ގުޅޭ އާއްމު ގަވާއިދުގައިވަނީ ސިއްޙަތާ ބެހޭ ވުޒާރާއަށް ބާރު ދެއްވާފައެވެ. އަދި އިތުރުވާ ކޮންމެ ފަހަރަކަށް 100,000 (އެއް ލައްކަ) ރުފިޔާއިން ޖޫރިމަނާކުރުމުގެ އިތުރުން ވިޔަފާރީގެ ހުއްދަ ހިފެހެއްޓުމުގެ ބާރުވެސް މިގަވާއިދުގެ ދަށުން ކަމާބެހޭ ފަރާތްތަކަށް ލިބިދެއެވެ.

މިގޮތަށް ދުންފަތުގެ ވިޔަފާރި ކޮންޓްރޯލްކުރުމަށް ސަރުކާރުން މިފަދަ ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވަނީ ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމުގެ މަޤްސަދުގައެވެ. މިގޮތުން، 2007 ވަނަ އަހަރުން ފެށިގެން އުފަންވާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލުކުރުން މިހާރުވަނީ މަނާކޮށްފައެވެ. މީގެ އިތުރުން ދުންފަތުގެ ބައެއް ބާވަތްތަކުގެ ޑިއުޓީ ބޮޑުކޮށްފައިވާއިރު، އިލެކްޓްރޯނިކް ވޭޕްއާއި އޭގެ އެކި އާލާތްތައް ރާއްޖެއަށް އެތެރެކުރުމާއި ވިޔަފާރިކުރުމާއި ބޭނުންކުރުންވެސްވަނީ މަނާކޮށްފައެވެ. މިއާއެކު ވޭޕް ބޭނުންކުރާ ފަރާތްތަކާއި މެދު ފުލުހުން ގެންދަވަނީ ޤާނޫނުގައި ބަޔާންކުރާ ފަދައިން ފިޔަވަޅު އަޅަމުންނެވެ.

                    

މި ލިޔުން ކިޔާލުމުން

Ads by MSS