Ads by Stelco

ޚަބަރު

މެއި މަހު އެކަނިވެސް އެންސްޕާއިން ބޭސްފަރުވާއަށް 4 މިލިޔަނަށްވުރެ ގިނައި ޚަރަދުކޮށްފައިވޭ

މެއި މަހު އެކަނިވެސް އެންސްޕާއިން ބޭސްފަރުވާއަށް 4 މިލިޔަނަށްވުރެ ގިނައި ޚަރަދުކޮށްފައިވޭ

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ. ފޮޓޯ: މިހާރު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

02 ޖުލައި 2025، 03:24

02 ޖުލައި 2025، 03:24

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން މިއަހަރުގެ މެއި މަހު އެކަނިވެސް ބޭސްފަރުވާގެ ޚަރަދުކުރުމަށް ދަތިވާ ފަރާތްތަކަށް 14 މިލިޔަން ރުފިޔާއަށް ވުރެ ގިނަ އަދަދެއް ޚަރަދުކޮށްފިކަމަށް އެ އެޖެންސީއިން ހާމަކުރި ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

 މިއީ ބޭސްފަރުވާގެ އެހީގެ ޕްރޮގްރާމްގެ ދަށުން ކުރެވުނު ޚަރަދެވެ.

އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މެއި މަހު ޖުމްލަ 14،236،810.51 ރުފިޔާ ވަނީ ބޭސްފަރުވާގެ އެހީގެ ގޮތުގައި ޚަރަދުކޮށްފައެވެ. މި ޚަރަދުގެ ތެރޭގައި ރާއްޖެއިން ބޭރުންނާއި ރާއްޖެއިން ބޭސްފަރުވާ ހޯދުމަށް ކުރެވުނު ޚަރަދުތައް ހިމެނެއެވެ. އެގޮތުން ރާއްޖެއިން ބޭރުން ބޭސްފަރުވާ ހޯދުމަށް 3،909،573.95 ރުފިޔާ ޚަރަދުކޮށްފައިވާއިރު، ރާއްޖޭގައި ބޭސްފަރުވާ ހޯދުމަށް 10،327،236.56 ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކާގޮތުން، އެނދުމަތިކޮށްގެން ފަރުވާދިނުމަށް އޭޑީކޭ ހޮސްޕިޓަލްގެ 190 ކޭސްއަކަށް 3،228،935.21 ރުފިޔާ ޚަރަދުކޮށްފައިވެއެވެ. އަދި ޓްރީޓޮޕް ހޮސްޕިޓަލްގެ 334 ކޭސްއަކަށް 4،192،916.43 ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

ޓްރީޓޮޕް ހޮސްޕިޓަލުން އެންމެ ގިނަ ޚަރަދެއް ކޮށްފައިވަނީ ކަށީގެ ބަލިތަކަށް ފަރުވާ ދިނުމަށެވެ. އެގޮތުން 53 ކޭހަކަށް 1،221،484.60 ރުފިޔާ ޚަރަދުކޮށްފައިވެއެވެ. މީގެއިތުރުން ވިހެއުމާ ގުޅޭ ކަންކަމަށް 742،058.68 ރުފިޔާއާއި، އަންހެނުންގެ ބަލިތަކަށް 399،943.18 ރުފިޔާ ޚަރަދުކޮށްފައިވެއެވެ. އަދި ގޭސްޓްރޯއިންޓެސްޓިނަލް ބަލިތަކަށް 391،447.01 ރުފިޔާ ޚަރަދުކޮށްފައިވާއިރު، ނޭވާލާ ނިޒާމުގެ ބަލިތަކަށް 327،699.50 ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

އޭޑީކޭ ހޮސްޕިޓަލުން އެންމެ ގިނަ ޚަރަދެއް ކޮށްފައިވަނީ ކާޑިއޯވެސްކިއުލަރ ބަލިތަކަށް ފަރުވާ ދިނުމަށެވެ. އެގޮތުން 14 ކޭހަކަށް 994،871.81 ރުފިޔާ ޚަރަދުކޮށްފައިވެއެވެ. މީގެއިތުރުން މައިބަދައާއި ނާރުގެ ބަލިތަކަށް 507،457.75 ރުފިޔާއާއި، ކަށީގެ ބަލިތަކަށް 432،119.03 ރުފިޔާ ޚަރަދުކޮށްފައިވެއެވެ. އަދި ނޭވާލާ ނިޒާމުގެ ބަލިތަކަށް 230،542.06 ރުފިޔާއާއި، ވިހެއުމާ ގުޅޭ ކަންކަމަށް 220،693.23 ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

2008 ވަނަ އަހަރުގެ އޯގަސްޓް 27 ވަނަ ދުވަހު އުފެދުނު އެންސްޕާގެ މައިގަނޑު މަސައްކަތަކީ ޤައުމީ އިޖްތިމާއީ ސިއްހީ އިންޝުއަރަންސް ސްކީމު ހިންގާ ބެލެހެއްޓުމާއި އިޖްތިމާއީ ރައްކާތެރިކަމުގެ ޤާނޫނުގެ ދަށުން ކަނޑައެޅިފައިވާ ޕްރޮގްރާމްތައް ރާވާ ހިންގުމެވެ. މީގެއިތުރުން ޤާނޫނީ ގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ ދަށުން ހަވާލުކުރެވިފައިވާ މަސައްކަތްތައް ހިންގާ ބެލެހެއްޓުމަކީވެސް އެންސްޕާގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

 

 

 

މި ލިޔުން ކިޔާލުމުން

Ads by MSS