Ads by Stelco

ޚަބަރު

މާލޭގައި ހުޅުވާ ޢާންމު ބަލީގެ ޚާއްސަ ކްލިނިކް މިމަހު ހުޅުވަނީ

މާލޭގައި ހުޅުވާ ޢާންމު ބަލީގެ ޚާއްސަ ކްލިނިކް މިމަހު ހުޅުވަނީ

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް. ފޮޓޯ: އައިޖީއެމްއެޗް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

02 ޖުލައި 2025، 03:34

02 ޖުލައި 2025، 03:34

ހުލާސާ


މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން ތަރައްޤީކުރާ ފުރަތަމަ އާންމު ބަލީގެ ކްލިނިކް މިމަހު ހުޅުވާނެކަމަށް އެ ކުންފުނީގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވެއްޖެއެވެ.

 މި ކްލިނިކަކީ މާލެ ސަރަޙައްދުގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ 4 ކްލިނިކުގެ ތެރެއިން ފުރަތަމަ ކްލިނިކެވެ.

ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާޢީ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން ސީއީއޯ ވިދާޅުވި ގޮތުގައި، ހިޮސްޕިޓަލަށް އެޕޮއިންޓްމަންޓަށް ރިކުއެސްޓްކުރައްވާ ގިނަ ބޭފުޅުން އަންނަނީ ރިފަރަލް ނިޒާމެއްގެ ތެރެއިން ނޫން ކަމަށާއި، އެހެންވީމަ އެކަމަށް ހައްލެއް ގެނެވިއްޖިއްޔާ ސީދާ ދައްކަންޖެހޭ ޑޮކްޓަރަށް ރިފަރކުރެވިގެން އައިމަ މިކަމަށް ހައްލެއް އަންނާނެ ކަމަށެވެ. 

މާލެ ސަރަޙައްދުގައި ހުޅުވާ ފުރަތަމަ އާންމު ބަލީގެ ކްލިނިކް ޤާއިމުކުރެވެނީ މާފަންނު ކޮރަލް ބޮލެވަރޑް ހުރި ޢިމާރާތުގައެވެ. މި ކްލިނިކް މެދުވެރިކޮށް ސްޕެޝަލިސްޓުންނާއި ސުޕަރ ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ދެއްކޭނީ އާންމު ބަލީގެ ޑޮކްޓަރުން ރިފަރ ކުރުމުންނެވެ.

މީގެއިތުރުން، ޑޮކްޓަރަށް ދެއްކުމުގެ ޚިދުމަތް އިތުރަށް ފަސޭހަކުރުމަށް ޓެލެމެޑިސިންގެ ޚިދުމަތްވެސް ތަޢާރަފުކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ޚިދުމަތާއެކު އަތޮޅުތަކުން މާލެއަށް ޑޮކްޓަރަށް ދައްކަން އަންނަ ފަރާތްތަކަށް އޮންލައިން ކޮންސަލްޓޭޝަންގެ ޚިދުމަތް ލިބި، ހަދަންޖެހޭ ޓެސްޓުތައް ހެދުމަށްފަހު ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.

ސިއްޙަތާ ބެހޭ ވުޒާރާއާއި އަތޮޅުތަކުގެ ސިއްޙީ މަރުކަޒުތަކާ ގުޅިގެން މިހާރުވެސް މި ނިޒާމު ޓެސްޓުކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. މި ނިޒާމުގެ ސަބަބުން އަތޮޅުތަކުން ޑޮކްޓަރަށް ދެއްކުމަށް މާލެއަށް ކުރަންޖެހޭ ދަތުރުތަކަށް ކުރަންޖެހޭ ޚަރަދު ބޮޑުތަނުން ކުޑަވެގެންދާނެކަމަށް މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން ފާހަގަކުރައްވައެވެ.

 

 

 

 

 

މި ލިޔުން ކިޔާލުމުން

Ads by MSS