ދުނިޔެ
އީރާނަށް ޖާސޫސްކޮށްދޭ ތިން މީހަކު އިޒްރާއިލް ސިފައިން ހައްޔަރުކޮށްފި

ޖާސޫސުން ހައްޔަރުކުރި ސަރަހައްދު
އީރާނަށް ޖާސޫސްކޮށްދޭ ތިން މީހަކު އިޒްރާއިލް ސިފައިން ހައްޔަރުކޮށްފިއެވެ.
އިޒްރާއީލްގެ މިލިޓަރީ ފޯސްއިން މިއަދު ހެނދުނު ސޫރިޔާގެ ކުނައިތިރާ ސަރަހައްދުގެ ބަސާލީ ރަށުން 3 ސޫރިޔާ ރައްޔިތުން ހައްޔަރުކޮށްފައިވެއެވެ. މިކަން ސޫރިޔާގެ ބައެއް މަސްދަރުތަކުން ވަނީ ކަށަވަރުކޮށްދީފައެވެ.
ސޫރިޔާގެ އަލް-އިޚްބާރިއްޔާ ޗެނަލުން ހާމަކުރި ގޮތުގައި، 8 އުޅަނދާއި 40 ސިފައިން ހިމެނޭ އިޒްރާއީލްގެ ޢަސްކަރީ ގްރޫޕަކުން މިއަދު ފަތިހު ބަސާލީ ރަށަށް ވަދެ، އެރަށުގެ 3 ރައްޔިތުން ހައްޔަރުކޮށްފައިވެއެވެ.
އިޒްރާއީލު ސިފައިންގެ ބަޔާނެއްގައި ބުނެފައިވަނީ، އިރާނުން ދެކުނު ސޫރިޔާގައި ޤާއިމުކޮށްފައިވާ "ޓެރަރިސްޓް ސެލްއެއްގެ" ގިނަ މެންބަރުން ރޭގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރެވުނު ކަމަށެވެ. އަދި މި ސެލް ހަރަކާތްތެރިވަމުން އައީ އިޒްރާއީލާ އިންވެގެންވާ ދެ ސަރަހައްދެއްގައި ކަމަށާއި، ފާއިތުވި ހަފްތާތަކުގައި އިންޓެލިޖެންސް މަޢުލޫމާތު އެއްކުރުމަށްފަހު މި އޮޕަރޭޝަން ހިންގުނު ކަމަށް ބުނެފައިވެއެވެ.
އިޒްރާއިލްގެ މީޑިއާތަކުން ރިޕޯޓުކުރި ގޮތުގައި، މި އޮޕަރޭޝަންގައި އިންޓެލިޖެންސް މަޢުލޫމާތުގެ މައްޗަށް ބިނާކޮށް 4 މީހުން ހައްޔަރުކުރެވުނެވެ. އަދި އޮޕަރޭޝަންގެ ތެރޭގައި ހަތިޔާރާއި އަތްބޮން ހިމެނޭ ހަނގުރާމަވެރި ތަކެތި ހޯދުނު ކަމަށް އިޒްރާއީލު ސިފައިން ބުނެފައިވެއެވެ.
ފާއިތުވި ޑިސެމްބަރުގައި ބަޝާރު އަލް-އަސަދުގެ ވެރިކަން ވެއްޓުނު ފަހުން، އިޒްރާއީލު ސިފައިން ވަނީ ކުނައިތިރާއާއި އޮކިއުޕައިޑް ގޯލަން ހައިޓްސްގެ ބޯޑަރު ސަރަހައްދުގައި ގިނަ ކިލޯމީޓަރުތަކެއްގެ އަމަލިއްޔާތުތައް ހިންގާފައެވެ. އަދި އިސްރާއީލުން ވަނީ ސޫރިޔާގެ ސަރަހައްދުގައި ސެކިއުރިޓީ ޒޯނެއް ޤާއިމުކޮށް، އެ ސަރަހައްދު ދޫކޮށްލުމަށް ވަކި ތާރީޚެއް ކަނޑަނާޅާ ކަމަށް ފެބްރުއަރީގައި އިޢުލާންކޮށްފައެވެ.