ޚަބަރު
ގައިދީންގެ އާއިލާތަކުގެ ތެރެއިން ހާލުގައި އުޅޭ އާއިލާތަކަށް އެހީތެރިވުމަށް މަޝްވަރާކޮށްފި

ޒަކާތުހައުސްގެ އިސްވެރިންނާއި ޕްރޮޒަންސްގެ އިސްވެރިން ނާއި އެކު ކުރެވުނު މަޝްވަރާ ތަކުގެ ތެރެއިން
ޖަލުތަކުގައި ތިބި ގައިދީންގެ ޢާއިލާތަކުގެ ތެރެއިން ހާލުގައި ދިރިއުޅޭ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ޒަކާތު ހައުސްއާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާ ދެމެދު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގައި ބޭއްވުނު މި ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރުގެ އިތުރުން ކަރެކްޝަނަލް ސަރވިސްގެ ސީނިއަރ މެނޭޖްމަންޓުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ބައްދަލުވުމުގައި ޚާއްޞަ އެހީ ފޯރުކޮށްދޭ ޕްރޮގްރާމެއްގެ ދަށުން ޖަލުގައި ތިބޭ ޤައިދީންގެ ޢާއިލާތަކުގެ ތެރެއިން ހާލަތު ދަށް ޢާއިލާތަކަށް އެހީތެރިވުމާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.
މި ޕްރޮގްރާމްގެ ދަށުން، ޒަކާތު ހައުސްއިން ކަރެކްޝަނަލް ސަރވިސްގެ ކޯޕަރޭޓް ސޮސައިޓީ މެދުވެރިކޮށް، އެހީ ބޭނުންވާ އާއިލާތައް ދެނެގަނެ، އެފަދަ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ރޭވިފައެވެ. މީގެ އިތުރުން، ދެ މުއައްސަސާ ގުޅިގެން ކުރިއަށް ގެންދެވިދާނެ އިތުރު ޕްރޮގްރާމްތަކާ ގުޅޭގޮތުންވެސް ވަނީ މަޝްވަރާކުރެވިފައެވެ.
ޒަކާތު ހައުސްއަކީ މިހާރުވެސް ދިރިއުޅުމުގެ ހާލަތު ދަށް ގިނަ އާއިލާތަކަކަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ މުއައްސަސާއެކެވެ.
އިސްލާމީ ވުޒާރާގެ ދަށުން ހިންގާ މި އިދާރާގެ މައިގަނޑު މަޤްޞަދަކީ ޒަކާތުގެ ހައްޤުވެރިންނަށް ފަސޭހަކަމާއި އަވަސްކަމާއެކު ޚިދުމަތްތައް ފޯރުކޮށްދިނުމެވެ.
މި އައު އެހީތެރިކަމުގެ ޕްރޮގްރާމްގެ ސަބަބުން، ޖަލުގައި ތިބޭ ގައިދީންގެ އާއިލާތަކުގެ ތެރެއިން އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އިތުރު ލުޔެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.