ޚަބަރު
ޒުވާނުން ތަމްރީނު ކުރުމަށް ކުރިއަށްގެންދާ 17 ކޯހަކަށް ކުރިމަތިލާން ހުޅުވާލައިފި

ޒުވާނުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެއް---
ޒުވާނުން ތަމްރީނު ކުރުމަށް ކުރިއަށްގެންދާ 17 ކޯހަކަށް ކުރިމަތިލާން ހުޅުވާލައިފިއެވެ. މިއީ އިޤްތިޞާދަށް ބޭނުންވާ ތަފާތު ދާއިރާތަކުން ޒުވާނުން ތަމްރީންކޮށް ވަޒީފާގެ ބާޒާރަށް ތައްޔާރުކުރުމަށް، މާލެ ހިމެނޭހެން 16 ރަށެއްގައި ހިންގާ ކޯސްތަކެކެވެ.
ވޯލްޑް ބޭންކްގެ އެހީގައި "މީރީ" ޕްރޮޖެކްޓްގެ ދަށުން ހިންގާ "ފިއުޗަރ-ރެޑީ ޔޫތު ޕްރޮގްރާމް" ގައި 16 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނަށް ބައިވެރިވެވޭނެއެވެ. މި ޕްރޮގްރާމްގެ ކޯސްތަކަކީ ބައިވެރިންގެ އަތުން އެއްވެސް ފީއެއް ނުނަގާ، މުޅިން ހިލޭ ބައިވެރިވެވޭ ކޯސްތަކެކެވެ.
ނެޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ސެޓިފައިޑް ޕްރެކްޓިކަލް އަދި ތިއަރީ ހިމެނޭ މި ކޯސްތަކަކީ ނެޝަނަލް ސެޓްފިކެޓް ލެވެލް 3ގެ ކޯސްތަކެކެވެ. މި ޕްރޮގްރާމްގެ ދަށުން ޖުމްލަ 17 ކޯހެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.
މި ކޯސްތަކުގެ ތެރޭގައި ޖުވެލަރީ ޑިޒައިން، ގާޑެނިންގ، ހައުސްކީޕިންގ، އެއަރޕޯޓް ރެޕްރެޒެންޓޭޓިވް ސަރވިސަސް، ފްރަންޓް އޮފީސް ސަރވިސަސް، ބަރިސްޓާ، ވޭސްޓް-ޓު-ވެލްތު، އިންވެންޓްރީ މެނޭޖްމަންޓް، ޓުއަރ ގައިޑިންގ، ކޭޝިއަރިންގ، ކޮމްޕެނީ އެޑްމިނިސްޓްރޭޝަން، އިވެންޓް މެނޭޖްމަންޓް، އާޓް ސްކިލްސް، ކޮމްޕިއުޓަރ ހާޑްވެއަރ އެންޑް ނެޓްވޯކިންގ، ޕްރޮގްރާމިންގ، ސްކޫލް ލެބޯރެޓަރީ ޓެކްނީކްސް އަދި ގެސްޓް ހައުސް އޮޕަރޭޝަންސް ހިމެނެއެވެ.
މި ޕްރޮގްރާމްގެ މައިގަނޑު އަމާޒަކީ ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް އިތުރުކޮށްދިނުމާއި، ބިދޭސީ މަސައްކަތްތެރިންގެ މައްޗަށް ބަރޯސާވާ މިންވަރު ކުޑަކުރުމެވެ. މި ކޯސްތަކަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން ނެޝަނަލް ކެރިއަރ ސަރވިސްގެ ޖޮބް ސެންޓަރ ޕޯޓަލް މެދުވެރިކޮށް ކުރިމަތިލެވޭނެއެވެ.