ކުޅިވަރު

އޭއެފްސީ އޭޝިއަން ކަޕް ވިމެންސް ކޮލިފައިން: ގުއާމް މެޗުން ބަލިވެ ރާއްޖެ ކަޓައިފި

އޭއެފްސީ އޭޝިއަން ކަޕް ވިމެންސް ކޮލިފައިން: ގުއާމް މެޗުން ބަލިވެ ރާއްޖެ ކަޓައިފި

ރާއްޖެއާ ގުއާމްއާ ބައްދަލުކުރި މެޗު، ފޮޓޯ: އޭއެފްސީ

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

02 ޖުލައި 2025، 07:43

02 ޖުލައި 2025، 07:43

އަންނަ އަހަރު އޮސްޓްރޭލިއާގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭއެފްސީ ވިމެންސް އޭޝިއަން ކަޕްގެ ކޮލިފައިން ބުރުގައި ދިވެހިރާއްޖޭގެ އަންހެން ޓީމު ކުޅުނު ދެވަނަ މެޗުން ވެސް ބަލިވެ، އޭޝިއަން ކަޕަށް ކޮލިފައިވުމުގެ ފުރުސަތު ގެއްލިއްޖެއެވެ.

މިއަދު ހަވީރު ގުއާމްއާ ދެކޮޅަށް ކުޅުނު މެޗުން ރާއްޖެ ބަލިވީ 3-0އިންނެވެ. 

މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނުނު ނަމަވެސް، ފުރަތަމަ ހާފު ނިމެން މިނެޓަކަށްވެފައި ވަނިކޮށް ގުއާމްއިން ލީޑު ނެގިއެވެ. 

ދެވަނަ ހާފުގައި ގުއާމް ކުޅުނީ އެޓޭކިން ގޭމެކެވެ. ނަތީޖާއަކަށްވީ މެޗުގެ 56 ވަނަ މިނެޓުގައި އެ ޓީމުން އިތުރު ގޯލެއް ޖަހާ ލީޑު ފުޅާކުރުމެވެ. 

އެއަށްފަހު މެޗުގެ 75 ވަނަ މިނެޓުގައި ގުއާމުން ވަނީ އެ ޓީމުގެ ތިންވަނަ ގޯލާއެކު ތިން ޕޮއިންޓު ޔަގީންކޮށްފައެވެ. 

މި ނަތީޖާއާއެކު ގުއާމް އޮތީ ގްރޫޕް-ޑީގެ އެއްވަނައިގައެވެ. ފުރަތަމަ މެޗުން ހޯދި އެއް ޕޮއިންޓާ، ރާއްޖެއާ ދެކޮޅަށް ހޯދި ތިން ޕޮއިންޓާއެކު ގުއާމްއަށް ވަނީ މިހާރު 4 ޕޮއިންޓު ލިބިފައެވެ.

މި ގްރޫޕްގައި ޔޫއޭއީ އާއި ވިއެޓްނާމް ބައްދަލުކުރާ މެޗު ވަނީ މިރެއަށް ތާވަލުކޮށްފައެވެ. އެ މެޗާއެކު ގްރޫޕް ސްޓޭންޑިންއަށް ބަދަލުތަކެއް އައުމަކީ އެކަށީގެންވާ ކަމެކެވެ. 

އަނެއްކޮޅުން، ކުޅުނު ދެ މެޗުން ބަލިވެ، އެއްވެސް ގޯލެއް ކާމިޔާބު ނުކުރެވުމުން، ބައިކޮޅަށް ވަތް 10 ގޯލާއެކު ފައިނަލް ބުރަށް ކޮލިފައިވުމުގެ ދޮރު ވަނީ ރާއްޖެއަށް ބަންދުވެފައެވެ.

ކޮލިފައިންގައި ރާއްޖެއިން ކުޅޭ ފަހު މެޗު އޮންނާނީ ހޮނިހިރު ދުވަހު ޔޫއޭއީއާ ދެކޮޅަށެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS