ދުނިޔެ
އީރާނުގެ ހުޅަނގާއި މެދުތެރޭގެ ވައިގެ ސަރަޙައްދު ބަންދުކޮށްފި

ބަންދުކޮށްފައިވާ އީރާނުގެ ވައިގެ ސަރަހައްދު
އީރާނުގެ ހުޅަނގާއި މެދު ސަރަހައްދުގެ ވައިގެ ސަރަހައްދު ބަންދުކޮށްފިއެވެ.
އީރާނުގެ މަގުތަކާއި އާބާދީ ތަރައްޤީކުރުމުގެ ވުޒާރާގެ ތަރުޖަމާނަކަށް ހަވާލާދީ އެޤައުމުގެ "އެސް އެން އެން" ނެޓްވާރކުން މިއަދު ހާމަކޮށްފައިވާ ގޮތުގައި، ސަލާމަތީ ސަބަބުތަކަށްޓަކައި އީރާނުގެ ހުޅަނގާއި މެދުތެރޭގެ އެއަރ ސްޕޭސް ބައިނަލްއަޤްވާމީ ދަތުރުތަކަށް ބަންދުކޮށްފައިވާއިރު، އިރުމަތީ ސަރަހައްދުގެ ވައިގެ ސަރަހައްދު ހުޅުވާލާފައިވެއެވެ.
އެ ނެޓްވާރކުން ބުނެފައިވާ ގޮތުގައި، އެ ޤައުމުގެ އުތުރާއި، ދެކުނާއި، ހުޅަނގު ސަރަހައްދުތަކުގެ އެތެރޭގެ އަދި ބޭރުގެ ދަތުރުތައް ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2:00 (ގްރީންވިޗް ގަޑިން ހެނދުނު 10:30) އަށް ކެންސަލްކުރުން އިތުރުކޮށްފައިވެއެވެ.
އީރާނުން ވަނީ ފާއިތުވި ހޮނިހިރު ދުވަހު އެ ޤައުމުގެ ވައިގެ ސަރަޙައްދު ބޭރުގެ އެއަރލައިންތަކަށް އަލުން ހުޅުވާލާފައެވެ. ނަމަވެސް ޤައުމުގެ ގިނަ ސަރަޙައްދުތަކުގައި، ޚާއްސަކޮށް ތެހުރާނުގައި ދަތުރުތައް ވަނީ ހުއްޓިފައެވެ. އިޒްރާއީލުގެ ހަމަލާއަކަށްފަހު ޖޫން 13 ވަނަ ދުވަހު އީރާނުން ވަނީ އެ ޤައުމުގެ ވައިގެ ސަރަޙައްދު މުޅިން ބަންދުކޮށްފައެވެ. އޭގެފަހުން ދަތުރުތައް މަޑުމަޑުން ފެށުނު ނަމަވެސް، އެކަން ހަނިވެފައިވަނީ އިރުމަތީ ސަރަޙައްދަށެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ދާދި ފަހުން އީރާނާއި އިޒްރާއީލާ ދެމެދު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް ވާސިލުވެފައިވާކަން އިއުލާނުކުރައްވާފައެވެ. އިޒްރާއިލުން މިކަމަށް އެއްބަސްވެފައިވާ އިރު، އީރާނުންވެސް ވަނީ ހަނގުރާމަ ހުއްޓާލާފައިވާކަން ކަށަވަރުކޮށްދީފައެވެ.
ނަމަވެސް، އީރާނުގެ ހަތިޔާރުއެޅި ބާރުތަކުގެ ޗީފް އޮފް ސްޓާފް ލެފްޓިނެންޓް ޖެނެރަލް އަބްދުލް ރަހީމް މޫސަވީ ވަނީ ހަނގުރާމަ ހުއްޓާލުމުގައި އިޒްރާއީލުން އިޚްލާސްތެރިވާނެކަމާމެދު ސުވާލު އުފައްދަވާފައެވެ. އަދި އިޒްރާއީލުގެ "މައާރިވް" ނޫހުގައި ޝާއިއުކޮށްފައިވާ ސިޔާސީ އަދި ސަލާމަތީ ވަޒަންކުރުންތަކުން ދައްކާގޮތުގައި ހަމަލާތައް ހުއްޓާލުމަކީ ދެފަރާތުގެ ހަނގުރާމަ ނިމުނުކަން އަންގައިދޭ ކަމެއްނޫނެވެ. އަދި މިއީ މިހާރަށްވުރެ ނުރައްކާތެރި އައު މަރުހަލާއެއްގެ ފެށުން ކަމުގައި ބެލެވެއެވެ.