ކުޅިވަރު

ލިވަޕޫލްގެ ޑިފެންޑަރު ކުއަންސާހް ލެވަކޫސެންއަށް ބަދަލުވާން ނިންމައިފި

ލިވަޕޫލްގެ ޑިފެންޑަރު ކުއަންސާހް ލެވަކޫސެންއަށް ބަދަލުވާން ނިންމައިފި

ކުއަންސާހް ވަނީ ލިވަޕޫލަށް 58 މެޗު ކުޅެދީފައި، ފޮޓޯ: ގެޓީއިމޭޖަސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

02 ޖުލައި 2025، 09:37

02 ޖުލައި 2025، 09:37

ލިވަޕޫލްގެ ފަހަތަށް ކުޅެމުން އަންނަ ޖެރެލް ކުއަންސާހްގެ ސޮއި ޖަރުމަނުގެ ބެޔާ ލެވަކޫސެންއިން ހޯދައިފިއެވެ. 

އުމުރުން 22 އަހަރުގެ ކުއަންސާހް ލެވަކޫސެންއާ ގުޅުމަށް ނިންމާފައިވަނީ 5 އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އަދި އޭނާ ގެންދިއުމަށް ލެވަކޫސެންއިން ޖުމްލަ 35 މިލިއަން ޕައުންޑުގެ ހޭދަކުރާނެކަމަށް ރިޕޯޓުތައް ބުނެއެވެ. 

ކުއަންސާހް ވަނީ މި ހަފްތާގައި ޔޫއެފާ ޔޫރަޕިއަން ޗެމްޕިއަންޝިޕް ކާމިޔާބުކުރި 21 އަހަރުން ދަށުގެ އިނގިރޭސި ޓީމަށް ވެސް ކުޅެފައެވެ. އެ ޓީމުން މުބާރާތް ކާމިޔާބުކުރީ ޖަރުމަނު ބަލިކުރުމަށްފަހުއެވެ. 

މިއީ ލިވަޕޫލް އާއި ލެވަކޫސަންއާއި ދެމެދު ސީޒަން ނިމުނު ފަހުން ހިނގި ތިން ވަނަ ވިޔަފާރީގެ މުޢާމަލާތެވެ. ލިވަޕޫލްއިން ވަނީ ލެވަކޫސެންގެ ފްލޯރިއަން ވާރޓްސް އާއި ޖެރެމީ ފްރިމްޕޮން ގެންގޮސްފައެވެ.

ކުއަންސާހް ގެންދިއުމަށް މިދިޔަ ސީޒަންގައި ނިއުކާސްލް ޔުނައިޓެޑުން ވެސް މަސައްކަތްކުރިއެވެ. އެމީހުންގެ އެ ހުށަހެޅުމަކީ ލިވަޕޫލުން އެންތޮނީ ގޯޑަން ގެންދިއުމަށް މަސައްކަތް ކުރުމުން ހުށަހެޅި ހުށަހެޅުމެކެވެ. ނަމަވެސް ލިވަޕޫލުން އޭރު އެގޮތް ބޭނުން ނުވުމުން، އެކަން މަޑުޖެހުނީއެވެ. 

ކުއަންސާހްގެ މި ޓްރާންސްފާއަކީ ލިވަޕޫލްއަށް ސާފު ފައިދާ ލިބުނު މުޢާމަލާތެކެވެ. ސަބަބަކީ އޭނާއަކީ ލިވަޕޫލްގެ އެކަޑެމީއިން ސީނިއަރ ޓީމަށް އައި ކުޅުންތެރިއަކަށް ވުމެވެ.  

މިދިޔަ ސީޒަން ނިމުނުއިރު އޭނާ ވަނީ ލިވަޕޫލަށް ޖުމްލަ 58 މެޗު ކުޅެދީފައެވެ. އެގޮތުން މިދިޔަ ސީޒަންގައި އެކަނި ވެސް 13 މެޗެއް ކުޅެފައިވެއެވެ. އަދި ލިވަޕޫލަށް ކުޅުނު މެޗުތަކުގައި ކުއަންސާހް ވަނީ 3 ގޯލު ވެސް ކާމިޔާބުކޮށްފައެވެ.

ލިވަޕޫލުން އަންނަނީ މި އަންނަ ސީޒަނަށް އަދިވެސް އިތުރު ކުޅުންތެރިން ހޯދަމުންނެވެ. އެގޮތުން، އިބްރާހިމާ ކޮނާޓޭ ބަދަލުވުމުގެ ވާހަކަތަކެއް ދެކެވޭތީ އާއި ޖޯ ގޮމޭޒްގެ ކުރިމަގަށް އަދި ވަކިގޮތެއް ނުނިންމާތީ، އޭނާގެ ބަދަލުގައި ކްރިސްޓަލް ޕެލެސްއަށް ކުޅެމުން އަންނަ ޑިފެންޑަރު މާރކް ގުއޭހީއަކީ ލިވަޕޫލުން ކަޅިއަޅަމުންދާ ކުޅުންތެރިއެކެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS