ޚަބަރު
ސްވިޓްޒަލޭންޑަށް ރާއްޖެއިން ކަނޑައެޅުއްވި ސަފީރުގެ ފަތްކޮޅު އަރުވައިފި

ސްވިޓްޒަލޭންޑަށް ރާއްޖެއިން ކަނޑައެޅުއްވި ސަފީރު ފަތްކޮޅު އަރުވުން. ފޮޓޯ: ވުޒާރާ
ދިވެހި ރާއްޖެއިން ސްވިޓްޒަލޭންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޑރ. ސަލްމާ ރަޝީދު އެ ކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ސްވިސް ކޮންފެޑެރޭޝަންގެ ރައީސް، ކަރިން ކެލަ-ޒުޓަރއަށް އަރުވައިފިއެވެ.
ސްވިޓްޒަލޭންޑްގެ ވެރިރަށް ބަރންގައި ހުންނަ ފެޑަރަލް ޕެލަސްގައި ބޭއްވި މި ރަސްމިއްޔާތުގައި، ސަފީރު ޑރ. ސަލްމާ ރަޝީދު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުންނާއި ދިވެހި ރައްޔިތުންގެ ނަމުގައި ސްވިސް ކޮންފެޑެރޭޝަންގެ ރައީސަށާއި ސްވިސްގެ ރައްޔިތުންނަށް ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ.
މި ބައްދަލުވުމުގައި ޑރ. ސަލްމާ ރަޝީދު ވަނީ އެ ކަމަނާގެ ސަފީރުކަމުގެ ދައުރުގައި ދިވެހިރާއްޖެ އާއި ސްވިޓްޒަލޭންޑާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް ހަރުދަނާކުރުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި ސްވިސް ކޮންފެޑެރޭޝަންގެ ރައީސް ވެސް ވަނީ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ މަސައްކަތުގައި އެ ޤައުމުގެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް ވިދާޅުވެފައެވެ.
ފަތްކޮޅުއެރުވުމުގެ ރަސްމިއްޔާތުގައި، ސަފީރު ޑރ. ސަލްމާގެ އަރިހުގައި ޖެނީވާގައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަންގެ ކައުންސެލަރ، އާދަމް ހާމިދު ބައިވެރިވެވަޑައިގެންނެވިއެވެ.
ޑރ. ސަލްމާ ރަޝީދަކީ ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ މަރުކަޒުތަކަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ވެސް މެއެވެ.