Ads by Stelco

ޚަބަރު

6 ރަށެއްގައި ފުލުހުންގެ މަރުކަޒު އިމާރާތް ކުރުމަށާއި 2 ރަށެއްގައި ފުލުހުންގެ އެކޮމޮޑޭޝަން ބްލޮކް އެޅުމަށް ފުރުޞަތު ހުޅުވާލައިފި

6 ރަށެއްގައި ފުލުހުންގެ މަރުކަޒު އިމާރާތް ކުރުމަށާއި 2 ރަށެއްގައި ފުލުހުންގެ އެކޮމޮޑޭޝަން ބްލޮކް އެޅުމަށް ފުރުޞަތު ހުޅުވާލައިފި

ކަމަދޫގެ ޕޮލިސް ސްޓޭޝަން ހުޅުވުން ފޮޓޯ:ފުލުހުން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

03 ޖުލައި 2025، 10:45

03 ޖުލައި 2025، 10:45

ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުކުރުމަށް ސަރުކާރުން ކުރައްވަމުން އަންނަ މަސައްކަތުގެ ތެރެއިން، 6 ރަށެއްގައި ފުލުހުންގެ މަރުކަޒު އިމާރާތް ކުރުމަށާއި، 2 ރަށެއްގައި ފުލުހުންގެ އެކޮމޮޑޭޝަން ބްލޮކް އެޅުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފިއެވެ. މި މަސައްކަތްތައް ކުރިއަށް ގެންދަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ އެދުމުގެ މަތިންނެވެ.

މާލީ ކަންކަމާއި ތަރައްގީގެ ރޭވުންތެރިކަމާބެހޭ ވުޒާރާއިން މައުލޫމާތު ދެއްވާ ގޮތުގައި، ފުލުހުންގެ މަރުކަޒު އިމާރާތް ކުރުމަށް ނިންމާފައިވަނީ ށ. ފީވަށް، ރ. މަޑުއްވަރި، މ. މުލި، ތ. ތިމަރަފުށި، ތ. ވޭމަންޑޫ އަދި ލ. މާވަށުގައެވެ. މި ރަށްތަކުގެ ތެރެއިން މ. މުލި އަދި ތ. ވޭމަންޑޫގައި ފުލުހުންގެ މަރުކަޒު ތަރައްގީ ކުރުމަށް ބިޑް ސެކިއުރިޓީގެ ގޮތުގައި 212،500 ރުފިޔާ ކަނޑައަޅާފައިވާއިރު، އެހެން ރަށްތަކުގައި ތަރައްގީ ކުރާ ފުލުހުންގެ މަރުކަޒުތަކަށް ބިޑް ސެކިއުރިޓީގެ ގޮތުގައި ކަނޑައަޅާފައިވަނީ 72،250 ރުފިޔާއެވެ.

މީގެ އިތުރުން، ފުލުހުންގެ އެކޮމޮޑޭޝަން ބްލޮކް އެޅުމަށް ނިންމާފައިވަނީ ހއ. ދިއްދޫ އާއި ހދ. ކުޅުދުއްފުށީގައެވެ. މި މަޝްރޫއުތަކަށް ބިޑް ސެކިއުރިޓީގެ ގޮތުގައި 127،500 ރުފިޔާ ވަނީ ކަނޑައަޅާފައެވެ.

މާލީ ކަންކަމާއި ތަރައްގީގެ ރޭވުންތެރިކަމާބެހޭ ވުޒާރާއިން ވިދާޅުވީ، މި މަސައްކަތްތަކަށް ޝަރުތުހަމަވާ ފަރާތެއް ހޯދާނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން އުޞޫލުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. ކޮންމެ ބީލަމެއްގައި ބައިވެރިވުމަށް 500 ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭނެއެވެ. މި ފައިސާ ބަލައިގަންނާނީ މި މަހުގެ 22 ވަނަ ދުވަހާ ހަމައަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00ން މެންދުރު 14:00 އަށް ބަނޑޭރި ޕޯޓަލް މެދުވެރިކޮށެވެ.

މި މަޝްރޫއުތަކުގެ ބިޑު ހުށަހަޅަންޖެހޭނީ ބީލަން ޕޯޓަލް މެދިވެރިކޮށް 2025 ވަނަ އަހަރުގެ ޖުލައި މަހުގެ 29 ވާ އަންގާރަ ދުވަހުގެ މެންދުރު 11:00:00ގެ ކުރިންނެވެ. ބީލަން ޕޯޓަލް މެދުވެރިކޮށް ބީލަން ހުށަހެޅޭނީ ޕޯޓަލަށް ރަޖިސްޓަރީވާ ފަރާތްތަކަށެވެ. މާލީ ވުޒާރާއިން އިލްތިމާސް ކުރައްވަނީ މި މަސައްކަތްތަކަށް ބިޑު ހުށަހެޅުމަށް ހަމަޖެހިފައިވާ ތާރީޚުގެ މަދުވެގެން 3 ދުވަސް ކުރިން ބީލަން ޕޯޓަލް ރަޖިސްޓަރޭޝަން ފުރިހަމަ ކުރުމަށެވެ.

ސަރުކާރުގެ އަމާޒަކީ މި ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ގާއިމުކޮށް، ދިވެހި ފުލުހުންގެ ޚިދުމަތް ފުޅާކުރުމެވެ. އެގޮތުން، މިހާރު ފުލުހުންގެ މަރުކަޒުތައް ނެތް ގިނަ ރަށްތަކެއްގައި މިހާރުވެސް މަރުކަޒުތައް ޤާއިމުކުރުމުގެ މަސައްކަތް ވަނީ ފަށައިފައެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުވުމަކީ، އަމާން މުޖުތަމަޢެއް ބިނާކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ގަބޫލުކުރައްވައެވެ.

                    

މި ލިޔުން ކިޔާލުމުން

Ads by MSS