ޚަބަރު
އެމެރިކާގެ ފުލްބްރައިޓް ސްކޮލަރޝިޕް، ދިވެހި ދަރިވަރުންނަށް މާސްޓާސް ޑިގްރީ ހެދުމުގެ ރަން ފުރުސަތެއް!

އެމެރިކާ ގެ އެކްސްޗޭންޖް ޕްރޮގްރާމެއް ފޮޓޯ: ހައިކޮމިޝަން
އެމެރިކާގެ ފުލްބްރައިޓް ފޮރިން ސްޓުޑެންޓް ޕްރޮގްރާމް 2026-2027 ގެ ދަށުން މާސްޓާސް ޑިގްރީ ހެދުމުގެ ދިވެހިރާއްޖެއަށް ލިބިއްޖެއެވެ. މި ފުރުސަތަކީ ދިވެހި ދަރިވަރުންނަށް އެމެރިކާގެ މަތީ ތައުލީމީ މަރުކަޒުތަކުން މާސްޓާސް ޑިގްރީ ހެދުމަށް ލިބިގެންދާ ފުރިހަމަ ފުރުސަތެކެވެ.
ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރެއްވި ގޮތުގައި، މި ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. މި ޕްރޮގްރާމަށް ކެންޑިޑޭޓުން ހޮވުމުގެ އެންމެހައި މަސައްކަތްތައް ކުރިއަށް ގެންދާނީ، ސްކޮލަރޝިޕް ދޭ ފަރާތުންނެވެ.
މި ފުރުސަތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 20 ވަނަ ދުވަހުގެ ކުރިން އެޕްލިކޭޝަން ހުށަހަޅަންޖެހޭނެއެވެ. އެޕްލިކޭޝަން ހުށަހަޅަންޖެހޭނީ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ. އިތުރު މައުލޫމާތު ހޯދުމަށް ބޭނުންވާ ފަރާތްތަކަށް އީމެއިލް މެދުވެރިކޮށް މަޢުލޫމާތު ސާފުކުރެވޭނެ އިންތިޒާމްވެސް ވަނީ ހަމަޖައްސާފައެވެ.
ފުލްބްރައިޓް ސްކޮލަރޝިޕަކީ ދުނިޔޭގެ އެންމެ ފުރިހަމަ ބައިނަލްއަގުވާމީ ތަޖުރިބާ ޕްރޮގްރާމްތަކުގެ ތެރެއިން އެއް ޕްރޮގްރާމެވެ. އެމެރިކާގެ ސަރުކާރުން ސްޕޮންސަރ ކުރާ މި ޕްރޮގްރާމް ފެށުނީ 1946 ވަނަ އަހަރުއެވެ. މިހާރު 160 އަށްވުރެ ގިނަ ޤައުމުތަކުގައި މި ޕްރޮގްރާމް ހިންގާއިރު، ކޮންމެ އަހަރަކު ގާތްގަނޑަކަށް 9،000 ސްކޮލަރޝިޕް އެ ގައުމުތަކުގެ ދަރިވަރުންނަށް ދެވެއެވެ. މި ސްކޮލަރޝިޕްގެ މައިގަނޑު މަޤްސަދަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ގުޅުން ބަދަހިކޮށް، ދިރާސާ އާއި ތަފާތު ސަޤާފަތްތައް ދަސްކުރުމަށް ފުރުސަތު ހުޅުވާލުމެވެ.