ދުނިޔެ
އެތައްހާސް ގެއަކުން ކަރަންޓުގެ ޚިދުމަތް ކެނޑި، ސިޑްނީއަށް ބޮޑު ތޫފާނެއް

ސިޑްނީ މަތީ އުފެދިފައިވާ ތޫފާން ފޮޓޯ:އިންޓަނެޓް
އޮސްޓްރޭލިއާގެ ސިޑްނީއަށް މިއަދުވެސް ބާރުގަދަ ތޫފާނުގެ އަސަރުކޮށް، މުޅި ސިޓީގެ ދަތުރުފަތުރުގެ ނިޒާމަށާއި، ކަރަންޓުގެ ހިދުމަތަށް މެދުކެނޑިފައިވާ ކަމަށް ޚަބަރު ލިބެއެވެ. ބޯކޮށް ވާރޭވެހި، ބާރުގަދަ ވަޔާއެކު 35,000 އަށްވުރެ ގިނަ ގެއަށް ކަރަންޓުގެ ހިދުމަތް ކެނޑިފައިވާއިރު، އެތައް ދަތުރުތަކެއް ކެންސަލްކޮށް، އާންމު ދަތުރުފަތުރަށް ވަނީ ބޮޑެތި ހުރަސްތައް ކުރިމަތިވެފައެވެ.
މޫސުމާ ބެހޭ ޢިލްމުވެރިން "ބޮމްބް ސައިކްލޯން"ގެ ގޮތުގައި ސިފަކޮށްފައިވާ މި ތޫފާނުގައި ގަޑިއަކު 100 ކިލޯމީޓަރުގެ ބާރު މިނުގައި ވައި ޖެހޭ، ބައެއް ސަރަހައްދުތަކަށް ހަ ގަޑިއިރު ތެރޭގައި އެއް މަހުގެ ވާރޭވެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މި ތޫފާނުގެ ބާރު އިތުރުވެ، ކެޓަގަރީ 2 ގެ ބާރުގަދަ ތޫފާނަކަށް ބަދަލުވެދާނެ ކަމަށްވެސް މާހިރުން އަންދާޒާ ކުރައްވައެވެ.
ސިޑްނީ އެއާޕޯޓުގައި، ހެނދުނު ވަގުތު މަދުވެގެން ފަސް ދަތުރު ކެންސަލްކުރި ނަމަވެސް، ޖުމްލަ 55 އަށްވުރެ ގިނަ އެތެރޭގެ ދަތުރުތައް ކެންސަލްކުރެވިފައިވެއެވެ. ބައިނަލްއަޤްވާމީ ދަތުރުތައްވެސް ވަނީ ލަސްވެފައެވެ. ވައިގެ ދަތުރުފަތުރުގެ އިތުރުން، ސިޓީގެ އެކި ސަރަހައްދުތަކުގައި ރޭލު ދަތުރުތަކަށް އަސަރުކޮށް، މަގުތަކުގައި ދުއްވާ ތަކެއްޗަށްވެސް ބޮޑެތި ހުރަސްތައް ކުރިމަތިވެފައިވެއެވެ.
ސިޓީގެ ތެރޭގެ ހާލަތު ގޯސްވުމުގެ އިތުރުން، އަވަށުގެ އަދި ކަނޑުގެ އައްސޭރިފަށުގެ ސަރަހައްދުތަކަށްވެސް ތޫފާނުގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވެއެވެ. ނިއު ސައުތު ވޭލްސްގައި ފުޅާ ދާއިރާއެއްގައި ކަރަންޓު ކެނޑިފައިވާއިރު، ގިނަ އަދަދެއްގެ ގަސްގަހާގެހި އަދި ކަރަންޓު ނަރުތައް ވަނީ ވެއްޓިފައެވެ. އިލާވަރާ ސަރަހައްދުގައި ފެންބޮޑުވުމާއި ގަސްވެއްޓުމުގެ ސަބަބުން ގިނަ މަގުތަކެއް ވަނީ ބަންދުކުރެވިފައެވެ. މީގެ އިތުރުން، ސެންޓްރަލް ކޯސްޓްގައި ތިބި މީހުންނަށް ލިބިދާނެ ގެއްލުންތަކުގެ ބިރުވެރިކަން އޮތުމުން، ތަންތަން ހުސްކުރުމަށް އޮތޯރިޓީން ވަނީ އަންގާފައެވެ.
އޮތޯރިޓީން ވަނީ، ކުއްލި ހާލަތުގައި އެހީތެރިވާ ފަރާތްތަކުން ހާދިސާތައް ގިނަވަމުންދާތީ، ރައްޔިތުންނަށް ގޭތެރޭގައި ތިބުމަށާއި، ކޮންމެހެން ދާންޖެހޭ ތަންތަނަށް ނޫނީ ދަތުރު ނުކުރުމަށް އަންގާފައެވެ. މިހާރު މި ތޫފާން އިރުމައްޗަށް މިސްރާބުޖަހަމުންދާތީ، ނިއުޒީލެންޑަށް ވަނީ އިންޒާރު ދީފައެވެ. ނިއުޒީލެންޑުގެ މޫސުމާ ބެހޭ ޢިލްމުވެރިން ލަފާކުރައްވާ ގޮތުގައި، ބުރާސްފަތި ދުވަހުން ފެށިގެން އެ ޤައުމުގެ ނޯތު އައިލެންޑަށް ބޯކޮށް ވާރޭވެހި، ގަދަ ވަޔާއެކު ތޫފާނުގެ އަސަރު ފޯރާނެއެވެ.
މި ތޫފާނުގެ ސަބަބުން ސަރަޚައްދަށް ކުރިމަތިވާ ނުރައްކާތައް ދެމިހުރި ނަމަވެސް، ކުއްލި ހާލަތުގައި އެހީތެރިވާ އެޖެންސީތައް ދަނީ ވަރަށް ބޮޑަށް ސަމާލުވެ ތިބެ ދަނީ، ހަރަކާތްތެރިވަމުންނެވެ.