ޚަބަރު
ރ. އަތޮޅު އާރް.ޓީ.އެލްގެ ޚިދުމަތުގެ އަގުނަގައިގެން ދަތުރުތައް ފަށައިފި

އާރްޓީއެލް ފެރީގެ ޚިދުމަތް ފޮޓޯ: އެޑިޝަން
ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް) ގެ ޚިދުމަތް ދެވަނަ ފިޔަވަހީގައި ޒޯން 2 ގައި ހިމެނޭ ރ. އަތޮޅުގައި ރަސްމީކޮށް އަގު ނަގައިގެން ދަތުރުތައް ކުރަން ފަށައިފިއެވެ. މި ޚިދުމަތް ފެށިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް ރ. އަތޮޅަށް ދަތުރުފަތުރުގެ ފަސޭހަތައް ފޯރުކޮށްދިނުމުގެ ގޮތުންނެވެ.
އެމް.ޓީ.ސީ.ސީން ބުނެފައިވާ ގޮތުގައި، ރ. އަތޮޅުގައި އާރް.ޓީ.އެލް ފެރީގެ ޚިދުމަތުގެ ދަތުރުތައް 3 ރޫޓަކުން ކުރުމަށް ވަނީ ނިންމާފައެވެ. މި ޚިދުމަތް މިދިޔަ މަހުގެ 26 ވަނަ ދުވަހު ރ. އަތޮޅުގައި ފެށިއިރު، އެންމެ ފުރަތަމަ ޖޫން 26 އިން ފެށިގެން މި މަހުގެ 2އަކާ ހަމައަށް އާއްމުން މި ޚިދުމަތަށް އަހުލުވެރިކުރުމުގެ ގޮތުން ހިލޭ ދަތުރުކުރުމުގެ ފުރުޞަތު ހުޅުވާލިއެވެ. އެ މުއްދަތު ހަމަވެ މިހާރު ވަނީ އަގު ނަގަން ފަށާފައެވެ.
ރ. އަތޮޅުގައި އާރް.ޓީ.އެލްގެ ޚިދުމަތަށް 2 ފެރީއެއް ބޭނުންކުރާއިރު، އަތޮޅުގެ 15 ރަށަކަށް މި ދަތުރުތައް ކުރާނެއެވެ. އެމް.ޓީ.ސީ.ސީން ވިދާޅުވީ، ހިލޭ ދަތުރުތައް ކޮށްދިނުމަށް ކަނޑައެޅުނު މުއްދަތުގެ މައިގަނޑު މަޤްޞަދަކީ އާއްމުން ފެރީ ޝެޑިއުލަށް އަހުލުވެރިކޮށް، މި ޚިދުމަތް ރަނގަޅަށް ތަޖުރިބާކޮށްދިނުމުގެ ފުރުޞަތު ދިނުންކަމަށެވެ. އަދި އާއްމުންގެ ޚިޔާލާ އެއްގޮތަށް ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ޚިދުމަތް ހަރުދަނާކޮށްދިނުންވެސް އެއީ މުހިންމު ބޭނުމެއްކަމަށް އެ ކުންފުނިން ފާހަގަކުރިއެވެ.
ދަތުރުތައް ހިލޭ ކޮށްދޭ މުއްދަތުގައި، އެރަށެއްގެ ރަށު ކައުންސިލު މެދުވެރިކޮށް ފެރީން ޖާގަ ހޯދޭނެކަމަށް އެކުންފުނިން ވިދާޅުވެފައިވެއެވެ. ނަމަވެސް ރަސްމީކޮށް އަގު ނަގައިގެން ދަތުރުތައް ފެށުމާއެކު، ކައުންސިލް މެދުވެރިކޮށް ފެރީގެ ޖާގަ ދޫކުރުން ހުއްޓާލެވޭނެއެވެ.
މިހާރު ޓިކެޓް ގަތުމަށް އާރް.ޓީ.އެލްގެ ވެބްސައިޓް އަދި ޓްރެވަލް އެޕް ބޭނުންކުރެވޭނެއެވެ. ރ. އަތޮޅުގައި އާރް.ޓީ.އެލްގެ ފެރީ ޚިދުމަތުގެ އަގުތައް އުޅެނީ ކޮޅަކަށް 35 ރުފިޔާއާއި 125 ރުފިޔާއާއި ދެމެދުގައެވެ.
އެމް.ޓީ.ސީ.ސީން އާރް.ޓީ.އެލް ފެރީގެ ޚިދުމަތް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަނީ ފޯރުކޮށްދެމުންނެވެ. އެގޮތުން ރ. އަތޮޅަކީ މި ޚިދުމަތް ފެށި 10 ވަނަ އަތޮޅެވެ. އާރް.ޓީ.އެލް ދަތުރުތަކުގައި ބޭނުންކުރާ ލޯންޗު ފަރުމާކޮށްފައިވަނީ ޖާގަ ތަނަވަސްކޮށް، މީހުން އުފުލުމަށް ޚާއްސަ ފީޗަރތައް ހިމެނޭގޮތަށެވެ. އަދި އުޅަނދުތަކުގައި މަސައްކަތްކުރަނީ ޚާއްސަ ތަމްރީނުތައް ދީފައިވާ ކެޕްޓަނުންނާއި ފަޅުވެރިންނެވެ.
މިހާރު ސަރުކާރުން ތައްޔާރުވަމުންދަނީ ބ. އަތޮޅުގައި އާރް.ޓީ.އެލްގެ ޚިދުމަތް ފެށުމަށެވެ. އެ އަތޮޅުގައިވެސް ވަރަށް އަވަހަށް ޚިދުމަތް ފަށާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. އެމް.ޓީ.ސީ.ސީގެ އާރް.ޓީ.އެލް ފެރީގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމަށް ހަމަޖެހިފައިވަނީ 6 ޒޯނަކަށް ބަހާލައިގެންނެވެ.