ޚަބަރު
ރަސްފަރި ފަރު އިޔާދަކުރުމުގެ މަސައްކަތަށް ސަންގެލީ ރިސޯޓުން އެހީތެރިކަން ފޯރުކޮށްދޭން ސޮއިކޮށްފި

ރަސްފަރި ފަރު އިޔާދަކުރުމުގެ ޕްރޮގްރާމަށް އެހީތެރިވުމުގެ އެއްބަސްވުމެއްގައި ސޮއިކުރުން
ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމާއި ފަރުތައް އިޔާދަކުރުމުގެ މަސައްކަތުގެ ދަށުން، އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އާއި އޮބްލޫ - ސެލެކްޓް ސަންގެލި ރިސޯޓް (އޯއެސްއެސް) އާ ދެމެދު، ރަސްފަރި ފަރު އިޔާދަކުރުމުގެ ޕްރޮގްރާމަށް އެހީތެރިވުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން ސަންގެލިން ދިގު މުއްދަތަކަށް ރަސްފަރީ ފަރު އިޔާދަކުރުމުގެ މަސައްކަތަށް އެހީތެރިކަން ފޯރުކޮށްދޭނެއެވެ.
ރަސްފަރި ފަރަށް ބޮޑު ގެއްލުމެއް ލިބިފައިވަނީ 2021 ވަނަ އަހަރުގެ އޮގަސްޓްމަހުގެ 19 ވަނަ ދުވަހު ޕެނަމާގެ "އެމް.ވީ ނަވިއޯސް އަމަރިލިސް" ކިޔާ ބޮޑު އާގު ބޯޓެއް ފަރަށް އަރައިގެންނެވެ. އިންޑިއާގެ ޓުޓިކޮރިން ބަނދަރުން ފުރައިގެން ސައުތު އެފްރިކާއަށް ދަތުރުކުރަމުންދިޔަ މި ބޯޓު ރަސްފަރި ފަރަށް ބީހުނީ، އިންޖީނު ހޫނުވެގެން ނިންވާލާފައި އޮއްވާ އޮޔާ ގެންގޮސްގެންނެވެ. މި ބޯޓުން ވަނީ ފަރުގެ 8.86 އަކަ މީޓަރުގެ ސަރަހައްދެއް ހަލާކުކޮށްލާފައެވެ. މި ހާދިސާގެ ބަދަލެއްގެ ގޮތުން ޖޫރިމަނާއަށްވީ 10 މިލިޔަން ޑޮލަރު އެ ބޯޓުން ވަނީ ދައްކާފައެވެ.
އީޕީއޭއިން "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެޓްމޮސްފިއާ ހޮޓެލްސް އެންޑް ރިސޯޓްސްއިން ހިންގާ އޮބްލޫ-ސެލެކްޓް ސަންގެލީ އާ ދެމެދު މި އެއްބަސްވުމުގައި ސޮއިކުރެވިފައިވާކަމަށެވެ. މި އެއްބަސްވުމުގެ ދަށުން ރަސްފަރި ފަރު އިޔާދަކުރުމުގެ އެންމެހާ މަސައްކަތުގައި ސަންގެލިން ފަރުގެ ގެއްލުން ރަނގަޅުކުރުމާއި، މުރަކަ ނާސަރީ ގާއިމުކުރުމާއި، މުރަކަ އިންދުމުގެ އެންމެހާ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދޭނެއެވެ.
"ރަސްފަރީ މެރިން ޕްރޮޓެކްޓެޑް އޭރިއާގައި މިހާރު ކުރިއަށްދާ އެންމެ ބޮޑު ކޮރަލް ރީފް ރިސްޓޯރޭޝަން ޕްރޮގްރާމްގެ ޕާޓްނަރަކަށް ސަންގެލީ ހުރުމަކީ އަޅުގަނޑުމެން ވަރަށް ބޮޑަށް ޝުކުރުވެރިވާ ކަމެއް،" އީޕީއޭއިން ވިދާޅުވިއެވެ.
ރަސްފަރި ފަރު އިޔާދަކުރުމުގެ ޕްރޮގްރާމަށް އެހީވުމަށް އީޕީއޭއާއި އޮބްލޫ-ސެލެކްޓް ސަންގެލިން އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު، މި މަސައްކަތަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މާލެ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އާއި އީޕީއޭއާއެކު މިދިޔަ އަހަރު އޮކްޓޯބަރުގައިވެސް ވަނީ ސޮއިކޮށްފައެވެ.
އެމްޑަބްލިޔުއެސްސީއިން ވަނީ، މި މަޝްރޫޢުގައި ބޭނުންކުރާ އާރު.ވީ ތިމާވެށި އުޅަނދުގައި ފެން ޕްލާންޓެއް ބެހެއްޓުމާއި ސާރވޭ ކުރުމަށް ބޭނުންވާ ސާމާނު ހޯދައިދިނުމަށް އެއްބަސްވެފައެވެ. މީގެ އިތުރުން އެކުންފުނީގެ ޢިޖުތިމާއީ ޒިންމާގެ ދަށުން މަޝްރޫޢަށް ބޭނުންވާ ފެން ފޯރުކޮށްދިނުމާއި ދަތުރުފަތުރުގެ އިންތިޒާމުތައްވެސް ހަމަޖައްސައިދޭނެކަމަށް އެމްޑަބްލިޔުއެސްސީން ހާމަކުރެއެވެ.
ރަސްފަރި ފަރުގެ ބޮޑު ސަރަހައްދެއްގައި މުރަކަ ނާސަރީ އިންދަން ފަށާފައިވާ މި މަސައްކަތަކީ، ރާއްޖޭގައި ސަރުކާރުން މިހާބޮޑު މަސައްކަތެއް ކުރާ ފުރަތަމަ ފަހަރެވެ. ރަސްފަރި ފަރަކީ 1995 އިން ފެށިގެން ހިމާޔަތްކޮށްފައިވާ ފަރެކެވެ. އަދި މިއީ މާލެ އަތޮޅުގައި އޮންނަ ތިމާވެށީގެ ގޮތުން އެންމެ މުހިއްމު އެއް ސަރަހައްދުވެސްމެއެވެ.