Ads by Stelco

ޚަބަރު

ފުރަތަމަ 5 މަހު އާމްދަނީ %40 އިތުރުވެ، ބޭރުކުރި މަސް %66 އިތުރުވެއްޖެ!

ފުރަތަމަ 5 މަހު އާމްދަނީ %40 އިތުރުވެ، ބޭރުކުރި މަސް %66 އިތުރުވެއްޖެ!

މިފްކޯ މަސް ފެކްޓަރީ ފޮޓޯ: އިންޓަނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

03 ޖުލައި 2025، 01:23

03 ޖުލައި 2025، 01:23

މިއަހަރުގެ ފުރަތަމަ ފަސް މަސް ދުވަހު ރާއްޖެއިން މަސް އެކްސްޕޯޓްކޮށްގެން ލިބުނު އާމްދަނީ 40 އިންސައްތަ އިތުރުވެފައިވާ ކަމަށް ދިވެހިރާއްޖޭގެ މަރުކަޒީ ބޭންކް، އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިކަން އެމްއެމްއޭއިން ހާމަކޮށްފައިވަނީ އެ އިދާރާއިން މަހުން ނެރޭ އެކި ސިނާޢަތްތަކުގެ ތަފާސްހިސާބުތައް ހިމެނޭ ރިޕޯޓުގައެވެ.

އެމްއެމްއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި، މިއަހަރުގެ ފުރަތަމަ ފަސް މަސް ދުވަހު މަސް ބޭރުކޮށްގެން 63.7 މިލިޔަން ޑޮލަރު ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 45.5 މިލިޔަން ޑޮލަރާ އަޅާބަލާއިރު 40 އިންސައްތައިގެ ކުރިއެރުމެކެވެ.

މަސް ބޭރުކޮށްގެން ލިބުނު އާމްދަނީގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ މިދިޔަ އެޕްރީލް މަހުއެވެ. އެ މަހު އެކަނި 18.2 މިލިޔަން ޑޮލަރު ވަނީ ލިބިފައެވެ. އެވަރޭޖް ގޮތެއްގައި މިއަހަރުގެ ފުރަތަމަ ފަސް މަހަށް ބަލާއިރު، ޖެނުއަރީ މަސް ފިޔަވައި ކޮންމެ މަހަކު ލިބުނު އާމްދަނީ 10 މިލިޔަން ޑޮލަރަށް ވުރެ އިތުރެވެ. މިދިޔަ އަހަރުގެ އެވްރެޖް އާމްދަނީ 10 މިލިޔަން ޑޮލަރަށް ވުރެ ދަށްކަން ފާހަގަކޮށްލެވެއެވެ.

މިއަހަރު މަސް ބޭރުކޮށްގެން ލިބުނު އާމްދަނީ (ޑޮލަރުން):

ޖެނުއަރީ: 8.6 މިލިޔަން
ފެބްރުއަރީ: 13.3 މިލިޔަން
މާރިޗު: 12.4 މިލިޔަން
އެޕްރީލް: 18.2 މިލިޔަން
މޭ: 11.2 މިލިޔަން

މަސްވެރިކަމުން ލިބުނު އާމްދަނީ އިތުރުވެފައި މިވަނީ މަސް ބޭރުކުރި މިންވަރު އިތުރުވުމާ ގުޅިގެންނެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ފަސް މަހު 38,800.6 މެޓްރިކް ޓަނުގެ މަސް ވަނީ ބޭރުކޮށްފައެވެ. މިދިޔަ އަހަރު މިމުއްދަތުގައި ބޭރުކޮށްފައިވަނީ 23,356.1 މެޓްރިކް ޓަނެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 66.1 އިންސައްތައިގެ އިތުރުވުމެކެވެ. އެންމެ ގިނަ އަދަދެއްގެ މަސް ބޭރުކޮށްފައިވަނީ ވެސް އެޕްރީލް މަހުއެވެ. އެ މަހު 9,700 މެޓްރިކް ޓަން މަސް ބޭރުކޮށްފައިވެއެވެ.


މިއަހަރު މިހާތަނަށް މަސް ބޭރުކޮށްފައިވާ މިންވަރު (މެޓްރިކް ޓަނުން):

ޖެނުއަރީ: 5,710
ފެބްރުއަރީ: 8,511
މާރިޗު: 7,376
އެޕްރީލް: 9,700
މޭ: 7,499

ރާއްޖޭގެ މަސްވެރިކަމުން ލިބޭ އާމްދަނީ އިތުރުކޮށް، މި ސިނާޢަތުން އިޤްތިޞާދުގައި ހިއްސާކުރާ މިންވަރު އިތުރުކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެކެވެ. މިކަން ހާސިލުކުރުމަށް މަސް ޕްރޮސެސިން ކެޕޭސިޓީ އިތުރުކޮށް، މަސް ރައްކާކުރުމުގެ ކެޕޭސިޓީ ބޮޑުކުރުމަށް ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. މަސްވެރިކަމާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި، ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ތިން އަހަރު ތެރޭގައި މަސް ޕްރޮސެސިން ކެޕޭސިޓީ 9 ގުނަ އިތުރުކުރުމެވެ.

                    

މި ލިޔުން ކިޔާލުމުން

Ads by MSS