Ads by Stelco

ޚަބަރު

ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ 15 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ 15 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ދެނަގަނެ ހޯދުމަށް ހިންގުނު އޮޕަރޭޝަންގެ ތެރެއިން. ފޮޓޯ: އިމިގްރޭޝަން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

03 ޖުލައި 2025، 04:07

03 ޖުލައި 2025، 04:07

ހުޅުމާލޭގައި ޤަވާއިދާ ޚިލާފަށް މަސައްކަތްކުރަމުން ދިޔަ 15 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. 

މި ބިދޭސީން ހައްޔަރުކޮށްފައިވަނީ 2 ޖުލައި ހަވީރު ހުޅުމާލެ ފޭސް 1 ގައި ހުންނަ "ރަށު މާރުކޭޓު" ގައި އިމިގްރޭޝަންގެ ޓާސްކްފޯސްއިން ކުރި ރެއިޑް އޮޕަރޭޝަނެއްގައެވެ.

އިމިގްރޭޝަނުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި މި އޮޕަރޭޝަނުގައި ޖުމްލަ 37 ފަރާތެއް ޗެކްކުރެވުނެވެ. އޭގެ ތެރެއިން ޤަވާއިދާ ޚިލާފަށް ވިޔަފާރިކޮށް މަސައްކަތްކުރަމުންދިޔަ 10 ފިރިހެނުންނާއި 5 އަންހެނުން ވަނީ ހައްޔަރުކުރެވިފައެވެ.

އިމިގްރޭޝަނުން ބުނާ ގޮތުގައި މި އޮޕަރޭޝަންތަކުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމެވެ. މީގެ އިތުރުން އާންމު ސިއްޙަތަށް ނުރައްކާވާފަދަ ކަންކަން މަދުކޮށް، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މަސައްކަތްކުރުމެވެ.

އަދުގެ ސަރުކާރުން ވަނީ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ޚާއްސަ އިސްކަމެއް ދެއްވާފައެވެ. މި ގޮތުން ޤަވާއިދާ ޚިލާފަށް ބިދޭސީން ގެންގުޅޭ ފަރާތްތަކަށް ފިޔަވަޅު އެޅުމުގެ އިތުރުން، ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ ނެގުމުގެ މަސައްކަތްވެސް މިހާރު ވަނީ ފަށާފައެވެ.

އިމިގްރޭޝަނުން މިހާރުވެސް ދަނީ ސައްޙަ ވިސާއެއްނެތި ވިޔަފާރިތައް ހިންގުމުގައި އުޅޭ ބިދޭސީން ދެނެގަތުމަށް ޚާއްސަ އޮޕަރޭޝަންތަކެއް ކުރިއަށްގެންދަމުންނެވެ. އަދި މިފަދަ ޤަވާއިދާ ޚިލާފު ޢަމަލުތަކުގައި ބައިވެރިވާ ހުރިހާ ފަރާތްތަކަށްވެސް ޤާނޫނީ ފިޔަވަޅު އެޅޭނެ ކަމަށް އިމިގްރޭޝަނުން ވަނީ އަންގަވާފައެވެ.

 

މި ލިޔުން ކިޔާލުމުން

Ads by MSS