Ads by Stelco

ޚަބަރު

ޒަކާތު ފަންޑުން ބޭސްފަރުވާއަށް 116 މީހަކަށް 3.9 މިލިޔަން ރުފިޔާ މެއިމަހު ހޭދަކުރި

ޒަކާތު ފަންޑުން ބޭސްފަރުވާއަށް 116 މީހަކަށް 3.9 މިލިޔަން ރުފިޔާ މެއިމަހު ހޭދަކުރި

ހޮސްޕިޓަލެއްގައި ބަލި މީހަކަށް ފަރުވާދެނީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

03 ޖުލައި 2025، 05:02

03 ޖުލައި 2025، 05:02

ފާއިތުވި މެއިމަހު ޒަކާތު ފަންޑުން ފަޤީރުންނާއި މިސްކީނުންގެ ބޭސްފަރުވާއަށް 3.9 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފިއެވެ.

ޒަކާތު ހައުސްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ މެއިމަހު 116 މީހަކަށް ބޭސްފަރުވާގެ އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.

ޒަކާތު ހައުސްއިން ހާމަކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، މެއިމަހު އެހީގެ ގޮތުގައި 1.4 މިލިޔަން ރުފިޔާ ހަމަޖެއްސިއިރު، ޖުމްލަ 3،903،704.36 ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އެންމެ ގިނަ ޢަދަދެއްގެ ފައިސާ ޚަރަދުކޮށްފައިވަނީ ކެންސަރު ބައްޔަށް ފަރުވާ ހޯދާ ފަރާތްތަކަށެވެ. މިގޮތުން 619،264.57 ރުފިޔާ ވަނީ ކެންސަރު ބަލީގެ ފަރުވާއަށް ހޭދަކޮށްފައެވެ.

މެއިމަހު ބޭސްފަރުވާއަށް ދެވުނު އެހީގެ ތެރޭގައި، ފުއްޕާމޭގެ ބަލިތަކަށް 16،962 ރުފިޔާ، ހިތުގެ ބަލިތަކަށް 72،088.50 ރުފިޔާ، އަދި ޓްރާންސްޕްލާންޓަށް 50،886 ރުފިޔާ ހިމެނެއެވެ. މީގެއިތުރުން، ކިޑްނީގެ ބަލިތަކަށް 21،835.50 ރުފިޔާ އަދި ސިކުނޑީގެ ބަލިތަކަށް 55،126.50 ރުފިޔާ ޚަރަދުކުރެވުނެވެ. އެހެނިހެން ބަލިތަކަށް 620،540 ރުފިޔާ ވަނީ ހޭދަކޮށްފައެވެ.

ބޭސްފަރުވާގެ އިތުރުން، ޒަކާތު ފަންޑުން އެހެނިހެން ދާއިރާތަކަށްވެސް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. މިގޮތުން ފަޤީރުންނާއި މިސްކީނުންނަށް ޟަރޫރީ އެހީގެ ގޮތުގައި 12،000 ރުފިޔާއަށްވުރެ ގިނަ ރުފިޔާ އަދި ޢާމިލުންގެ ބައިން 2.7 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

އަދި ފީސަބީލިﷲ ބައިން ޤުރުއާން ހިތުދަސްކުރުމާއި ޤުރުއާންގެ އިލްމު ފެތުރުމަށް 660،455.56 ރުފިޔާ ޚަރަދުކޮށްފައިވާއިރު، ދީނީ އެކިއެކި ޕްރޮގްރާމްތައް ހިންގުމަށް 251،096.62 ރުފިޔާ ވަނީ ހޭދަކޮށްފައެވެ.

 

މި ލިޔުން ކިޔާލުމުން

Ads by MSS