ޚަބަރު
އުތުރުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފި

މޫސުން ގޯސް ދުވަހެއް ފޮޓޯ:އިންޓަނެޓް
މިހާރު ކުރިއަށްދާ ވިއްސާރައިގެ ސަބަބުން މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން އުތުރުގެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފިއެވެ. މި ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅާ ހަމައަށް ކަމަށާއި، މި އެލަރޓް މިރޭގެ 20:00 އާ ހަމައަށް ދެމިގެންދާނެ ކަމަށް މެޓް އޮފީހުން ވަނީ ވިދާޅުވެފައެވެ.
މެޓް އޮފީހުން ވިދާޅުވީ، ހުދު ސަމާލު ނެރެފައިވާ ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް އެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.
އުތުރަށް ކެރީގެ އަސަރުކުރި ނަމަވެސް، މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް އާއްމުގޮތެއްގައި މޫސުން ރަނގަޅުވާނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ. އެ ސަރަޙައްދުތަކަށް އާއްމުގޮތެއްގައި ވައި ޖެހޭނީ 3 މޭލާ 13 މޭލާ ދެމެދުގެ ބާރުމިނުގައެވެ. ކަނޑުތައްވެސް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް މައުލޫމާތު ލިބެއެވެ.