ދުނިޔެ

ބާލީގައި 65 މީހުން އުފުލި ފެރީއެއް ބަންޑުންޖަހައި ގިނަ އަދަދެއްގެ މީހުން ގެއްލިއްޖެ

ބާލީގައި  65 މީހުން އުފުލި ފެރީއެއް ބަންޑުންޖަހައި ގިނަ އަދަދެއްގެ މީހުން ގެއްލިއްޖެ

ފެރީ ބަންޑުން ޖެހި ހާދިސާ ހިނގި ސަރަހައްދު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

03 ޖުލައި 2025، 05:29

03 ޖުލައި 2025، 05:29

އިންޑޮނޭޝިއާގެ ބާލީގެ ރިސޯޓް ރަށާ ކައިރި ސަރަހައްދުގައި 65 މީހުން އުފުލި ފެރީއެއް ބަންޑުން ޖަހާލައި މަދުވެގެން 5 މީހުން މަރުވެ، އަދި ގިނަ އަދަދެއްގެ މީހުން ގެއްލިފައިވާ ކަމަށް އެ ގައުމުގެ އޮތޯރިޓީތަކުން މައުލޫމާތު ދީފިއެވެ.

ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައި އީސްޓް ޖާވާގެ ބަންޔުވަންގީ ބަނދަރުން ފުރި ކޭއެމްޕީ ތުނު ޕްރަތަމަ ޖަޔާ ފެރީ ފެތުނު ހާދިސާގައި ގެއްލުނު މީހުން ހޯދުމަށް އިންޑޮނޭޝިއާގެ ސަލާމަތީ އަދި ސަރޗް އެންޑް ރެސްކިއު އޭޖެންސީ (ބަސަރްނާސް) އިން ދަނީ މަސައްކަތް ކުރަމުންނެވެ. މި ހާދިސާއިން މިހާތަނަށް 35 މީހުން ސަލާމަތްކުރެވިފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ. ސަލާމަތްކުރުމުގެ މަސައްކަތުގައި ހެލިކޮޕްޓަރަކާއި 15 އުޅަނދު ބޭނުންކުރަމުންދެއެވެ.

 "އުޅަނދު މިވަގުތު ވަނީ ފުރިހަމައަށް ފެނުގެ އަޑިއަށް ގޮސްފައި. އެހެންކަމުން ފެރީގެ އެތެރޭގައި މީހުން ތިބުމުގެ ފުރުސަތު އެބައޮތް. ނަމަވެސް މިވަގުތު އަޅުގަނޑުމެން ފޯކަސް މި ކުރަނީ ކަނޑުގެ މަތީ ސަރަހައްދަށް." ސުރަބަޔާ ސަރޗް އެންޑް ރެސްކިއުގެ އިސްވެރިޔާ ނަނަންގް ސިގިތް ވިދާޅުވިއެވެ.

މި ހާދިސާގައި މަރުވި 5 މީހުންގެ ހަށިގަނޑު ބަންޔުވަންގީގައި ތިބި އެ މީހުންގެ އާއިލާތަކާ ހަވާލުކުރެވޭނެ ކަމަށް ސިގިތް އިތުރަށް ވިދާޅުވިއެވެ. ބަންޔުވަންގީ ޕޮލިސް ޗީފް، ރާމާ ސަމްތަމާ ޕުތްރާ ވިދާޅުވި ގޮތުގައި ގިނަ ގަޑިއިރުތަކެއް ވަންދެން ކަނޑުމަތީގައި ދަތުރުކުރި ގިނަ ސަލާމަތްކުރެވުނު މީހުން ތިބީ ހޭނެތިފައެވެ.

އިންޑޮނޭޝިއާގެ ރައީސް ޕްރަބޯވޯ ސުބިއާންތޯ ސައުދީ އަރަބިއާގައި ހުންނަވައި، މި ހާދިސާއަށް ވަގުތުން އިމަޖެންސީ ރެސްޕޮންސްއެއް ދިނުމަށް އަމުރު ކުރެއްވި ކަމަށް ކެބިނެޓް ސެކްރެޓަރީ ޓެޑީ އިންދްރާ ވިޖަޔާ ވަނީ ވިދާޅުވެފައެވެ. މި ހާދިސާ ދިމާވީ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. 

17،000 އަށްވުރެ ގިނަ ޖަޒީރާތަކުން އެކުލެވިފައިވާ އިންޑޮނޭޝިއާގައި ކަނޑު ދަތުރުފަތުރުގެ ސަލާމަތީ މިންގަނޑުތައް ދަށްވުމުގެ ސަބަބުން މިފަދަ ހާދިސާތައް އާންމުކޮށް ހިނގައެވެ.

 

 

މި ލިޔުން ކިޔާލުމުން

Ads by MSS