ދުނިޔެ

ޔަހޫދީންގެ ވާގިވެރިޔާ އަދި ޣައްޒާގެ ގޭންގްސްޓާރެއް އަމާންދިނުމަށް ހަމާސް ކޯޓުން އޯޑަރު ނެރެފި

ޔަހޫދީންގެ ވާގިވެރިޔާ އަދި ޣައްޒާގެ ގޭންގްސްޓާރެއް އަމާންދިނުމަށް ހަމާސް ކޯޓުން އޯޑަރު ނެރެފި

ޣައްޒާގެ ގޭންގްސްޓަރ ޔާސިރް އަބޫ ޝަބާބް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

03 ޖުލައި 2025، 10:02

03 ޖުލައި 2025، 10:02

ޣައްޒާގައި ހަމާސްގެ ބެލުމުގެ ދަށުން ހިންގާ ކޯޓަކުން، އިސްރާއީލުގެ އެހީތެރިކަން ލިބިގެން ހަރަކާތްތެރިވާކަމަށް ތުހުމަތުކުރެވޭ ގޭންގެއްގެ ލީޑަރު ޔާސިރު އަބޫ ޝަބާބް، ޝަރީއަތަށް ހާޒިރުވުމަށް 10 ދުވަހުގެ މުއްދަތެއް ދީފިއެވެ.

މިލިޓަރީ ޖުޑިޝަރީ އޮތޯރިޓީގެ ރެވޮލިއުޝަނަރީ ކޯޓުން 35 އަހަރުގެ އަބޫ ޝަބާބްގެ މައްޗަށް އަމުރު ނެރުނީ، އޭނާއަކީ "ޕޮޕިއުލަރ ފޯސަސް" ގެ އިސްވެރިޔާގެ ގޮތުގައި ހުރެ، އިންސާނީ އެހީ ވަގަށް ނެގުމުގައި އިޒްރާއީލާއެކު މަސައްކަތްކުރި ކަމުގެ ތުހުމަތުގައެވެ. އަބޫ ޝަބާބްގެ މައްޗަށް ޤައުމަށް ޣައްދާރުވުމާއި، ދުޝްމަނުންނާއެކު މަސައްކަތްކުރުމާއި، ހަތިޔާރު ގެންގުޅޭ ގޭންގެއް އުފެއްދުމާއި، ހަތިޔާރާއެކު އަމަންއަމާންކަން ގެއްލުވާލުމުގެ ދައުވާ އުފުލާފައިވެއެވެ.

މި މައްސަލައާ ގުޅިގެން ޕޮޕިއުލަރ ފޯސަސްއިން ފޭސްބުކް މެދުވެރިކޮށް ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކޯޓުގެ އަމުރަކީ "ސިޓްކޮމެއް" ކަމަށާއި، އެ އަމުރަކީ އެ ގްރޫޕަށް ނުވަތަ ޤައުމަށް ލޯބިކުރާ އެއްވެސް މިނިވަން ރައްޔިތަކަށް ބިރުވެރިކަމެއް ގެނުވާނެ ކަމެއް ނޫން ކަމަށެވެ.

މި ގްރޫޕް އާންމުންގެ ސަމާލުކަމަށް އައީ، އިޒްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ބުނެފައިވާ ގޮތުން، "ސެކިއުރިޓީ އޮފިޝަލުން"ގެ ލަފާގެ މަތިން ޣައްޒާގައި ނުފޫޒު ގަދަ ބައެއް ގަބީލާތައް "އެކްޓިވޭޓް" ކުރުމާ ގުޅިގެންނެވެ. އިޒްރާއިލް އަދި ފަލަސްތީނު މީޑިއާތަކުން ބުނެފައިވާ ގޮތުގައި މި ގްރޫޕަކީ އަބޫ ޝަބާބްގެ ދަށުން ހިންގާ، ގާތްގަނޑަކަށް 100 ހަތިޔާރުވެރިން ހިމެނޭ ގޭންގެކެވެ.

އެ ގްރޫޕުން ބުނެފައިވާ ގޮތުގައި، އެމީހުންގެ މެންބަރުން މަސައްކަތްކުރަނީ ޣައްޒާ ހިއުމެނިޓޭރިއަން ފައުންޑޭޝަން (ޖީއެޗްއެފް) އިން ހިންގާ އެހީ ބެހުމުގެ މަރުކަޒުތަކުގައި ސެކިއުރިޓީ ބެލެހެއްޓުމުގައެވެ. ޖީއެޗްއެފްއަކީ އިޒްރާއީލުން އެހީ ބެހުމަށް ކޮންޓްރެކްޓް ކޮށްފައިވާ ޖަމާއަތެކެވެ.

ކޯޓުން އަންގާފައިވަނީ، އަބޫ ޝަބާބް ހުރި ތަނެއް އެނގޭ ފަރާތްތަކުން އެކަން ހަމާސްގެ ސެކިއުރިޓީ އޮފިޝަލުންނަށް އެންގުމަށެވެ. އަދި އޭނާ ހުރި ތަނެއް އެނގިހުރެ ނާންގާ ފަރާތްތަކާމެދު، ކުށްވެރިއަކު ފޮރުވުމުގައި އެހީތެރިވި ފަރާތްތަކެއްގެ ގޮތުގައި ފިޔަވަޅު އެޅޭނެ ކަމަށްވެސް ބުނެފައިވެއެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS