ދުނިޔެ / ރިޕޯޓް
އެމެރިކާއިން ހުށައަޅައިފައިވާ ޞުލްޙައިގެ އެއްބަސްވުންތަކުގައި ވަނީ ކޮންކަންކަމެއް؟

ހަމާސްއިން ޢަސީރުންތަކެއް މިނިވަން ކުރަން ބޭއްވި އެއްވުމެއް---
ޣައްޒާގައި އިޒްރާއިލުން ހިންގަމުންދާ އަނިޔާވެރި ޢަމަލުތައް ހުއްޓުވައި ޞުލްޙަ ޤާއިމްކުުރުމަށް ޞުލްޙައިގެ މެދުވެރިއެއްގެ ގޮތުގައި އޮތް އެމެރިކާއިން ވަނީ އަނެއްކާވެސް ޞުލްޙައިގެ އައު އެއްބަސްވުންތަކެއް އެކުލަވާލައި ހަމާސް އަށާއި އިޒްރާއިލަށް ހުށައަޅާފައެވެ. ހަމާސްއިން ބުނެފައިވަނީ އެއެއްބަސްވުމުގައި ވާ ކަންކަން ބަލައި މުރާޖައާ ކުރަމުންދާކަމަށެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވަނީ އިޒްރާއިލުން ވެސް އެމެރިކާއާ އެއްބަސްވެ ހަމަލާތައް ހުއްޓާލުމަށް އެއްބަސްވާކަމަށެވެ.
ކޮންމެއަކަސް ހަމާސްއަށް ހުށަހެޅުމަށް މެދުވެރިންނަށް އެމެރިކާއިން ހުށަހަޅާފައިވާ ހުށަހެޅުމުގެ ބައެއް މަޢުލޫމާތު މިހާރު އަންނަނީ ހާމަވަމުންނެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އޭނާގެ "ޓްރޫތް ސޯޝަލް" ޕްލެޓްފޯމްގައި ކުރި ޕޯސްޓެއްގައި، ޣައްޒާގައި ކުރިޔަށްދާ ހަނގުރާމަ 60 ދުވަހަށް ހުއްޓުވުމަށް ބޭނުންވާ ޝަރުތުތަކަށް އިޒްރާއީލުން އެއްބަސްވެފައިވާ ކަމަށާއި، ޤަތަރު އަދި މިސްރުގެ މެދުވެރިން ފަހުގެ ހުށަހެޅުމެއް ހުށަހަޅާނެކަމަށް ބުނެފައިވެއެވެ. އަދި ހަމާސްއިން މި އެއްބަސްވުމަށް އެއްބަސްވާނެކަމަށް އުންމީދުކުރާކަމަށް ވެސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.
ހަމާސްއިން ބުނެފައިވަނީ އެ ޖަމާޢަތުން ވަރަށް ޒިންމާދާރުކަމާއެކު މިކަމާ ދޭތެރޭ ޢަމަލުކުރަމުންދާ ކަމަށާއި، ހަނގުރާމަ ހުއްޓުވައި، އިޒްރާއީީލް ސިފައިން އަނބުރާ ގެންދިއުމާއި، ޣައްޒާއަށް ކުއްލި އެހީ ފޯރުކޮށްދިނުން ކަށަވަރުކުރާނެ އެއްބަސްވުމަކަށް ވާސިލުވުމަށްޓަކައި މެދުވެރިންގެ ފަރާތުން ލިބިފައިވާ އައު ހުށަހެޅުންތަކާ ގުޅޭގޮތުން ޤައުމީ މަޝްވަރާތައް ކުރަމުންދާ ކަމަށެވެ.
އެ ޖަމާޢަތުން އިތުރަށް ބުނެފައިވަނީ މަޝްވަރާތަކުގެ ސީރިއަސް ބުރެއް ފެށުމަށް މެދުވެރިން ގަދައަޅައި މަސައްކަތްކުރަމުންދާ ކަމަށެވެ. އެމެރިކާގެ ހުށަހެޅުން ލީކްވެފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، އެމެރިކާގެ ލިޔުމުގައި ހިމެނެނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ގެރެންޓީއާއެކު 60 ދުވަހުގެ މުއްދަތަށް ހަނގުރާމަ ހުއްޓުވުމެވެ. އަދި ދިރިތިބި އިޒްރާއިލްގެ ޢަސީރުންގެ 10 މީހުންނާއި، މަރުވެފައިވާ 18 މީހުންގެ ހަށިގަނޑު ދޫކުރުމުގެ ތާވަލެއް ހުށަހަޅާފައިވެއެވެ.
އެ ތާވަލުގައި ވަނީ ފުރަތަމަ ދުވަހު ދިރިތިބި 8 ޢަސީރުން ދޫކުރުން، 7 ވަނަ ދުވަހު 5 ހަށިގަނޑު ހަވާލުކުރުން، 30 ވަނަ ދުވަހު 5 ހަށިގަނޑު ހަވާލުކުރުން، 50 ވަނަ ދުވަހު ދިރިތިބި 2 ޢަސީރުން ދޫކުރުން އަދި 60 ވަނަ ދުވަހު 8 ހަށިގަނޑު ހަވާލުކުރުމެވެ. ޢަސީރުންނާއި މަރުވެފައިވާ ޢަސީރުންގެ ހަށިތައް ބަދަލުކުރުމުގައި އެއްވެސް އިތުރު ބައްދަލުވުމެއް ނުވަތަ އެއްވުމެއް ނުބޭއްވުމަށް ވަނީ ޝަރުތު ކޮށްފައެވެ.
މީގެއިތުރުން އެ ހުށަހެޅުމުގައި ވަނީ ވޭތުވެދިޔަ ޖެނުއަރީ 19 ވަނަ ދުވަހުގެ އެއްބަސްވުމާ އެއްގޮތަށް، އ.ދ އާއި ރެޑް ކްރެސެންޓްގެ ބައިވެރިވުމާއެކު، ވަގުތުން ވަގުތަށް އެކަށީގެންވާ މިންވަރަކަށް ޣައްޒާއަށް އިންސާނީ އެހީ ވެއްދުމަށެވެ.
ހުށަހެޅުމާ އެއްގޮތަށް، 8 ޢަސީރުން ދޫކޮށްލުމަށްފަހު، އެއްބަސްވެވޭ ޗާޓުތަކާ އެއްގޮތަށް އިޒްރާއީލް ސިފައިން ޣައްޒާގެ އުތުރުން އަދި ހަތްވަނަ ދުވަހު ދެކުނުން ވެސް އެއްބަސްވެވޭ ޗާޓުތަކާ އެއްގޮތަށް އަނބުރާ ގެންދަން ޖެހޭނެއެވެ.
މައި އެއްބަސްވުމަށް ވާސިލުވުމަށްފަހު ކުރިއަށްގެންދެވޭ އަވަސް މަޝްވަރާތަކެއްގައި ޓެކްނިކަލް ޓީމުތަކުން ސިފައިން އަނބުރާ ގެންދާނެ ސަރަޙައްދުތަކުގެ އިން ކަނޑައަޅާނެއެވެ. ދާއިމީ ހަނގުރާމަ ހުއްޓުވުމަށް މަޝްވަރާތައް އެއްބަސްވުން ތަންފީޒުކުރަން ފެށުމާއެކު، ދާއިމީ ހަނގުރާމަ ހުއްޓުވުމަށް މައިގަނޑު ނުކުތާތަކެއްގެ މައްޗަށް މަޝްވަރާތައް ފެށޭނެއެވެ.
އެ މައިގަނޑު ނުކުތާތަކަކީ ބާކީ ތިބި ޢަސީރުން ދޫކޮށްލުން، ޣައްޒާގެ ދިގު މުއްދަތުގެ ސަލާމަތީ އިންތިޒާމުތައް ހަމަޖެއްސުމެވެ. އަދި ދާއިމީ ގޮތަކަށް ހަނގުރާމަ ހުއްޓާލުން އިޢުލާންކުރުމެވެ.
ދިހަވަނަ ދުވަހު، ހަމާސްއިން ބާކީ ތިބި ޢަސީރުންގެ މަޢުލޫމާތާއި ހެކިތައް، އަދި އެމީހުން ދިރިހުރިކަން ނުވަތަ މަރުވެފައިވާކަން، މެޑިކަލް ރިޕޯޓުތަކާއެކު ހުށަހަޅާނެއެވެ.
އަދި އިޒްރޭލުން 7 އޮކްޓޯބަރ 2023 އިން ފެށިގެން ޣައްޒާއިން ހައްޔަރުކޮށްފައިވާ ފަލަސްޠީނު ހައްޔަރުކުރެވިފައިވާ މީހުންގެ ފުރިހަމަ މަޢުލޫމާތު ހުށަހަޅާނެއެވެ.
ހަނގުރާމަ ބަދަލުކުރުން ހުއްޓާލާފައި އޮންނަ މުއްދަތުގައި މަޝްވަރާތައް ކާމިޔާބުވެއްޖެނަމަ، އެކަމުގެ ސަބަބުން ދާއިމީ ހައްލެއް ލިބިގެންދާނެއެވެ. ރައީސް ޓްރަމްޕްގެ މި އެއްބަސްވުން އިޢުލާންކުރާނެ މެދުވެރިންނަކީ މިޞްރު، ޤަޠަރު، އެމެރިކާއެވެ.
ހަމަލާތައް ހުއްޓާލައިފައި އޮންނަ މުއްދަތުގައި ސީރިއަސް މަޝްވަރާތަކެއް ކުރިއަށްދާނެކަމުގެ ގެރެންޓީ ދޭނެއެވެ. އަދި ބޭނުންވެއްޖެނަމަ އެ މުއްދަތު އިތުރުކުރެވިދާނެކަމަށް ހުށައެޅުންތަކުގައި ބުނެފައިވެއެވެ.
އެއްބަސްވުމަކަށް ވާސިލުވުމުން، ހައްޔަރުކުރެވިފައިވާ ހުރިހާ އެންމެން ދޫކޮށްލެވޭނެއެވެ. އަދި އެ ހަމައަށް ވާސިލްވުމުން ރައީސް ޓްރަމްޕް އަމިއްލަފުޅަށް އެއްބަސްވުމަށް ވާސިލުވިކަން އިޢުލާންކުރައްވާނެއެެވެ.
އަދި ދާއިމީ ގޮތެއްގައި ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް މަޝްވަރާތައް ކުރިއަށް ގެންދިއުމަށް އެމެރިކާއިން ހަމަޖައްސައިފައިވާ އިންތިޒާމްތައްވެސް އިޢުލާންކުރާނެއެވެ.
ހަނގުރާމަ ނިންމުމަށްޓަކައި މަޝްވަރާތައް ކުރިއަށް ގެންދިއުމުގައި އެމެރިކާގެ ސްޕެޝަލް އެންވޯއި ސްޓީވް ވިޓްކޮފް އިސްދައުރެއް އަދާކުރާނެއެވެ. އެކްސިއޯސް ވެބްސައިޓުން އިޒްރާއިލްގެ އިސް އޮފިޝަލަކަށް ހަވާލާދީ ކުރިން ރިޕޯޓުކޮށްފައިވާ ގޮތުގައި، 60 ދުވަހުގެ ހަނގުރާމަ ހުއްޓާލުމުގެ މުއްދަތުގައި ހަނގުރާމަ ނިންމުމުގެ ޝަރުޠުތަކާމެދު އެއްބަސްވުމަކަށް ނާދެވިއްޖެނަމަ، އެކަމާމެދު ސީރިއަސް މަޝްވަރާތަކެއް ކުރެވެމުންދާނަމަ، ޓްރަމްޕްގެ އެޑްމިނިސްޓްރޭޝަނުން އެ މުއްދަތު އިތުރުކުރުމަށް ތާއީދުކުރާނެކަން އިޒްރާއިލަށާއި ހަމާސްއަށް ސާފުކޮށްދީފައިވެއެވެ.
މަޝްރަޙު ދިރާސާ ކުރާ ފަރާތްތަކުން ލަފާކުރާ ގޮތުގައި ހަމާސްއިން ހުށައެޅުންތަކަށް އެއްބަސްވާނެއެވެ. އަދި ހަމަލާބަދަލުކުރުންތައް ހުއްޓުވައި ޣައްޒާގެ ރައްޔިތުން ތިބި ނިކަމެތި ޙާލުން ސަލާމަތްކުރުމަށް ވާގިވެރިވާނެއެވެ.
އިޒްރާއިލުން ކުރިންވެސް ހަމަލާތައް މެެދުކަނޑާލުމުގެ އެއްބަސްވުމާއި ޚިލާފުވެ ހަމަލާތައް ފަށައި ހަނގުރާމަ ކުރިއަށް ގެންގޮސްފައިވާތީ އިޒްރާއިލުން އެއްބަސްވުމަށް ފުރިހަމައަށް ޢަމަލު ކޮށްފާނެކަމަށް ޤަބޫލުކުރަން ވަނީ ދަތިވެފައެވެ.