ދުނިޔެ

ނޯބެލް ސުލްހައިގެ އިނާމަށް އެންމެ އެކަށީގެންވަނީ އަހަރެން، ހަތަރު ހަނގުރާމަ ހުއްޓުވިން: ޓްރަމްޕް

ނޯބެލް ސުލްހައިގެ އިނާމަށް އެންމެ އެކަށީގެންވަނީ އަހަރެން، ހަތަރު ހަނގުރާމަ ހުއްޓުވިން: ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފޮޓޯ:އިންޓަނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

04 ޖުލައި 2025، 02:11

04 ޖުލައި 2025، 02:11

ހުލާސާ


އެމެރިކާގެ  ރައީސް ޑޮނަލްޑް ޓްރަމްޕް، ނޯބެލް ސުލްހައިގެ އިނާމަށް އެންމެ އެކަށީގެންވާ ކެންޑިޑޭޓަކީ އެބޭފުޅާ ކަމަށް ވިދާޅުވެއްޖެއެވެ. އިންޑިއާއާއި ޕާކިސްތާނާ ދެމެދު ނިއުކްލިއަރ ހަނގުރާމައެއް ފެށުން ހުއްޓުވުން ވެސް ހިމެނޭހެން، ގިނަ ހަނގުރާމަތަކެއް ހުއްޓުވުމުގައި މުހިއްމު ދައުރެއް އަދާކުރެއްވި ކަމަށް ވިދާޅުވަމުން،  މިވާހަކަ ދެއްކެވީ އައިއޯވާއަށް ވަޑައިގެން، މިނިވަން ދުވަހުގެ ޖަލްސާއެއްގައެވެ. އެ ޖަލްސާގައި ޓްރަމްޕް ވަނީ އަނެއްކާވެސް ރައީސްކަމަށް ކުރިމަތިލައްވައި، ހަތަރު އަހަރަށް އެ މަގާމުގައި ހުންނެވުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައެވެ.

ރައީސް ޓްރަމްޕް ވިދާޅުވީ، ދުނިޔޭގެ ފަސް ސަރަޚައްދެއްގައި ހަނގުރާމަތައް ހުއްޓުވުމުގައި އޭނާގެ ދައުރު ވަރަށް މުހިއްމު ކަމަށެވެ. އެގޮތުން ނިއުކްލިއަރ ބާރު ދެމެދުގައި ކުރިމަތިވެދާނެ ކަމަށް ބެލެވުނު ޕާކިސްތާނާއި އިންޑިއާގެ ހަނގުރާމަ ހުއްޓުވުމާއި، ކޮންގޯއާއި ރުވާންޑާގެ ފިތުނަވެރިކަން މަޑުޖައްސާލުމާއި، ކޮސޯވޯއާއި ސަރބިއާގެ ދެމެދު އުފެދިފައިވާ ހަމަނުޖެހުންތަކަށް ލުއިދިނުމަށް ކުރެއްވި މަސައްކަތްތައް އޭނާ ފާހަގަ ކުރެއްވިއެވެ.

ނޯބެލް ސުލްހައިގެ އިނާމު ގިނައިން ލިބެނީ "ނޭނގޭ ޕްރޮފެސަރުންނަށް" ކަމަށް ޓްރަމްޕް ސިފަކުރައްވަމުން، ދުނިޔޭގެ ސިޔާސީ މައިދާނުގައި އޭނާ ކުރެއްވި މަސައްކަތްތައް، އެހެން އެއްވެސް މީހަކަށްވުރެ ބޮޑަށް، އެ އިނާމަށް އޭނާ އެކަށީގެންވާ ކަމަށް ވަރުގަދައަށް ވިދާޅުވިއެވެ.

އޭނާ ވެރިކަމުގައި ހުންނެވި ދުވަސްވަރު، އެމެރިކާގެ އަސްކަރީ ބާރުތަކުން އިރާނުގެ ނިއުކްލިއަރ ފެސިލިޓީތައް 37 ގަޑިއިރުގެ ބޮން ގޮއްވުމުގެ ކެމްޕޭނެއްގައި ނައްތާލި ކަމަށް ވިދާޅުވިއިރު، މިކަމަށް އެއްވެސް ހެއްކެއް ނުދެއްވައެވެ.

ގައުމީ ފެންވަރުގައި ޓްރަމްޕް ފާހަގަ ކުރެއްވީ، އެމެރިކާގެ ތާރީޚުގައި ކުރެވުނު އެންމެ ބޮޑު ޤަވައިދާ ޚިލާފު މީހުން ފޮނުވާލުމުގެ ކެމްޕޭނެވެ. އޭނާގެ ވެރިކަމުގައި ޤަވައިދާ ޚިލާފަށް ބޯޑަރު ހުރަސްކުރާ މީހުންގެ އަދަދު  ދަށްވި ކަމަށާއި، އެއަށްވުރެ ކުރިން މިލިއަނެއްހައި ގަވައިދާ ޚިލާފު މީހުން ގައުމަށް ވަދެފައިވަނީ ބައިޑަންގެ ސަރުކާރުގެ ސަބަބުން ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

އަދި "ބިގް ބިއުޓިފުލް ބިލް" ގެ ދަށުން، ސޯޝަލް ސެކިއުރިޓީއަށް ޓެކްސް ނުނެގުން ފަދަ ބޮޑެތި ޓެކްސް ކުޑަކުރުންތައް ގެނައުމަށް އޭނާ ވަޢުދުވިއެވެ. މިއީ އިގްތިސާދަށް ބާރުއަޅައި، "އެމެރިކާ އަލުން އައު މަޤާމަކަށް ގެނައުމަށް" ކުރާ ކަމެއް ކަމަށް ވިދާޅުވިއެވެ.

ޓްރަމްޕް ވަނީ މީގެ ކުރިން ކުރިމަތިވި ހަމަނުޖެހުންތަކަށް އޭނާ ދެއްވި ރައްދު ދިފާޢު ކުރައްވާފައެވެ. ނޭޝަނަލް ގާޑް ބޭނުންކޮށްގެން ލޮސް އެންޖެލިސް ހަމަނުޖެހުންތަކެއްގެ ތެރެއަށް ވެއްޓުނަ ނުދެއްވާ ހިފެހެއްޓެވި ކަމަށް ވިދާޅުވިއެވެ. ނިއުޔޯކްގެ މޭޔަރުކަމަށް ކުރިމަތިލައްވާ ޒާހްރާން މަޢުމަދާނީ، ފުލުހުންނަށް ދޭ ފަންޑު ކަނޑާލުމަށް ތާއީދު ކުރައްވާ ކަމަށް ބުނެ ޓްރަމްޕް ވަނީ އޭނާއަށް ވަރުގަދަ ބަހުގެ ހަމަލާ ދެއްވާފައެވެ.

ޚާރިޖީ ސިޔާސަތާ ބެހޭ މަޢުލޫމާތު ދެއްވަމުން ޓްރަމްޕް ވިދާޅުވީ، 10 އިން 12 ގައުމަކަށް އެމެރިކާ ސަރުކާރުން އަލަށް ޓެރިފްތައް ކަނޑައަޅައި، އެކަމާ ބެހޭ ސިޓީތައް ފޮނުވާނެ ކަމަށެވެ. އަދި ހަމާސްއިން ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެފައިވޭތޯ، ނުވަތަ ނުވޭތޯ 24 ގަޑިއިރުގެ ތެރޭގައި އެނގިގެންދާނެ ކަމަށް ވިދާޅުވިއެވެ.

ފާހަގަ ކުރެވޭ ގޮތުގައި، ޕާކިސްތާނުގެ ސަރުކާރުން ވަނީ 2026 ވަނަ އަހަރުގެ ނޯބެލް ސުލްހައިގެ އިނާމަށް ރައީސް ޓްރަމްޕް ނޮމިނޭޓްކޮށްފައެވެ. ދެކުނު އޭޝިއާ ސަރަހައްދުގައި ހަމަނުޖެހުންތައް މަޑުޖައްސާލުމަށާއި، ކަޝްމީރުގެ މައްސަލައިގައި ސުލްހަ ގާއިމްކުރުމަށް އޭނާ ކުރެއްވި މަސައްކަތްތަކަށް ޕާކިސްތާނުން ވަނީ ޝުކުރު އަދާކޮށްފައެވެ. ޕާކިސްތާނުގެ ސަރުކާރުން ވަނީ ޓްރަމްޕްގެ ވެރިކަމަކީ ސުލްހައަށް އިސްކަންދޭ ވެރިކަމެއް ކަމަށް ސިފަކޮށް، ސަރަހައްދީ އަދި މެދުއިރުމަތީގެ ސުލްހަ މަސަލަހަތު ގާއިމްކުރުމުގައި އޭނާއަކީ މުހިއްމު ދައުރެއް އަދާކުރި ބޭފުޅެއް ކަމަށް ފާހަގަކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS