Ads by Stelco

ޚަބަރު

ފޭސް 2 ޝަހީދު އަލީ ސްކޫލްގެ މަސައްކަތް ނޮވެމްބަރުގައި ނިންމާ، ޖެނުއަރީގައި ކިޔެވުން ފަށަނީ

ފޭސް 2 ޝަހީދު އަލީ ސްކޫލްގެ މަސައްކަތް ނޮވެމްބަރުގައި ނިންމާ، ޖެނުއަރީގައި ކިޔެވުން ފަށަނީ

ހުޅުމާޅޭގައި ބިނާ ކުރާ ސްކޫލް ފޮޓޯ:

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

04 ޖުލައި 2025، 02:47

04 ޖުލައި 2025، 02:47

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރާ "ޝަހީދު އަލީ ސްކޫލް"ގެ މަސައްކަތް މިއަހަރުގެ ނޮވެމްބަރު މަހަށް ނިންމާ، އަންނަ ޖެނުއަރީގައި ފަށާ ދިރާސީ އައު އަހަރާއެކު ސްކޫލްގެ ކިޔެވުން ފަށާނެކަމަށް ތަޢުލީމީ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

މި ސްކޫލް ތަރައްޤީކުރުމުގެ މަޝްރޫޢަކީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިތުރުވަމުންދާ އާބާދީއާއެކު، ސްކޫލުގެ ޖާގައިގެ ދަތިކަން ޙައްލުކުރުމަށް ސަރުކާރުން ކުރިއަށްގެންދަވާ މުހިއްމު މަޝްރޫޢުއެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި ސްކޫލްގެ މަސައްކަތް ފައްޓަވައިދެއްވީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހުއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 2020 ވަނަ އަހަރު މީހުން އާބާދުވާން ފެށިނަމަވެސް، މިހާތަނަށް އެތާނގައި ދާއިމީ ސްކޫލެއްގެ ގޮތުގައި އިމާރާތްކޮށްފަވަނީ ޞަލާޙުއްދީން ސްކޫލްގައި އެކަންޏެވެ. މިހާރު ހިމެނޭ ކާމިލް ދީދީ ސްކޫލަކީ ވަގުތީ ސްކޫލެކެވެ. މި ސަރަހައްދުގައި ސްކޫލްތައް މަދުވުމަކީ، އެ ފިޔަވަހައް ދިރިއުޅުން ބަދަލުކުރާ އާއިލާތަކުގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. އެތާނގައި ދިރިއުޅޭ ގިނަ ދަރިވަރުންތަކެއް ތަޢުލީމު ޙާސިލުކުރުމަށް ދަނީ ހުޅުމާލެ ފޭސް 1 ނުވަތަ މާލޭގެ ސްކޫލްތަކަށެވެ. މި ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، މި ސަރުކާރު އައިސް އެންމެ އިސްކަންދެއްވި މަސައްކަތްތަކުގެ ތެރޭގައި ހުޅުމާލެ ފޭސް 2 ގައި އައު ސްކޫލެއް ތަރައްޤީކުރައްވަން ނިންމެވިއެވެ.

ތަޢުލީމީ ވުޒާރާއިން މަޢުލޫމާތުދެއްވާ ގޮތުގައި، މި ސްކޫލަކީ 1500 ދަރިވަރުންގެ ޖާގައިގެ ސްކޫލެކެވެ. އަދި މި ސްކޫލާށް "ޝަހީދު އަލީ ސްކޫލް"ގެ ނަމުން ނަން ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވާކަމަށްވެސް ވުޒާރާއިން ބުނެއެވެ.

މި ޕްރޮޖެކްޓްގެ މަސައްކަތްތައް ކުރިއަށްގޮސްފައިވާ ހިސާބަށް ބަލާއިރު، މުޅި އިމާރާތުގެ ކޮންކްރީޓް ހުރިހާ މަސައްކަތެއް ވަނީ ނިންމާފައެވެ. މަޝްރޫޢުގައި މިހާރު ކުރިއަށްދަނީ ފިނިޝިންގ މަސައްކަތްތަކެވެ. މުޅި މަޝްރޫޢުގެ މަސައްކަތް މިއަހަރުގެ ނޮވެމްބަރަށް ނިންމުމަށް ޢަމާޒުހިފާފައިވާއިރު، އަންނަ ޖެނުއަރީމަހު ފަށާ ދިރާސީ އައު އަހަރާއެކު ސްކޫލްގެ ކިޔެވުން ފެށޭނެއެވެ.

ފޭސް 2 ގެ އައު ސްކޫލަށް ކުދިން ވެއްދުމަށް އެކަމަށް އެދުމަށް މިދިޔަ ޖޫން މަހު ވަނީ ހުޅުވާލާފައެވެ. ތަޢުލީމީ ވުޒާރާއިން ވިދާޅުވީ، މިހާރުވެސް ވަރަށް ގިނަ އަދަދެއްގެ ދަރިވަރުން އައު ސްކޫލަށް ވެއްދުމަށް ރިކުއެސްޓް ލިބެމުންދާކަމަށެވެ.

ދެވަނަ ފިޔަވަހީގައި ބިނާކުރާ މި ސްކޫލަކީ އޭސީކޮށްފައިވާ 54 ކްލާސްރޫމާއި، މަލްޓިޕާޕަސް ހޯލަކާއި، ޒަމާނީ ވަޞީލަތްތަކުގެ އިތުރުން ޓާފްދަނޑެއް އެކުލެވޭގޮތަށް ޢިމާރާތް ކުރާ ސްކޫލެކެވެ. ސްކޫލްގެ މަސައްކަތް ކޮންޓްރެކްޓަރ ފައިނޭންސިންގ އުސޫލުން ކުރިއަށްގެންދަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރު.ސީ.ސީ) އާ ހަވާލުކޮށްގެންނެވެ.

ހުލުމާލޭގައި މިވަގުތު ހުރި ދާއިމީ ސްކޫލްތަކުގައި ހިމެނެނީ ގާތްގަނޑަކަށް 1100 ދަރިވަރުންގެ ޖާގައެވެ. ނަމަވެސް އިތުރުވަމުންދާ އާބާދީއާއެކު، ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިތުރަށް 2000-3000 ޖާގަ ބޭނުންވާކަމަށް ތަޢުލީމީ ވުޒާރާއިން ފާހަގަކުރެއެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS