ޚަބަރު
ސީ-ޓު-އެއަރ ކާގޯގެ ޚިދުމަތުން 6 މަސްދުވަހުގެ ތެރޭ 1200 އަށްވުރެ ގިނަ ޓަނުގެ ކާގޯ ފޮނުވައިފި: އެމްޕީއެލް

އެމިރޭޓްސް މެދިވެރިކޮށް ސީ-ޓު-އެއަރ ކާގޯގެ ޚިދުމަތްދެނީ ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް
ޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިއަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ ތެރޭގައި ސީ-ޓު-އެއަރ ކާގޯގެ ޚިދުމަތް މެދުވެރިކޮށް، 1200 އަށްވުރެ ގިނަ ޓަނުގެ ކާގޯ ރާއްޖެއިން ދުނިޔޭގެ އެކި ހިސާބުތަކަށް ފޮނުވާފައިވާ ކަމަށް ހާމަކޮށްފިއެވެ. އެމްޕީއެލުން މި ތަފާސްހިސާބުތައް ހިއްސާކުރައްވާފައިވަނީ އެ ކުންފުނިން ފޯރުކޮށްދެމުންދާ މި ޚިދުމަތުގެ އެންމެ ފަހުގެ މަޢުލޫމާތުތަކާއެކުއެވެ.
ސީ-ޓު-އެއަރ ކާގޯގެ ޚިދުމަތަކީ، ކަނޑުމަގުން އަންނަ މުދާ، ޓްރާންސިޓުކޮށް ވައިގެ މަގުން ދުނިޔޭގެ އެހެން ޤައުމުތަކަށް ފޮނުވުމުގެ ޚިދުމަތެކެވެ. މި ޚިދުމަތް އެމްޕީއެލްއާއި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގުޅިގެން ރާއްޖޭގައި ތަޢާރަފްކުރީ މިދިޔަ އަހަރުގެ މާރިޗުމަހުގެ ތެރޭގައެވެ. މި ޚިދުމަތަކީ މި ސަރުކާރުން ރާއްޖޭގައި މުޅިން އަލަށް ފެށި ޚިދުމަތަކަށްވާއިރު، މި ޚިދުމަތަށް އެންމެ ފުރަތަމަ ގުޅިފައިވަނީ ޓާކިޝް އެއަރލައިނެވެ.
އެމްޕީއެލްގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް އެ ކުންފުނިން ވަނީ މުޅި ޖުމްލަ 1222 ޓަނުގެ ކާގޯ އުފުލާފައެވެ. އަދި މިއީ 271 ޓީޔޫއެސް (ޓުވެންޓީ ފީޓް އިކުއިވަލެންޓް ޔުނިޓް) ގެ ކޮންޓެއިނަރުން އުފުލާފައިވާ ކާގޯގެ އަދަދުކަމަށް އެމްޕީއެލްއިން ފާހަގަކުރެއެވެ.
މިއަހަރުގެ ފުރަތަމަ 6 މަސްތެރޭގައި ބައިނަލްއަޤްވާމީ 10 އެއަރލައިނަކުން ވަނީ ސީ-ޓު-އެއަރ ކާގޯގެ ޚިދުމަތާ ގުޅިފައެވެ. މި މުއްދަތުގެ ތެރޭގައި ސީ-ޓު-އެއަރ މެދުވެރިކޮށް ދުނިޔޭގެ 15 މަންޒިލަކަށް، ރާއްޖެއިން ކާގޯ ފޮނުވާފައިވާކަމަށް އެމްޕީއެލްއިން ވިދާޅުވެފައިވެއެވެ. މި ޚިދުމަތާ ގުޅިފައިވާ އެއަރލައިންތަކުގެ ތެރޭގައި ޓާކިޝް އެއަރލައިންސް، ވާރޖިން އެޓްލާންޓިކް އެއަރލައިންސް، އިއްތިހާދު އެއަރލައިންސް، ސްވިޒް އެއަރލައިންސް، އަޒަރްބައިޖާން އެއަރލައިންސް، ލުފްތަންސާ އެއަރލައިންސް، ސަޢޫދީ އެއަރލައިންސް، ގަތަރު އެއަރވޭސް، އަދި އައިޓީއޭ އެއަރވޭސް ހިމެނެއެވެ.
ސީ-ޓު-އެއަރ ކާގޯ ޚިދުމަތް ފުޅާވަމުން އަންނައިރު، މި ޚިދުމަތުގެ ސަބަބުން މިހާތަނަށް ރާއްޖޭގެ އިޤްތިސާދަށް އެތައް މިލިޔަން ޑޮލަރެއް ވަދެފައިވާކަމަށް އެމްޕީއެލްއިން ވިދާޅުވެއެވެ. ސީ-ޓު-އެއަރ ކާގޯ ޚިދުމަތަކީ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުން ކުރަމުން އަންނަ، އަދި މި މަސައްކަތުން އެގައުމުތަކުގެ އިޤްތިޞާދަށް ބޮޑެތި މަންފާތަކެއް ލިބެމުން އަންނަ މަސައްކަތެކެވެ.
މީގެ އިތުރުން، ރާއްޖެއަކީ ބައިނަލްއަޤްވާމީ ގިނަ އެއަރލައިންތަކަކުން ދަތުރުތައް ކުރާ ޤައުމަކަށްވާއިރު، މި ޚިދުމަތް ފުޅާކުރުމުގައި ރާއްޖެއަށް ފުރުޞަތުތައް ގިނަކަމަށް އެމްޕީއެލްއިން ފާހަގަކުރެއެވެ. މި ޚިދުމަތުގެ ދަށުން، މުދާ ފޮނުވޭ ގައުމުތަކުގެތެރޭގައި އެމެރިކާ، ކެނެޑާ، އިނގިރޭސިވިލާތް އަދި ޔޫރަޕުގެ ގައުމުތައް ހިމެނެއެވެ. އާންމުކޮށް ސީ-ޓު-އެއަރ ކާގޯގެ ޚިދުމަތް މެދުވެރިކޮށް ރާއްޖެއިން ބޭރުކުރަނީ، ބަންގްލަދޭޝްގައި އުފައްދާ އަންނައުނުގެ ބާވަތްތަކެވެ.