ދީން / ޚަބަރު

ރިބާއަކީ މުދަލުގެ ބަރަކާތް ކެނޑި، ދިރިއުޅުން ނުތަނަވަސްކުރުވާ ނުރައްކާތެރި އެއްޗެއް: ޚުޠުބާ

ރިބާއަކީ މުދަލުގެ ބަރަކާތް ކެނޑި، ދިރިއުޅުން ނުތަނަވަސްކުރުވާ ނުރައްކާތެރި އެއްޗެއް: ޚުޠުބާ

އިސްލާމީ މަރުކަޒު ފޮޓޯ:އިންޓަނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

04 ޖުލައި 2025، 03:07

04 ޖުލައި 2025، 03:07

ރިބާގެ ނުރައްކާތެރި ވަބާއިން އިޤްތިޞާދީ ނިޒާމު ސަލާމަތްކުރުމަކީ، މުޅި މުޖުތަމަޢުގެ ހައްޤުގައި ކޮންމެ ފަރުދަކުވެސް ކުރަންޖެހޭ ކަމެއްކަމަށް، މިއަދު ރާއްޖޭގެ މިސްކިތްތަކުގައި ދެވުނު ހުކުރު ޚުޠުބާގައި ވަނީ ވިދާޅުވެފައެވެ. މި ހަފްތާގެ ހުކުރު ޚުޠުބާ ޚާއްސަކޮށްފައިވަނީ "ޙަލާލު ގޮތުގައި މާލީ މުޢާމަލާތްތައް ކުރުން" މި މައުޟޫއަށެވެ.

ޚުޠުބާގައި ބަޔާންކޮށްފައިވާ ގޮތުގައި، ކެއުމުގައި ޙަލާލު ތަކެތި ހޯދުމަށް އިސްކަންދޭފަދައިން، އެތަކެތި ގަތުމަށް ބޭނުންކުރާ ފައިސާއަކީވެސް ޙަލާލު ގޮތުގައި ހޯދައިފައިވާ ފައިސާ ކަމުގައި ހަދަންޖެހެއެވެ. އަދި ތިމާގެ އަނބިދަރީންގެ ކެއުމާއި، އަންނައުނާއި، ބޯހިޔާވަހިކަމަކީ، ރިބާގެ މުޢާމަލާތުތަކުން ހޯދި ފައިސާއިން ގަނެ ފޯރުކޮށްދޭ އެއްޗެއްކަމުގައި ނެހެދުމަށް ވަނީ ގޮވާލައްވާފައެވެ.

ރިބާއަކީ މުދަލުގެ ބަރަކާތް ކެނޑި، ދިރިއުޅުން ނުތަނަވަސްވެ، ލިބޭ މިންވަރާ މެދު ހިތްހަމަނުޖެހި، މުދަލާއި ފައިސާއަށް އިންސާނާގެ ދަހިވެތިކަން މަތިމައްޗަށް އިތުރުކުރުވާ ނުރައްކާތެރި އެއްޗެއްކަން ހަނދާންކޮށްދެއްވާ ޚުޠުބާގައި ވިދާޅުވިއެވެ. މީގެ އިތުރުން ރިބާއަކީ އުޚުރަވީ ޙަޔާތުގައިވެސް ވޭންދެނިވި ޢަޛާބާ ކުރިމަތިލާން ޖެހޭނެ އެއްޗެއްކަމަށް ބަޔާންކުރިއެވެ.

ޤުރުއާނުގެ އާޔަތެއްގެ މާނަ ހިމަނައި، ހުކުރު ޚުޠުބާގައި ފާހަގަކުރެއްވީ، ރިބާ ކާމީހުން ޤިޔާމަތް ދުވަހުން ކަށްވަޅުން ތެދުވާނީ ޖިންނި މޮޔަވެގެން، ޝައިޠާނާ ތަޅުވަމުން ފޮޅުވަމުން ގެންދާ މީހަކު ތެދުވާ ފަދައިން ކަމަށެވެ. އަދި، ވިޔަފާރިކުރުން ﷲ ހުއްދަކުރައްވާފައިވާއިރު، ރިބާ ވަނީ ޙަރާމްކުރައްވާފައިކަން އެ ޚުޠުބާގައި ބަޔާންކުރިއެވެ. ރިބާގެ ޙުކުމްތައް އައުމުގެ ކުރީން ބޭނުންކުރި ތަކެތި މާފުކުރައްވާފައިވީ ނަމަވެސް، އަލުން އެ ކަމަށް އެނބުރި އަތުވެއްޖެ މީހާ ނަރަކައިގެ އަހުލުވެރީންގެ ތެރެއިން ވާނެކަމަށް ޚުޠުބާގައި ވަނީ އިންޒާރު ދެއްވާފައެވެ.

ޚުޠުބާގައި އިޝާރާތްކުރި ގޮތުގައި، އިސްލާމް ދީނުގައި އަޅުކަންތަކަށް އިސްކަންދޭފަދައިން، ދޭދޭ ފަރުދުންގެ މެދުގައި ކުރެވޭ ތަފާތު މުޢާމަލާތުތަކަށްވެސް ފަރުވާތެރިވުން މުހިންމެވެ. މީގެ ކުރިން މަޖުބޫރު ހާލަތެއްގައި ރިބާ ހިމެނޭ ލޯނުތަކާއި އިންޝުއަރަންސް ނަގަން ޖެހުނު ކަމުގައި ވިއަސް، މިއަދު މި ވަނީ އިސްލާމީ ޝަރީޢަތާ އެއްގޮތަށް މާލީ މުޢާމަލާތު ހިންގޭނެ މަގު ތަނަވަސްވެފައިކަން ޚުޠުބާގައި ފާހަގަކުރެއްވިއެވެ.

މުޅި ދުނިޔެއަށް މިހާތަނަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ގިނަ ކާރިސާތައް މެދުވެރިވި ސަބަބަކަށް ވެފައިވަނީ ރިބާގެ ނުރައްކާތެރި ވަބާކަން ޚުޠުބާގައި ފާހަގަކުރައްވާ ވިދާޅުވީ، ރިބާގެ ސަބަބުން އިޤްތިޞާދީ ނަފާވެރިކަން މަދުބައެއްގެ އަތްމައްޗަށް ގޮސް، މުޅި މުޖުތަމަޢުގެ ތެރޭގައި އޮންނާންޖެހޭ އިޤްތިޞާދީ ޢަދުލުވެރިކަން ނެތި ކޮށްލާކަމަށެވެ.

އިސްލާމީ އުޞޫލުތަކާ އެއްގޮތަށް ފައިސާގެ މުޢާމަލާތުތައްކުރުމަކީ، ދެ ދުނިޔޭގެ ކާމިޔާބީއާއި ފަލާޙު މިންވަރުކުރައްވާނޭ ގޮތްކަން ހަނދާންކޮށްދެއްވާ، ޚުޠުބާގައި ވިދާޅުވީ އެއްވެސް ފާފައަކަށް އެހީތެރިވެދޭ މީހަކީ، އެ ފާފަ ކުރާ މީހެކޭ އެއްފަދަ މީހެއްކަމުގައި އިސްލާމް ދީން ދެކޭކަމަށެވެ. މިއީ މުސްލިމް މުޖުތަމަޢެއްގެ އިޤްތިޞާދީ ހަމަޖެހުމާއި ފާގަތިކަމަށްޓަކައި ކޮންމެ ފަރުދަކުވެސް ފަރުވާތެރިވާންޖެހޭ ކަމެއްކަމަށް ޚުޠުބާގައި ގޮވާލެއްވިއެވެ.

                    

މި ލިޔުން ކިޔާލުމުން