ޚަބަރު
ވީއައިއޭގައި ތަރައްޤީކުރި އައު ޓަރމިނަލް ފުރަތަމަ ފަހަރަށް ދިއްލާލައިފި

ވީއައިއޭގެ އައު ޓަރމިނަލް ފުރަތަމަ ފަހަރަށް ދިއްލާލުން/ފޮޓޯ: ވީއައިއޭ
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު، ވީއައިއޭގައި ތަރައްޤީކުރި އައު ޓަރމިނަލް ފުރަތަމަ ފަހަރަށް ދިއްލާލައިފިއެވެ.
ވީއައިއޭ އިން ވަނީ، އެ އެއަރޕޯޓުގެ އައު ޓަރމިނަލް ފުރަތަމަ ފަހަރަށް އެއްކޮށް ދިއްލާލާފައިވާ މަންޒަރު ފެންނަ ފޮޓޯއެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.
މި ޓަރމިނަލަކީ ކޮންމެ އަހަރަކު ޖުމްލަ 7 މިލިއަން ދަތުރުވެރިންނަށް ޚިދުމަތް ދެވޭނެގޮތަށް ފަރުމާކުރެވިފައިވާ ޓަރމިނަލެކެވެ. އަދި 72،000 އަކަފޫޓުގެ ބޮޑުމިން ހުންނަ މި ޓާމިނަލުގައި 47 ޗެކިންގ ކައުންޓަރާއި، 6 ސެލްފް ސަރވިސް ކިއޮސްކް ޒަމާނީ ބެގެޖް ހޭންޑްލިން ސިސްޓަމަކާއި، އެޑްވާންސް ސެކިއުރިޓީ ސްކްރީނިން ސިސްޓަމެއް ހުންނާނެއެވެ.
މިއަހަރުގެ މިނިވަން ދުވަސް (ޖުލައި 26) އާއި ގުޅިގެން ހުޅުވުމަށް ނިންމާފައިވާ ވީއައިއޭގެ އައު ޕަސެންޖަރ ޓަރމިނަލް ވެގެންދާނީ އެތަނުން ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު މަތި، އަދި ޒަމާނީ ވަސީލަތްތައް ގާއިމްވެފައިވާ ތަނަވަސް ޓާމިނަލަކަށް ކަމަށް އެމްއޭސީއެލުން ވިދާޅުވެއެވެ. ޓާމިނަލް ހުޅުވުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ކުރިއަށްދާއިރު، އެކި ދާއިރާތަކުން މުވައްޒަފުން ތަމްރީންކުރުމަށް ޚާއްސަ ސަމާލުކަމެއް ދީގެން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.
މީގެ އިތުރުން، މި އައު ޕަސެންޖަރ ޓަރމިނަލާއެކު ރާއްޖޭގެ އިޤްތިޞާދަށް ކުރިއެރުންތަކެއް ލިބި، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެގެންދާނެ ކަމަށް ލަފާކުރެވެއެވެ. ސަރުކާރުން މި އަހަރު ރާއްޖެއަށް 2.3 މިލިޔަން ފަތުރުވެރިން ގެނައުމަށް އަމާޒުހިފާފައިވާއިރު، މި އައު ޓަރމިނަލުން މި އަމާޒު ހާސިލްކުރުމަށް އެހީތެރިވެދޭނެކަމަށް ބެލެވެއެވެ.