Ads by Stelco

ޚަބަރު

ސަރުކާރުން ފަހިކޮށްދޭ ހައުސިންގ މަޝްރޫޢުގައި، އަމިއްލަ ގޯތީގައި ހައުސިން ޔުނިޓް އިމާރާތްކުރުމުގެ ފުރުޞަތު ހުޅުވާލައިފި

ސަރުކާރުން ފަހިކޮށްދޭ ހައުސިންގ މަޝްރޫޢުގައި، އަމިއްލަ ގޯތީގައި ހައުސިން ޔުނިޓް އިމާރާތްކުރުމުގެ ފުރުޞަތު ހުޅުވާލައިފި

ދިއްދޫގައި ކުރިއަށްދާ މަޝްރޫޢުގެ ތެރެއިން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

04 ޖުލައި 2025، 06:15

04 ޖުލައި 2025، 06:15

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ގެދޮރުވެރިކަމުގެ ވަޢުދުފުޅާ އެއްގޮތަށް، ސަރުކާރުން ފަހިކޮށްދޭ ހައުސިންގ މަޝްރޫޢުގެ ދަށުން، އަމިއްލަ ގޯތީގައި ހައުސިންގ ޔުނިޓް އިމާރާތްކުރަން ބޭނުންވާ ފަރާތްތަކުގެ އަދަދާއި ގޯތީގެ ތަފްސީލްތައް ހޯދުމުގެ މަސައްކަތް އިމާރާތްކުރުމާއި ގެދޮރިވެރިކަމާ ބިނާރާބެހޭ ވުޒާރާއިން ފަށައިފިއެވެ. މި މަސައްކަތް މިހާރު ދަނީ ކައުންސިލްތައް މެދުވެރިކޮށް ކުރިއަށް ގެންދަމުންނެވެ.

މިއީ އަމިއްލައަށް ގެދޮރު އިމާރާތްކުރުމުގައި މާލީގޮތުން ދަތިކަން ހުރި ފަރާތްތަކަށް އެހީތެރިވެދީ، އެމީހުންގެ އަމިއްލަ ބިންތަކުގައި ގެދޮރު އަޅާ ދިރިއުޅެވޭނެ މަގު ފަހިކުރުމަށް ސަރުކާރުން ތަނަވަސްކޮށްދޭ ފުރުޞަތެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިކަން އިޢުލާނުކުރެއްވީ މިއަހަރުގެ ފެބްރުއަރީމަހު ރ. މީދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި، މި ފުރުޞަތު ދެނީ ސަރުކާރުން އަތޮޅުތަކުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢު ކުރިއަށް ގެންދިއުމަށް ނިންމާފަވާ 57 ރަށަށެވެ. ސަރުކާރުން މިހާރުވަނީ އަތޮޅުތަކުގައި 12,000 އަށްވުރެ ގިނަ ހައުސިންގ ޔުނިޓް އެޅުމަށް އިޢުލާނުކޮށްފައެވެ. މި ރަށްތަކުގެ ތެރެއިން އަމިއްލަ ގޯތީގެ ބިންތަކުގައި ހައުސިންގ ޔުނިޓް އަޅަން ބޭނުންވާ މީހުން ހޯދުމަށް، ކައުންސިލްތައް މެދުވެރިކޮށް އެ މަސައްކަތް މިހާރުވަނީ ފަށާފައެވެ.

އެގޮތުން ކައުންސިލްތަކުން މިހާރު ދަނީ، އެފަދަ ފަރާތްތައް ހޯދުމަށް އިޢުލާނުކުރަމުންނެވެ. ބައެއް ރަށްތަކުން މިހާރު ވަނީ ގެޒެޓުގައި އެކަން އިޢުލާނުކޮށްފައެވެ. ގެދޮރުވެރިކަމާބެހޭ ވުޒާރާއިން އިލްތިމާސްކުރައްވާފައި ވަނީ ކައުންސިލްތަކުން ދޭ މުޙުލަތުގައި، އެ މަޢުލޫމާތު ކައުންސިލްތަކާ ޙިއްސާކުރަމުން ގެންދިއުމަށެވެ. ކައުންސިލްތަކުން މިކަމަށް އިޢުލާނުކުރާއިރު، ގެޒެޓުގައާއި އަދި އާއްމުކޮށް އެކަން އަންގާ އިޢުލާނުކުރާނެއެވެ.

މި ޕްރޮޖެކްޓްގެދަށުން އަޅަނީ 3 ކޮޓަރިގެ ހައުސިންގ ޔުނިޓްތަކެވެ. މިގޮތަށް ވަކި ވަކި ފަރުދުންގެ ބިންތަކުގައި އަޅާ ގެތަކުގެ އަދަދުތައް ކަނޑައެޅުމުން، އެ ރަށަކަށް ކަނޑައަޅާފައިވާ ޖުމްލަ އަދަދުގެ ބާކީ ހައުސިންގ ޔުނިޓްތައް އަޅާނީ ކައުންސިލުން ނިންމާ ވަކި ސަރަޙައްދެއްގައެވެ. މި ޔުނިޓްތައް ސަރުކާރުން އަޅައިދެނީ، ސަރުކާރުގެ އެހެނިހެން ހައުސިންގ ސްކީމްތަކުން ދޫކުރާ ގެތަކަށް ފައިސާ ދައްކާ އުސޫލުތަކާ އެއްގޮތަށެވެ.

ސަރުކާރުން މިހާރުވަނީ، އަތޮޅުތަކުގެ ރަށްތަކުގައި ސަރުކާރުން ކުރިއަށްގެންދިއުމަށް ނިންމާފަވާ ހައުސިންގ މަޝްރޫޢުތަކަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް ކޮންޓްރެކްޓަރުން ހޯދުމަށް ރާއްޖެއާއި ބޭރުގެ ކޮންޓްރެކްޓަރުންނަށް ފުރުޞަތު ހުޅުވާލާފައެވެ. އަދި މިކަމަށް ގިނަ ޕްރޮޕޯސަލްތަކެއް ލިބެމުންދާކަން ސަރުކާރުން ފާހަގަކުރައްވައެވެ.

މިއަހަރަކީ ސަރުކާރުން ބޯހިޔާވަހިކަމަށް ޚާއްސަ އިސްކަމެއް ދީގެން މަސައްކަތްތައް ކުރިއަށްގެންދާ އަހަރެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅުއްވާފައިވާ އަހަރެކެވެ. އެގޮތުން ބޯހިޔާވަހިކަމަށް އިސްލާމިކް ފައިނޭންސްގެ ތެރެއިން ލޯނު ފެސިލިޓީ ދޫކުރުމާއި އަދި ޢުމްރާނީ ގިނަ މަސައްކަތްތަކެއްވެސް ދަނީ ކުރިއަށްގެންދަމުންނެވެ. ސަރުކާރުން މިއަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމާ ގުޅުންހުރި މަސައްކަތްތަކަށް 2 ބިލިޔަނެއްހާ ރުފިޔާ ވަނީ ކަނޑައަޅުއްވާފައެވެ.

                    

މި ލިޔުން ކިޔާލުމުން

Ads by MSS