Ads by Stelco

ޚަބަރު

ޗައިނާއިން ރާއްޖެއަށް 1،44،173 ފަތުރުވެރިން ޒިޔާރަތްކޮށްފި

ޗައިނާއިން ރާއްޖެއަށް 1،44،173 ފަތުރުވެރިން ޒިޔާރަތްކޮށްފި

ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެެއް އެއަރޕޯޓުގައި

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

05 ޖުލައި 2025، 11:39

05 ޖުލައި 2025، 11:39

މިއަހަރުގެ މިހާތަނަށް ޗައިނާއިން ރާއްޖެއަށް 144،173 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. 

މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 17.5 އިންސައްތައިގެ ކުރިއެރުމެކެވެ.

މިވަގުތު ރާއްޖޭގެ ފަތުރުވެރިކަމުގެ އެއް ނަންބަރު މާކެޓްގެ ގޮތުގައި ޗައިނާ ވަނީ ހިމެނިފައެވެ. އަދި މިއަހަރު ރާއްޖެއަށް ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި އެންމެ ފުރަތަމަ ޤައުމަކީވެސް ޗައިނާއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޗައިނާއިން ރާއްޖެއަށް އައިސްފައިވަނީ 122,608 ފަތުރުވެރިންނެވެ.

ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ ޖުމްލަ 1،119،182 ފަތުރުވެރިންނެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 9.2 އިންސައްތައިގެ އިތުރުވުމެކެވެ.

ޗައިނާގެ އިތުރުން ރަޝިޔާ އަދި އިނގިރޭސިވިލާތުން ވެސް ވަނީ ލައްކައަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. އެގޮތުން ރަޝިޔާއިން 128،431 ފަތުރުވެރިންނާއި، އިނގިރޭސިވިލާތުން 109،132 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.

އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން 72.4 އިންސައްތަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ. އަދި 22.5 އިންސައްތަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ގެސްޓްހައުސްތަކުގައެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން މިއަހަރަށް އަމާޒުހިފާފައިވަނީ 2.3 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމަށެވެ. އަދި މިމަހުގެ 26 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ އައު ޕެސެންޖަރ ޓަރމިނަލް ހުޅުވުމާއެކު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ބެލެވެއެވެ.

 

 

މި ލިޔުން ކިޔާލުމުން

Ads by MSS